ބޮލީވުޑް

މާ ގިނަ ދުވަހު "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ކުޅެވުނީތީ ހިތާމަކުރަން: ހީނާ

ޓީވީ ދުނިޔޭގައި ހީނާ ޚާން އަކީ މިހާރު ވަރަށް ވިދާ ބަތަލާ އެކެވެ. ނަމަވެސް އޭނާ ޓީވީ އަށް ތައާރަފްވީ ސިލްސިލާ "ޔޭ ރިޝްތާ ކެހެލާ ތާ ހޭ" ކުޅެން ފެށިއިރު އެކަކު ވެސް ހީނާއެއް ނުދަނެ އެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އެ ސިލްސިލާގައި ބަތަލާގެ ބައި ކުޅެ އިންޑިއާގެ ހުރިހާ ގެއެއްގެ އެންމެން ދެކެފަރިތަ މަގުބޫލު ބަތަލާއަކަށް އޭނާ ވަނީ ވެފަ އެވެ.

ދާދިފަހުން ހީނާ ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" އިން އޭނާ އަށް ވަކިވެވުނުލެއް މާ ލަހެވެ. އެއަށް ވުރެ ކުރިން އެ ސިލްސިލާ ދޫކޮށްލެވުނު ނަމައޭ މިހާރު ހިތަށް އަރަ އެވެ. އަދި އެކަން އެގޮތަށް ނުކުރެވުނީތީ މިހާރު ދެރަވެ އެވެ.

"ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ކުޅެން ހީނާ ފެށީ 2009 ގައެވެ. އަދި އަށް އަހަރު ވަންދެން އޭނާ އެ ސިލްސިލާގައި އަކްޝަރާ ސިންގާނިއާގެ ރޯލު އަދާ ކުރި އެވެ.

އަކްޝަރާ ކައިވެނިކޮށް ދަރިން ލިބި އެ ދަރިން ބޮޑެތިވެ ކައިވެނި ކުރަން ތައްޔާރުވާތަން ދެއްކި ހިސާބުން ހީނާ އެ ސިލްސިލާ އާ ވަކިވީ އެވެ. އެހާ ބޮޑެތި ކުދިންތަކެއްގެ މަންމައެއްގެ ރޯލާއި އަދި ފަހުން މާމަގެ ރޯލު ވެސް ކުޅެން ޖެހޭނެކަން އެނގޭތީ އެވެ.

ނޮވެމްބަރު 2016ގައި "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ދޫކޮށްލުމަށްފަހު ވިދިގެން އައި އަހަރު ހީނާ ވަނީ ކަލާޒް ޓީވީގެ "ފިއާ ފެކްޓާ – ޚަތުރޯން ކޭ ކިލާޅީ 8"ގައި ބައިވެރިވެފަ އެވެ. އަދި މި ޝޯ އޭނާ ނިންމާލީ ފަސްޓް ރަނަރަޕްގެ ގޮތުގަ އެވެ. އޭގެ ފަހުން ބައެއް މިއުޒިކް ވީޑީއޯތަކާއި ކުރު ފިލްމުތައް އޭނާ ކުޅެފައި ވެއެވެ.

އޭޕްރީލް 2019ގައި ހީނާ އަނެއްކާވެސް ސިލްސިލާއެއް ކުޅެން ސޮއިކުރި އެވެ. "ކަސޯޓީ ޒިންދަގީ ކޭ 2" އެވެ. އެ ޝޯގައި އޭނާ ކުޅުނީ ކޯމަލިކާގެ ރޯލެވެ. ނަމަވެސް ބޮލީވުޑް ފިލްމެއް ކުޅެން ލިބުމުން އެ ޝޯ ދޫކޮށްލީ އެވެ.

ހީނާ ބޮލީވުޑަށް ނުކުތީ "ލައިންސް" ކިޔާ ފިލްމަކުންނެވެ. މި ފިލްމުގައި ފަރީދާ ޖަލާލް ވެސް މުހިއްމު ރޯލެއް ކުޅެފައި ވެއެވެ.

"ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ދޫކޮށްލިފަހުން ހީނާ އަށް ވަރަށް ގިނަ ވެބް ސީރީޒްތަކާއި ޓީވީ ޝޯތައް ކުޅުމުގެ ފުރުސަތުތައް ލިބެމުންދިޔަ އެވެ.

ބޮޑެތި ކުދިންގެ މަންމައެއްގެ ރޯލު އެ ސިލްސިލާގައި ނުކުޅެ ސިލްސިލާ ދޫކޮށްލެވުނުނަމަ މާ ރަނގަޅުވީހޭ މިހާރު އޭނާ ހިތަށް އަރަނީ ސިލްސިލާ ދޫކޮށްލިފަހުން ލިބެމުންދާ ކާމިޔާބީއަށް ބަލާފައި ކަމަށް ވެއެވެ.

ހީނާ މިހާރު ތައްޔާރުވަމުންދަނީ ޒީ ތިއޭޓާގެ ޓެލެޕްލޭއެއް ކުޅުމަށެވެ. "ޝޭޑީޔަންތުރާ" ކިޔާ ތަމްސީލުގައި ހީނާ ކުޅެނީ ވަރަށް ވަރުގަދަ އަންހެނެއްގެ ރޯލެވެ.