ދުނިޔެ

އައިއެމްއެފް އިން މިސްރަށް ތިން ބިލިއަން ޑޮލަރުގެ ފަންޑިން ޕްރޮގްރާމެއް

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މިސްރާ އެކު ތިން ބިލިއަން ޑޮލަރުގެ ފަންޑިން އިންތިޒާމެއް ހަމަޖެއްސުމަށް ނިންމައިފި އެވެ.

މިއީ އައިއެމްއެފްގެ އެކްސްޓެންޑެޑް ފަންޑް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ ގޮތަށްް ހަމަޖެއްސި އިންތިޒާމެކެެވެ. މި ޕްރޮގްރާމް 46 މަސް ދުވަސް ދިގުދެމިގެން ދާނެ އެވެ. އަދި ވަގުތުން ވަގުތަށް 347 މިލިއަން ޑޮލަރު މިސްރަށް ދޫކުރާނެ އެވެ.

މި ޕްރޮގްރާމުގެ މުއްދަތުގައި މިސްރުގެ ބައިނަލްއަގުވާމީ އަދި ސަރަހައްދީ ޕާޓްނަރުންގެ އަތުން ގާތްގަނޑަކަށް 14 ބިލިއަން ޑޮލަރުގެ ފައިނޭންސިން ވެސް ހޯދާނެ ކަމަށް އައިއެމްއެފް އިން ވަނީ ބުނެފަ އެވެ.

މި ސްކީމްގެ ދަށުން މިސްރުގެ އިގުތިސާދު ހަމައަކަށް އަޅުވައި ބާޒާރުގެ އަގުތަކާއި ބޭރު ފައިސާގެ މައްސަލަތައް ކޮންޓްރޯލް ކުރުމަށް ބާރުއަޅާނެ ކަމަށް ވެސް ބައިނަލްއަގުވާމީ މާލީ އިދާރާއިން ވަނީ ބުނެފަ އެވެ.

މިސްރަށް ދިމާވެފައި އޮތް މާލީ ހާލަތުން އަރައިގަތުމަށް މި އިންތަޒާމު މަގުދައްކާނެ ކަމަށް ވެސް މާލީ އިދާރާއިން ބުނެ އެވެ. އަދި ޕްރައިވެޓް ސެކްޓަރު ކޮޅަށް ޖަހައި ބާރުވެރި ކުރުމުގައި ދައުލަތުން އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް މަޝްވަރާ ކުރެވިފައިވާ ކަމަށް ވެސް އައިއެމްއެފް އިން ވަނީ ބުނެފަ އެވެ.

މިސްރަކީ އަރަބި-އެފްރިކާ ގައުމުތަކުގެ ތެރެއިން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ވަރަށް ގިނައިން ފަންޑިން ހޯދާ ގައުމެކެވެ. މާލީ އިދާރާތަކުން ބުނާ ގޮތުން މާލީ އިންތިޒާމުތައް މިސްރަށް ހަމަޖައްސައި ދެނީ މިސްރަށް އޮންނަ އިތުބާރަކުންނެވެ. އިންވެސްޓްމަންޓްތައް ކަވަރު ކުރުމުގައި މާލީ އިދާރާތަކުން ބުނާ ގޮތް ހެދުމަކީ މިސްރަށް އެހީ ފޯރުކޮށްދޭ ފަސޭހަވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.