ބޭންކް އޮފް މޯލްޑިވްސް

މިދިޔަ އަހަރު ބީއެމްއެލް އިން 3.4 ބިލިއަން ރުފިޔާގެ ލޯނު ދޫކުރި

  • ލޯނު ދޫކުރި އަދަދު ދެ ގުނަ އިތުރުވި
  • ފަހު ކުއާޓަރުގައި 236 މިލިއަން ރުފިޔާގެ ފައިދާ
  • ތަރައްގީއަށް 150 މިލިއަން ރުފިޔާ އިންވެސްޓް ކުރި

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 3.4 ބިލިއަން ރުފިޔާގެ ލޯނު އާންމު ވިޔަފާރިތަކަށް ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ ގައުމީ ބޭންކް، ބީއެލްއެލްއިން ބުނީ މިދިޔަ އަހަރު އެކުންފުނިން މާލީ ގޮތުން ރަނގަޅު ކުރިއެރުމެއް ހޯދައިފަވާ އިރު ލޯނުގެ ގޮތުގައި ކަސްޓަމަރުންނަށް ދިން އަދަދު 3.4 ބިލިއަނަށް އަރާފައިވާ ކަމަށާއި މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެއް ކަމަށެވެ. މީގެ އިތުރުން ބޭންކުން ދޫކުރި ލޯނުތަކަށް ފައިސާ ނުދައްކާ ތިބި މީހުންގެ އަދަދު ވެސް 12 ޕަސަންޓު ދަށް ކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ބީއެމްއެލް އިން ބުނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް 236 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށާއި އެއީ އޭގެ ކުރީގެ ކުއާޓަރާ އަޅާ ބަލައިފަ 48 ޕަސަންޓު އިތުރު އަދަދެއް ކަމަށެވެ. އަދި މިދިޔަ އަހަރާ އަޅާބަލާއިރު ކުންފުނީގެ ފައިދާ ވެސް 13 ޕަސަންޓު އިތުރުވެފައިވާ ކަމަށް ބޭންކުން ބުންޏެވެ.

"މި ކުރިއެރުން ހޯދައިފަ ވަނީ ބްރާންޗުތަކާއި އޭޓީއެމް އަދި ޓެކްނޮލޮޖީ ތަރައްގީކޮށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކޭޝް އެޖަންޓުން ހިދުމަތް ފޯރުކޮށްދިނުމަށް 150 މިލިއަން ރުފިޔާގެ އިންވެސްމަންޓު ޕްރޮގްރާމެއް ބޭންކުން ފާއިތުވެދިޔަ އަހަރު ތެރޭ ހިންގާފައިވާތީ،" ގައުމީ ބޭންކުން ބުންޏެވެ.

ބީއެމްއެލް ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މި ކާމިޔާބީތައް ހޯދުމުގައި މުވައްޒަފުންގެ ދައުރު ބޮޑު ކަމަށެވެ.

"މި ފުރުސަތުގައި 2015 ވަނަ އަހަރު ރަނގަޅު ނަތީޖާއެއް ހާސިލްކޮށް ނިންމާލުމުން ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރަން،" އެންޑްރޫ ވިދާޅުވި އެވެ.

ބޭންކުން 150 މިލިއަންގެ އިންވެސްމަންޓް ކޮށްފައިވާ އިރު ބީއެމްއެލް އިން ބުނީ އެއީ މިހާތަނަށް އެ ކުންފުނިން ކުރި އެންމެ ބޮޑު އިންވެސްޓްމަންޓު ކަމަށެވެ.