އެމެރިކާގެ ޑިޕާޓްމެންޓް އޮފް ސްޓޭޓުގައި "ޗައިނާ ހައުސް" އެއް އުފައްދައިފި އެވެ.
"އޮފީސް އޮފް ޗައިނާ ކޯޑިނޭޝަން" ގެ ނަމުގައި މި އިދާރާ ރަސްމީކޮށް އިއްޔެ އިފްތިތާހު ކޮށްދެއްވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކަން އެވެ. މި ހަފުލާގައި ބްލިންކަން ވިދާޅުވީ މި އިދާރާއިން މަސައްކަތް ކުރާނީ ޗައިނާ އާއި ބެހޭ ގޮތުން އެ ގައުމުން އުފައްދާ އުސޫލުތައް ހަރުދަނާކޮށް ދެ ގައުމުގެ ދެމެދުގައި އޮތް ހަތުރުވެރިކަމުގެ ހުޅުގަނޑު ކުޑަކުރުމަށް ކަމަށެވެ.
ޓެކްނޮލޮޖީ އާއި އިގުތިސާދު ފަދަ އެމެރިކާއިން އިސްކަންދޭ ސިނާއަތްތަކާއި ގުޅޭ ގޮތުން ހެދޭ އުސޫލުތަކަށް "ޗައިނާ ހައުސް" އިދާރާއިން އިސްކަންދޭނެ ކަމަށްވެސް ބްލިންކަން ވިދާޅުވި އެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވާ ބްލިންކަން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ވާދަވެރިކަން ޒިންމާދާރު ގޮތެއްގައި މި އިދާރާއިން ބަލަހައްޓާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އޭނާ ވިދާޅުވީ ގޮތުގައި ޗައިނާ ހައުސްގެ މަސައްކަތް ކުރިއަށްދާ ވަރަކަށް އެމެރިކާއިން އުންމީދުކުރާ ފަދަ ހުރިހާ ގައުމުތައް ހިމެނޭ ބައިނަލްއަގުވާމީ މައިދާނަކާއި ހަމައަށް ވާސިލުވުން ގާތްވާނެ އެވެ.
މި ބައްދަލުވުމުގައި ބްލިންކެން ހާމަކުރެއްވި ގޮތުގައި މި އިދާރާ ގާއިމްކުރުމުގެ މަގުސަދަކީ ޗައިނާއާއި މެދު ރައީސް ބައިޑެން ސަރުކާރުން ގެންގުޅޭ އުސޫލުތަކުގެ އުނިއިތުރުތައް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ.
ޗައިނާގެ އިގްތިސާދީ ދުވެލި ހަލުވި ވަމުންދާ މި ދަނޑިވަޅުގައި ދުނިޔޭގެ އެންމެ ބާރުގަދަ ދެ އިގުތިސާދުގެ ދެމެދުގައި އޮތް ގުޅުން މުސްތަގުބަލުގައި އިތުރަށް ހީނަރުވާނޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ނަމަވެސް ދެ ގައުމުގެ ވެރިން ވަނީ އެ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މުހިންމުކަން އެތައް ފަހަރެއްގެ މަތީން ފާހަގަ ކޮށްފަ އެވެ.
ޗައިނާގެ ހާރިޖީ ވަޒީރު ވޭންގް ޔީވެސް ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާ އާއި ޗައިނާއާއި ދެމެދުގައި ގުޅުން ބަދަހި ކުރުން މަޖުބޫރު ކަމަށް ވިދާޅުވެފަ އެވެ.