ޑިސެމްބަރު 1990ގެ ވަރަށް ފިނި ދުވަހެއްގައި އިރްމާ ޑުވެލިޝްވިލީ އެއްމާބަނޑު ދެ އަންހެންކުދިން ވިހެއެވެ. ޖޯޖިއާގެ ވެރިރަށް ތިބްލީސީގެ މެޓާނިޓީ ހޮސްޕިޓަލެއްގައި އިރްމާ ވިހެއުމާއެކު ޑޮކްޓަރުން އޭނާ ކައިރީ ބުނި ވާހަކަ މިހާރުވެސް އިރްމާ ހަނދާން އެބަހުއްޓެވެ. އޭނާ ވިހޭ އެއްމާބަނޑު ދެބެން ވެސް ސިއްހަތު މުޅިން ރަނގަޅު ކަމަށާއި ދެބެން ވެސް ދުނިޔޭގައި އެބައޮތް ކަމަށެވެ. ނަމަވެސް އޭގެ އަނެއް ދުވަހު ހޮސްޕިޓަލުން އިރްމާ އާއި އޭނާގެ އާއިލާއަށް ދިނީ ހިތާމަވެރި ޚަބަރެކެވެ. އިރްމާ ވިހޭ ދެބެންގެ ތެރެއިން އެއް ކުއްޖަކު މަރުވި ޚަބަރެވެ.
އިރްމާ ވިހޭ އެއްމާބަނޑު ދެބެންގެ ތެރެއިން އެއް ކުއްޖަކު މަރުވި ސަބަބު އެކި ޑޮކްޓަރުން އެ އާއިލާއަށް ކިޔައިދިނީ އެކި ގޮތަށެވެ. އަދި މަރުވި ކުއްޖާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަން ހޮސްޕިޓަލުން ދެކޮޅު ހެދި އެވެ. އާއިލާގެ މީހުން ވަރަށް އާދޭސްކޮށްގެން އެންމެ ފަހުން ފޮތިގަނޑަކަށް ލާ އޮޅާފައި އޮތް ކުއްޖެއް އެމީހުންނާ ހަވާލުކުރި އެވެ. ނަމަވެސް އާއިލާގެ އެއްވެސް މީހަކު އެއީ ކޮން ކުއްޖެއްތޯ ޔަގީންނުކޮށް އަވަހަށް ވަޅުލީ އެވެ. އެމީހުންގެ ދަރިފުޅު ދުނިޔޭގައި އަދިވެސް އެބައޮތްތޯ އަހަން ހަމަ އެ ހޮސްޕިޓަލަށް މާ ފަހުން އަންނަން ޖެހިދާނެ ކަމަކަށް އާއިލާއިން އޭރު ހިޔެއް ނުކުރެ އެވެ.
އޭގެ ފަހުން 32 އަހަރު ފާއިތުވީއިރު މަރިއަމް ކޮބަލިޝްވިލީ އޭނާގެ އެއްމާބަނޑު ދައްތަ ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. ފޭސްބުކްގައި މަރިއަމް އޭނާގެ ފޮޓޯތަކަކާއެކު ޝެއާކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އޭނާ އާ އެއްވައްތަރު މީހަކު ފެނިއްޖެނަމަ އޭނާއަށް އެކަން އަންގާލަދޭން އެދިފައި ވެއެވެ.
މި ފޭސްބުކް ޕޭޖަކީ ޖޯޖިއާގައި މިގޮތަށް އުފަންވުމާއެކު ވަގަށް ނަގާފައިވާ އެތައް ހާސް ކުދިންނެއް އެކުދިންގެ އާއިލާއާ ގުޅުވައިދިނުމުގެ މަގްސަދުގައި އުފައްދާފައިވާ ފޭސްބުކް ގްރޫޕެކެވެ. މި ގްރޫޕަށް ކިޔަނީ "އައި ލުކް ފޯ" (އަހަރެން މި ހޯދަނީ) އެވެ. މިއީ މީގެ އެތައް އަހަރެއް ކުރިއްސުރެ ޖޯޖިއާގައި ހިންގި ވަރަށް ބޮޑު ޖަރީމާއެއްގެ ތެރެއިން އާއިލާއަށް ގެއްލިފައިވާ އެތައް ކުދިންނެއް އެމީހުންގެ އާއިލާއާ ގުޅުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ހަދާފައިވާ ފޭސްބުކް ގްރޫޕެކެވެ. މި މައްސަލަގަނޑު މިހާރު އޮތީ ފަސް އަޅާ ފޮރުވެން ކައިރިވެފައެވެ.
ހޮސްޕިޓަލުގައި އަލަން އުފަންވާ ކުދިން ވަގަށް ނަގައިގެން ވިއްކާ މި ޖަރީމާ ސްކީމް ފެށިގެން އައީ 1980ގެ އަހަރުތަކުގަ އެވެ. އަދި 2005 އާ ހަމައަށް މި ޖަރީމާގެ ކަންތައްތައް ކުރިޔަށް ދިޔަ އެވެ. މި މުއްދަތުގައި ޖޯޖިއާގެ އެތައް ހާސް ކުޑަކުދިންނެއް އުފަން ވުމާއެކު ވަގަށް ނަގައި ވިއްކާލާފައި ވެއެވެ. އެކުދިންގެ މައިންބަފައިން ކައިރީގައި ހޮސްޕިޓަލުން ބުނަނީ އެ ކުދިން އުފަންވީއިރުވެސް އޮތީ މަރުވެފައި ކަމަށެވެ.
ޖޯޖިއާގެ ބައެއް ހޮސްޕިޓަލުތަކުގެ ނަރުހުންނާއި ޑޮކްޓަރުން ގުޅިގެން ހިންގި މި ސްކީމްގައި ކުދިން ވިއްކީ އެޑޮޕްޝަންގެ ބްލެކް މާކެޓަކަށެވެ.
ވިހޭއިރު ތުއްތު ދަރިފުޅު އޮތީ މަރުވެފައި ކަމަށް ބުނުމުން އާއިލާގެ މީހުން ހިތް ހަލާކުވެގެން ރޮއިރޮއިފައި އެކަން ހަނދާން ނެތެއެވެ. އަދި އެމީހުންގެ ތުއްތު ދަރިފުޅު ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި އެކުދިންގެ ހަގީގީ އާއިލާ ނުވެސް އެނގޭ ހާލުގައި އުޅެ ބޮޑުވެ އެވެ. އެއްބައިކުދިންގެ ނަސީބު ރަނގަޅުކަމުން އެކުދިން ދެކެ ލޯބިވާނެ 'މައިންބަފައިން' ލިބުނަސް ގިނަ ކުދިންނަށް ވަރަށް ކުޑައިރުއްސުރެ ވަރަށް ހިތްދަތި ދިރިއުޅުމެއް އުޅެން މަޖްބޫރުވެއެވެ.
"އައި ލުކް ފޯ" ގްރޫޕްގެ މަސައްކަތުން މިހާތަނަށް މިފަދަ އެތައް ކުދިންނެއް ހޯދިއްޖެއެވެ. ޑީއެންއޭ ޓެސްޓް ހަދައިގެން އެއީ އެ އާއިލާގެ ކުއްޖެއްކަން ދެނެގަނެވިގެންނެވެ.
ތުއްތު ކުދިންނަށް ބޮޑު އަގުތަކެއް
ޖޯޖިއާގެ ބައެއް ހޮސްޕިޓަލްތަކުން ހިންގި މި ކުދިން ވިއްކުމުގެ ސްކީމްގައި ވިއްކާލި ކޮންމެ ކުއްޖަކަށް ވަރަށް ބޮޑު އަގެއް ލިބިފައި ވެއެވެ. ސޯވިއަޓް ޔޫނިއަން ރޫޅުމުގެ ކުރިން ޖޯޖިއާގެ ތެރޭގައި ވިއްކި މި ފަދަ ކުދިންގެ ތެރެއިން ފިރިހެން ކުއްޖަކަށް 1500 މަނޭޓީ (ޖޯޖިއާ ފައިސާ) ލިބުނެވެ. އަންހެންކުއްޖަކު ވިއްކާލެވެނީ 1000 މަނޭޓީ އަށެވެ. މިއީ އެ ގައުމުގެ އާދައިގެ މީހެއްގެ އެއް އަހަރު ދުވަހުގެ މުސާރަ ވަރުގެ އަދަދެކެވެ.
މި ވިޔަފާރި މުޅި ދުނިޔެއަށް ފުޅާވެގެން ދިޔައީ 1993 ގައެވެ. ހުޅަނގުގެ ގައުމުތަކުގެ މުއްސަނދިން މިފަދަ ތުއްތުކުދިން އެޑޮޕްޓްކުރަން ގިނަ އަދަދެއްގެ ފައިސާ ޚަރަދުކުރަން ފެށި އެވެ.
"އައި ލުކް ފޯ" ފޭސްބުކް ގްރޫޕްގެ ފައުންޑާ ޓަމުނާ މުސެރިޑީޒް އަކީ ވެސް މިގޮތަށް ވިއްކާލެވުނު ތުއްތު ކުއްޖެކެވެ. ޓަމުނާ އޭނާގެ ބައޮލޮޖިކަލް ޕޭރެންޓްސް ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އެބަގެންދެއެވެ.
ޓަމުނާ ބުނި ގޮތުގައި 1993 ވަނަ އަހަރުގެ ކޮންމެ މަހަކު އެވްރެޖްކޮށް 20-30 ކުދިން ބޭރުގައުމުތަކަށް ގަނެގެން ގެންގޮސްފައި ވެއެވެ. މިއީ އެޑޮޕްޝަން އެޖެންސީއަކުން އޭނާ ހޯދި މައުލޫމާތު ކަމަށް ޓަމުނާ ބުންޏެވެ. ނަމަވެސް އެޖެންސީގެ ނަން އޭނާ ހާމަކުރަން ބޭނުމެއް ނުވި އެވެ.
މިގޮތަށް ކުދިން އަގުބޮޑުކޮށް ވިއްކުމުގެ ސިލްސިލާ 2005 އާ ހަމައަށް އޮތް ކަމަށް ޓަމުނާ އެއްކޮށްފައިވާ މައުލޫމާތުން އެނގޭ ކަމަށް އޭނާ ބުންޏެވެ. ބޭރު ގައުމުތަކުގެ މީހުން ޖޯޖިއާ ކުދިން އެޑޮޕްޓްކުރަން 20،000 ޔޫއެސް ޑޮލަރު ދޭކަމަށް ވެއެވެ.
ޖޯޖިއާ މީހުންނަށް މިކަންތައްތައް ވަމުންދާގޮތް ރޭކާލީ ސޯޝަލް މީޑިއާގެ ޒަމާން ފެށުމުންނެވެ. ތުއްތުކުދިން މަރުވެފައިވަނީ ހަމައެކަނި އެ އާއިލާއިން ނޫންކަމާއި މިއީ އެތައް ބައިވަރު އާއިލާއެއް ތަހައްމަލުކުރަމުންދާ ހިތާމައެއްކަން އެ ގައުމުގެ މީހުންނަށް ވިސްނެން ފެށީ ފޭސްބުކްގައި މީހުން މިފަދަ ވާހަކަތައް ހިއްސާ ކުރަން ފެށުމުންނެވެ. އަދި މި މީހުންނަކީ ވެސް އެޑޮޕްޝަން ސްކީމުން ހިންގި ޖަރީމާގެ ޝިކާރައަކަށް ވެފައިވާ ބަޔަކަށް ވެދާނެކަމާއި އެމީހުންގެ "މަރުވި" ދަރިން ވެސް ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި ދިރި އުޅުމަކީ އެކަށީގެންވާ ކަމެއް ކަން އެމީހުންނަށް ގަބޫލު ކުރެވެން ފެށީ މިފަދަ ގިނަ ވާހަކަތަކެއް އަޑުއިވެން ފެށުމުންނެވެ.
މަރިޔަމް އަށް ވެސް ވީ ހަމަ އެހެންނެވެ. އޭނާގެ އެއްމާބަނޑު ދައްތަ އުފަންވީތަނާ މަރުވިކަމަށް ބުނާ ވާހަކައަކީ ހަގީގަތެއްތޯ ނުވަތަ ދައްތައަކީވެސް ވަގަށް ނަގައި ވިއްކާލި ކުއްޖެއްތޯ ބެލުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި ވެސް އުފެދުނީ މި ވާހަކަތައް އިވިގެންނެވެ.
ޖޯޖިއާގައި އުފަންވާ ކުދިން ރަޖިސްޓްރީކުރުމުގެ ޒިންމާ ހަވާލުވެފައިވާ އެޖެންސީ އަކީ ޕަބްލިކް ސާވިސް ހޯލް އެވެ. އެތަނަށް ގުޅައިގެން އޭނާގެ މަރުވި ދައްތަގެ އުފަން ސެޓްފިކެޓާއި މަރުގެ ސެޓްފިކެޓް ހޯދަން މަރިޔަމް މަސައްކަތް ކުރި އެވެ. ނަމަވެސް އެތަނުގެ އެއްވެސް ރެކޯޑެއްގައި މަރިޔަމްގެ ދައްތައަކީ އެ ގައުމަށް އުފަންވީ ކުއްޖެއްކަން ވެސް އެނގޭކަށް ނެތެވެ.
ދެން މަރިޔަމް ދިޔައީ އޭނާ އާއި އޭނާގެ އެއްމާބަނޑު ދައްތަ އުފަންކުރި ހޮސްޕިޓަލަށެވެ. ނަމަވެސް ހޮސްޕިޓަލުން ބުނީ އެތަނުގައި ހުރި މީގެ 25 އަހަރު ކުރީގެ ހުރިހާ ރެކޯޑްތަކެއް ނައްތާލާފައިވާ ކަމަށެވެ. މީގެ މާނައަކީ ރިވިއު ކުރަން ބޭނުންވާ އެއްވެސް ޑޮކިއުމަންޓެއް ހޮސްޕިޓަލުން ލިބެން ނެތުމެވެ.
ހޮސްޕިޓަލުތަކުން ވަގަށް ނަގައި ވިއްކާލި ކުދިންތަކުގެ ވާހަކަތައް އިވުނު އިވުނުހެން މަރިޔަމްގެ ޝައްކު ޔަގީނަށް ބަދަލުވަމުން ދިޔަ އެވެ. އަދި އޭނާގެ އެއްމާބަނޑު ދައްތަ ވެސް މަރުނުވާ ކަމާއި ހޮސްޕިޓަލުން ވަގަށް ނަގައި އެ ކުއްޖާ ވިއްކާލީކަން މަރިޔަމަށް ޔަގީނާ ގާތަށް ގަބޫލު ކުރެވެން ފެށި އެވެ.
ޓަމުނާ ނަމަކަށް ކިޔާ އަންހެނަކަށް ވެސް ދިމާވެފައިވަނީ ހަމަ މިކަހަލަ ގޮތެކެވެ. ޓަމުނާ ހެދި "އައި ލުކް ފޯ" ފޭސްބުކް ޕޭޖްގައި ކޮންމެ ދުވަހަކު އެތައް އާއިލާއަކުން އެމީހުންގެ "މަރުވެފައިވާ ދައްތަ ނުވަތަ ބޭބެ" ހޯދަން ލިޔުންތައް ދަނީ ޖަހަމުންނެވެ.
"އައި ލުކް ފޯ" ފޭސްބުކް ޕޭޖެއް ހަދަން ޓަމުނާ ނިންމިއިރު އޭނާ ހީކުރީ ޑަޒަނެއްހާ މީހުން މި ގްރޫޕްގައި ބައިވެރިވާނެ ކަމަށެވެ. ނަމަވެސް މިހާރު އެ ގްރޫޕްގައި 200،000 މެންބަރުންނަށް ވުރެ ގިނައިން އެބަތިއްބެވެ.
މި ފޭސްބުކް ޕޭޖް ފެށިއިރު ޓަމުނާ ޚިޔާލުކުރީ ޖޯޖިއާއިން ބޭރުގައި ތިބި އެޑޮޕްޓްކޮށްފައިވާ ކުދިން އެކުދިންގެ އުފަން ދުވަހުގެ ސެޓްފިކެޓްގެ މައުލޫމާތަށް ބަލައި ބައޮލޮޖިކަލް ޕޭރަންޓްސް ހޯދަން މަސައްކަތް ކުރުމަށް މަގުފަހިކޮށްދިނުމެވެ. ނަމަވެސް މިހާރު މި ޕޭޖުގައި 100،000 އަށް ވުރެ ގިނަ މީހުން އެމީހުންގެ "މަރުވެފައިވާ ދަރިން" ހޯދަން ޖަހާފައި ވެއެވެ. އެ އެންމެން ވެސް މިހާރު ގަބޫލުކުރަނީ އެމީހުންގެ ދަރިން މަރުނުވާ ކަމާއި އުފަންވީ ވަގުތު ވަގަށް ނަގައިގެން ގެންގޮސްފައިވާ ކަމަށެވެ.
މީގެ ތެރެއިން ބައެއް މީހުންގެ ހުވަފެން މިހާރު ހަގީގަތަކަށް ވެސް ވެއްޖެ އެވެ. އެގޮތުން ބޭރުގައުމެއްގައި ދިރިއުޅޭ ކުއްޖަކު އޭނާގެ ޖޯޖިއާގެ މައިންބަފައިން ހޯދާފައި ވެއެވެ. އެ ކުއްޖާއަށް އޭނާއަކީ ޖޯޖިއާ ދެމަފިރިއެއްގެ ދަރިއެއްކަން އެނގެ އެވެ. އަދި ވަރަށް ތުއްތުއިރު އެޑޮޕްޓްކޮށްފައިވާކަން އެނގެ އެވެ. އެހެންވެ މި ފޭސްބުކް ގްރޫޕްގައި މި ވާހަކަ ޝެއާ ކޮށްގެން އޭނާ ވަނީ އޭނާގެ އަސްލު މައިންބަފައިން ހޯދާފަ އެވެ. މި ކުއްޖާގެ މައިންބަފައިން ކައިރީ ވެސް ހޮސްޕިޓަލުން ބުނެފައިވަނީ އޭނާ އުފަންވީއިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. ނަމަވެސް ޑީއެންއޭ ހަދައިގެން މި ކުއްޖާ އަކީ އެމީހުންގެ "މަރުވި ދަރިފުޅު"ކަން ކުއްޖާގެ މައިންބަފައިންނަށް ވަނީ ޔަގީން ކުރެވިފައެވެ.
މި ފިރިހެންކުއްޖާގެ އެއްމާބަނޑު އެހެން ފިރިހެން ކުއްޖެއް އެ ކުއްޖާގެ މައިންބަފައިންނާއެކު ޖޯޖިއާގައި ދިރިއުޅެ އެވެ. ދެބެންގެ ވައްތަރުކަން އެމީހުންނަށް ފާހަގަ ކުރެވުނީ އެޑޮޕްޓްކޮށްފައިވާ ފިރިހެންކުއްޖާ ފެނުނީމަ އެވެ. އަދި އެއީ އެ އާއިލާގެ ކުއްޖެއްކަން އެމީހުންނަށް ޔަގީންވިޔަސް ޑީއެންއޭ ހަދައިގެން ހުރިހާ ޝައްކެއް ދުރުކުރީ އެވެ.
މިއީ ފުރަތަމަ މިފަދަ ކޭހެއް ނޫނެވެ. އޭގެ ފަހުން އެތައް ސަތޭކަ ކުދިންނަކަށް އެކުދިންގެ އާއިލާއާ ގުޅުމުގެ ފުރުސަތު ތަނަވަސްވެގެން ގޮސްފައި ވެއެވެ. އާއްމުކޮށް ހުޅަނގުގެ ގައުމުތަކަށް ވިއްކާފައިވާ ކުދިން އެޑޮޕްޓްކުރާ މީހުންނަކަށް އެއީ ވަގަށް ނަގާފައިވާ ކުދިން ކަމެއް ނޭނގެ އެވެ. އެމީހުން ކައިރި ބުނަނީ ކުދިންގެ އާއިލާއިން އެކުދިން އެޑޮޕްޝަނަށް ދީފައިވާ ކަމަށެވެ. އަދި އާއިލާގެ ނަމުގައި ފޭކް ޑޮކިއުމަންޓްސް ވެސް ތައްޔާރުކޮށްފައި ދެއެވެ. ވީމާ ކުދިން އެޑޮޕްޓްކުރާ މީހުން ތިބެނީ ވާނުވާ ނޭނގި އެވެ.
އުފަންވީއިރުވެސް މަރުވެފައިކަމަށް ހޮސްޕިޓަލުތަކުން ބުނެފައިވާ ގިނަ އާއިލާތަކަށް އެމީހުންގެ މަރުވެފައިވާ ދަރިފުޅުގެ މަސްގަނޑު ވެސް ހޮސްޕިޓަލުން ހަވާލުކޮށްފައެއް ނުވެ އެވެ. ބުނަނީ ހޮސްޕިޓަލުގެ ގަބުރުސްތާނުގައި ކުދިން ވަޅުލާފައިވާ ކަމަށެވެ. އެ މީހުންގެ ދަރިން ވަޅުލާފައިވާ ތަން ހޯދުމުގެ ޚިޔާލެއް މީގެ ކުރިން އެ ކުދިންގެ މައިންބަފައިންނަކަށް ނާދެ އެވެ. ނަމަވެސް މި މައްސަލަގަނޑު ހިލުމުން އެމީޙުން އެ ހޮސްޕިޓަލްތަކަށް ގުޅައިގެން އެމީހުންގެ ދަރިފުޅު ވަޅުލާފައި އޮތް ތަން ދައްކަން އެދެން ފެށި އެވެ. ނަމަވެސް ހޮސްޕިޓަލުތަކުން އެމީހުންނަށް ދޭ ޖަވާބުން ޚުދް އެމީހުން ތިބީ ހައިރާން ވެފަ އެވެ.
ޓަމުނާ ބުނި ގޮތުގައި އޭނާ ހޯދި މައުލޫމާތުން އެނގިފައިވާ ގޮތުގައި ޖޯޖިއާގެ އެއްވެސް ހޮސްޕިޓަލެއްގައި އެއްވެސް އިރަކު ކުދިން ވަޅުލާ ގަބުރުސްތާނެއް ނެތެވެ. ފިއުނެރަލް ބިއުރޯތަކުން ހޯދި މައުލޫމާތު ތަކުން ވެސް މިކަން ސާބިތުވާކަމަށް އޭނާ ބުންޏެވެ.
މިހާރު ވަރަށް ގިނަ މީހުން އެމީހުންގެ މަރުވެފައިވާ ކަމަށް ބުނާ ދަރިންގެ މައުލޫމާތު ހޯދަން ޖޯޖިއާގެ ސަރުކާރުގެ އެކި އެކި އިދާރާތަކަށް ހުށަހަޅައިގެން ބަލަމުން އެބަގެންދެ އެވެ. ނަމަވެސް އޭގެން އެއްވެސް ކުއްޖެއްގެ މައުލޫމާތެއް އެއްވެސް އިދާރާއެއްގައި ހުރި ކަމަކަށް ނުވެ އެވެ. އެކުދިންގެ އުފަން ދުވަހުގެ އަދި މަރުގެ ސެޓްފިކެޓެއް ވެސް އެއްވެސް އިދާރާއަކު ނެތެވެ.
ނާޓިއާ ޖަފަރްޑިޒޭގެ ވާހަކަ ޚުދް އޭނާއަށް ވެސް ގަބޫލުކުރަން ދައްޗެވެ. ނަމަވެސް އޭނާގެ އަސްލު އާއިލާއާ ބައްދަލުވުމުގެ ނަސީބު ލިބުމުން އޭނާ ހުރީ އުފަލުންނެވެ. ނާޓިއާގެ ބައޮލޮޖިކަލް ޕޭރަންޓްސް ގަބޫލުކޮށްގެން ތިބީ މީގެ 45 އަހަރު ކުރިން އޭނާ މަރުވެފައިވާ ކަމަށެވެ. ނާޓިއާއަށް އޭނާއަކީ އެޑޮޕްޓްކޮށްފައިވާ ކުއްޖެއްކަން އެނގުނީ ވެސް ވަރަށް ފަހުންނެވެ. ނަމަވެސް އޭނާ އެޑޮޕްޓްކޮށްގެން ގެންގުޅުނު މަންމަ މަރުވަންދެން އޭނާގެ އަސްލު އާއިލާ ހޯދަން ނާޓިއާ އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
މީގެ މަސް ތަކެއް ކުރިން އޭނާ އެޑޮޕްޓްކުރި މަންމަ މަރުވުމުން އަމިއްލަ އާއިލާހޯދުމުގެ މަސައްކަތް ނާޓިއާ ފެށީ އެވެ. ނާޓިއާ އެޑޮޕްޓްކުރި އާއިލާގައި ތިބި އޭނާގެ ދެބެންގެ ދެދަރި ކުދިންނަށް ނާޓިއާގެ ނަމާއި އުފަން ދުވަސް އަދި އޭނާގެ އަސްލު މައިންބަފައިންގެ ނަން އެނގެ އެވެ. އެހެންވެ އާއިލާ ހޯދަން ފަސޭހަވީ އެވެ. ނަމަވެސް ނާޓިއާގެ އަސްލު އާއިލާއިން ގަބޫލުކޮށްގެން ތިބީ 45 އަހަރު ކުރިން އޭނާ އުފަންވީ ދުވަހު މަރުވެފައިވާ ކަމަށެވެ.
ނާޓިއާ އަށް އޭނާގެ އާއިލާ އާ ބައްދަލުވިއިރު ބައްޕަ މަރުވިތާ އެތައް އަހަރެއް ވެއްޖެ އެވެ. މަންމަ އިނީ އަލްޒައިމާގެ ޝިކާރައަކަށްވެ ހަނދާންތައް ގެއްލިފަ އެވެ. އާއިލާގައި ހުރީ މަންމަ ފަރާތު ބޮޑުދައިތަ އެކެވެ. އޭނާ ދިރިއުޅެނީ ގްރީސްގަ އެވެ. ޖޯޖިއާގެ ކަސްޕީގައި ދިރިއުޅުނު އޭނާގެ މައިންބަފައިންގެ ވާހަކަތަކާއި އުފަންވީއިރު އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނިކަމަށް ނާޓިއާ އަށް ކިޔައިދިނީ އެ ބޮޑުދައިތަ އެވެ. އޭރު އެއްވެސް މީހަކު ޑޮކްޓަރުން ދެއްކި ވާޙަކަތަކާ މެދު ޝައްކެއް ނުކުރެ އެވެ. އެހެންވެ ނާޓިއާ މަރުވީކަމަށް އާއިލާއަށް ގަބޫލު ކުރެވުނީ އެވެ.
ނާޓިއާގެ މައިންބަފައިން ކައިރީގައި އޭނާ މަރުވީކަމަށް ބުންޏަސް އޭނާ ވިއްކާލައި އެޑޮޕްޓްކުރި މައިންބަފައިން ކައިރީގައި ބުނީ މުޅިން އެހެން ވާހަކަ އެކެވެ. އެމީހުން ކައިރީގައި ބުނީ ނާޓިއާ އަކީ ތުއްތުއިރު މައިންބަފައިން ނުބަލަން އެއްލާލި ކުއްޖެއް ކަމަށެވެ.
"އަހަރެން އެޑޮޕްޓްކުރި އާއިލާއިން 600 މަނޭޓީ ދީފައި އަހަރެން ގެންދިޔައީ. އެމީހުންނަކަށް ނޭނގެ އަހަރެންނަކީ ވަގަށް ނަގާފައިވާ ކުއްޖެއް ކަމެއް. އެހެން ނޫންނަމަ އަހަރެންގެ ބައޮލޮޖިކަލް ޕޭރަންޓްސް އާ އަހަރެން ހަވާލުކުރީސް،" ނާޓިއާ ބުންޏެވެ.
ނަމަވެސް ޕެންޓަގިއޯޓީސް ސައުރޯކްލީ އަށް ދިމާވި ތަފާތު ގޮތެކެވެ. އުމުރުން 19 އަހަރުގެ ސައުރޯކްލީއަށް ވެސް އޭނާއަކީ އެޑޮޕްޓްކޮށްފައިވާ ކުއްޖެއްކަން އެނގެ އެވެ. ސައިޕްރަސްގައި އޭނާ ދިރިއުޅެމުންދަނީ އެޑޮޕްޓްކުރި މައިންބަފައިންނާ އެކުގަ އެވެ. ޖޯޖިއާއިން 2004 ގައި އޭނާ އެޑޮޕްޓްކުރަން 16،000 ޑޮލަރު ޚަރަދުކުރިކަމަށް ސައުރޯކްލީގެ މިހާރުގެ މައިންބަފައިން ބުނެފައި ވެއެވެ.
އޭނާއަކީ ވެސް އެޑޮޕްޝަން ސްކީމުން ހިންގި ޖަރީމާގައި ވަގަށް ނަގާފައިވާ ކުއްޖެއްކަން ސައުރޯކްލީ އަށް ޔަގީނެވެ. އޭނާގެ އަތުގައި އޭނާގެ ރަސްމީ ބައޮލޮޖިކަލް ޕޭރަންޓްސްގެ ނަން އޮތް ޑޮކިއުމަންޓްސް އެބަހުއްޓެވެ. އަދި އޭނާއަށް ކިޔާ ޖޯޖިޔާ ނަން ވެސް އޭގައި އެބައޮތެވެ. ނަމަވެސް މި ހުރިހާ އެއްޗިއްސަކީ ފޭކް ކަން އޭނާއަށް އެނގުނީ އަސްލު މައިންބަފައިން ހޯދަން މަސައްކަތް ފެށުމުންނެވެ.
ދެން ސައުރޯކްލީ ވެސް ގުޅުނީ ޓަމުނާގެ ފޭސްބުކް ގްރޫޕާ އެވެ. އަދި އޭނާގެ ޖޯޖިއާ މައިންބަފައިން ހޯދަން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގްރޫޕުގައި އޭނާ އެދުނެވެ. އެ ގްރޫޕް މެދުވެރިކޮށް ސައުރޯކްލީ އަށް އޭނާގެ އާއިލާ ހޯދުނެވެ. ނަމަވެސް އާއިލާއިން ބުނީ އެމީހުންގެ ދަރިފުޅު މީގެ 19 އަހަރު ކުރިން މަރުވެފައިވާ ކަމަށެވެ. އަދި ސައުރޯކްލީ އަކީ ދަރިއެއް ކަމަށް ގަބޫލުކުރަން އެމީހުން ތައްޔާރެއް ނޫނެވެ.
އެންމެ ފަހުން ޑީއެންއޭ ޓެސްޓް ހެދުމުން އެއީ ހަމަ އެމީހުންގެ "މަރުވި ދަރި"ކަން ޔަގީން ކުރެވުނެވެ. ސައުރޯކްލީގެ އެއްބަނޑު އެއްބަފާ ފިރިހެން ކޮއްކޮއެއް ހުރެ އެވެ. އޭނާއާ ސައުރޯކްލީ ވަރަށް ވައްތަރެވެ. އެހެންކަމުން އެއީ އެ އާއިލާގެ ކުއްޖެއް ކަމަށް ޝައްކު ކުރާނެ ޖާގައެއް އެކަކަށްވެސް ނެތެވެ. ނަމަވެސް އޭނާގެ މައިންބަފައިންނަށް ޝައްކުވާތީ ޑީއެންއޭ ހެދީ އެވެ.
ސައުރޯކްލީ އެޑޮޕްޓްކޮށްގެން ގްރީސް އަށް ގެންގޮސްފައިވަނީ އޭނާ އުމުރުން 16 މަހުގަ އެވެ. ނަމަވެސް އޭގެ ކުރިން އޭނާ ޖޯޖިއާގައި އުފަންވެ ދިރިއުޅުނު ކަމަކަށް އެ ގައުމުގެ އެއްވެސް ރެކޯޑަކުން ނުދައްކަ އެވެ. އެހެންކަމުން ކުޑައިރު ހޮސްޕިޓަލުން ވަގަށް ނަގާ ވިއްކާލުމަށްފަހު 16 މަސްވަންދެން އޭނާ ގުޅުނު ތަނެއް ވެސް އެކަކަށް ވެސް ނޭނގެ އެވެ. ސައުރޯކްލީގެ ހަޔާތުގެ ފުރަތަމަ 16 މަހުގެ ރެކޯޑެއް ޖިއޯޖިއާއަކު ނެތެވެ.
ޓަމުނާގެ އެފްބީ ގްރޫޕްގައި ބައިވެރިވެ އެތައް ސަތޭކަ ބަޔަކު އެކުދިންގެ މައިންބަފައިން ހޯދިފަހުން ޖޯޖިއާގެ އިންޓާނަލް މިނިސްޓްރީގެ ސަމާލުކަމަށް މިކަން އައިސް މިކަން ހިނގައި ދިޔަ ގޮތް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ތަހުގީގުކުރަން ފަށާފަ އެވެ. ނަމަވެސް މި ސްކީމްގައި ބައިވެރިވި ކަމަށް ޝައްކު ކުރެވޭ ބައެއް ޑޮކްޓަރުން މިހާރު ދުނިޔޭގައި ވެސް ނެތެވެ. ދުނިޔޭގައި ތިބި މީހުންގެ ތެރެއިން ގިނަ މީޙުން ވަނީ ރިޓަޔާ ވެފަ އެވެ.
ނަމަވެސް ޖޯޖިއާގެ ބައެއް ހޮސްޕިޓަލުތަކުގައި އަދިވެސް މީގެ ތެރެއިން މަދު ޑޮކްޓަރުންތަކެއް މަސައްކަތް ކުރެ އެވެ. ނަމަވެސް ތަހުގީގު ޓީމުން މި ޑޮކްޓަރުންނާ ސުވާލުކުރިކަމެއް ނޭނގެ އެވެ. އަދި މިބޮޑު ކަންތައްގަނޑުގެ ހަގީގަތް ހާމަވިޔަސް މި ކަމަށް އެދެވޭ ހައްލެއް ލިބޭނެކަމެއް ވެސް ޔަގީނެއް ނޫނެވެ.