ބޮލީވުޑް

ހުވަފެންތައް ހަގީގަތަކަށް ހެދީ ގެއިން ފިލައިގެން ގޮސް: ޝެހެނާޒް

ޝެހެނަޒް ގިލްގެ މަޝްހޫރުކަން އިތުރުވެ މީހުންނަށް އޭނާ އަކީ ކާކުކަން އެނގެން ފެށީ ކަލާޒް ޓީވީގެ ރިއަލިޓީ ޝޯ "ބިގް ބޮސް"ގައި ބައިވެރިވެ ބިގް ބޮސްގެ ގޭގައި ހޭދަކުރި ދުވަސްތަކުގައެވެ.

ޝެހެނާޒް އާއި އޭނާގެ އޭރުގެ ލޯބިވެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ސިދާރްތު ޝުކްލާގެ ލޯބީގެ މަންޒަރުތައް މި ޝޯ ބެލި ގިނަ ބައެއްގެ ފޫހިފިލުވާދީފައި ވެއެވެ.

ބިގް ބޮސްގެ އެފަހަރުގެ ސީޒަންގެ އެއްވަނަ ހޯދީ ސިދާރްތެވެ. އަދި އޭގެ ފަހުން މާގިނަ ދުވަހެއް ނުވެ ސިދާރްތު ވަނީ ހާޓް އެޓޭކެއް ޖެހިގެން މަރުވެފަ އެވެ. މިކަމުގައި ހިތާމައިގައި ޝެހެނާޒް ވަރަށް ގިނަ ދުވަހު އުޅުނެވެ. ނަމަވެސް ހިތްވަރުކޮށްފައި އަނެއްކާވެސް އޭނާ ވަނީ އާ ފެށުމަކުން ދިރިއުޅުމާއި ކެރިއަރު ފަށާފަ އެވެ. އެގޮތުން ބޮލީވުޑް ފިލްމެއްގެ މަސައްކަތް ވެސް ޝެހެނާޒް މިހާރު ކުރަމުން އެބަގެންދެ އެވެ. ސަލްމާން ޚާންގެ "ކިސީ ކާ ބާއީ ކިސީ ކީ ޖާން" އެވެ.

މި ހަފުތާ ބަންދުގައި ދައްކަން ހަމަޖެހިފައިވާ ސޮނީގެ ސިގިން ރިއަލިޓީ ޝޯ "އިންޑިއަން އައިޑަލް 13"ގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ޝެހެނާޒް ބައިވެރިވެ އެވެ. އަދި މި ޝޯގައި ޝެހެނާޒް ވަނީ އޭނާގެ ހަޔާތުގެ ވަރަށް ގިނަ ވާހަކަތައް ބެލުންތެރިންނާއި ޝޯގެ ބައިވެރިންނާ ހިއްސާ ކޮށްފަ އެވެ.

މި ޝޯގައި ލަވަކިޔުންތެރިޔާ ދޭބޯސްމީތާ ރޯއީ އާ ވާހަކަ ދައްކަމުން ޝެހެނާޒް ބުނީ އޭނާ ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ގެއިން ފިލައިގެން ދިޔަ ކަމަށެވެ.

ޝެހެނާޒް ބުނެފައިވާ ގޮތުގައި އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ވަރަށް ޅައިރު އޭނާ ވަނީ ގެއިން ފިލައިން ގޮއްސަ އެވެ.

"ތިއީ ވަރަށް ނަސީބުގަދަ ކުއްޖެއް. ސަބަބަކީ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތުގައި މައިންބަފައިންގެ ތާއީދާއި މަދަދު ލިބޭތީ. އެހެންވީމަ އަބަދުވެސް މައިންބަފައިން ފަޚުރުވެރިވާ އަދި އެމީހުންނަށް އެހީތެރިވާ ދަރިއަކަށް ވެވޭތޯ ބަލާތި،" ދޭބޯސްމީތާ އާ މުޚާތަބުކޮށް ޝެހެނާޒް ބުންޏެވެ.

ޝެހެނާޒް ބުނި ގޮތުގައި އޭނާ ގެއިން ފިލި ނަމަވެސް ފަހުން އޭނާގެ މައިންބަފައިން އޭނާއަށް މައާފުކޮށް އެހީތެރިކަން ފޯރުކޮށްދޭން ފެށި އެވެ. އަދި ދާދިފަހުން މަންމަ ގޮވައިގެން ޑުބާއީ އަށް ކުރި ދަތުރަކީ ވެސް ވަރަށް އުފާވެރި ދަތުރެއް ކަމަށް އޭނާ ބުންޏެވެ.