ހަބަރު

އެޑެކްސެލްގެ ކަރިކިއުލަމް ކިޔަވައިދޭ ތަނެއް އެންއީއެސް އިން ހުޅުވަނީ

ޕިއާސަން އެޑެކްސެލްގެ ޕްރައިމަރީ ކަރިކިއުލަމަށް ކިޔަވައިދޭ އަމިއްލަ ތަނެއް ހުޅުވަން ޑރ. އަބްދުﷲ ނަޒީރުގެ، ނަޒީރު އެޑިޔުކޭޝަން ސާވިސަސް (އެންއީއެސް) އިން ތައްޔާރުވެއްޖެ އެވެ.

ޑރ. ނަޒީރަކީ ތައުލީމީ ދާއިރާގައި ވަރަށް ގިނަ އަހަރަތަކަކު މަސައްކަތް ކުރައްވާފައިވާ އެ ދާއިރާގެ ތަޖުރިބާކާރެކެވެ. އޭނާ ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި ސްޓޭޓް މިނިސްޓަރު ކަންވެސް ކުރައްވާފަ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ އެޑެކްސެލްގެ ޕްރައިމަރީ ކަރިކިއުލަމަށް ކިޔަވައިދޭ ސެންޓަރެެއް ހުޅުވުމުގެ މަސައްކަތްތައް އެންއީއެސް އިން ކުރަމުން އަންނަ ކަމަށެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު މި ސެންޓަރު ހުޅުވޭނެ ކަމަށް ލަފާކުރެވޭ ކަމުގައިވެސް ވިދާޅުވި އެވެ.

ޑރ. ނަޒީރު ވިދާޅުވި ގޮތުގައި މިފަދަ ސެންޓަރެއް ހުޅުވުމަކީ ޕްރައިމަރީ ގްރޭޑުތައް ނިންމައި ސެކަންޑްރީއަށް ކުރިމަތިލާ ދަރިވަރުންގެ އިންޓަނޭޝަނަލް ފެންވަރު ވަޒަންކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

"ޕްރައިމަރީ އެގްޒާމް ސެންޓަރެއް މިހާރު ރާއްޖެއަކު ނެތް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ މިފަދަ ސެންޓަރެއް ހުރުމަކީ ޕްރައިމަރީ ނިންމާއިރު އެ ކުދިންގެ އިންޓަނޭޝަނަލް ސްޓޭންޑާޑް ވަޒަންކުރެވިގެން ދާނެ ކަމެއް ކަމަށް،" ޑރ. ނަޒީރު ވިދާޅުވި އެވެ.

މި ސެންޓަރުގައި ގްރޭޑް 1-6 އަށް އެޑެކްސެލްގެ ކަރިކުއިލަމް ކިޔަވައިދޭން ނިންމާފައިވާއިރު ގްރޭޑް ހައެއް ނިމުމާއެކު ދަރިވަރުންގެ ފެންވަރު ބެލުމުގެ ގޮތުން އެޑެކްސެލްގެ ބައިނަލްއަގްވާމީ ބޮޑު އިމްތިހާނެއް ހެދޭނެ އެވެ.

ޑރ. ނަޒީރު ވިދާޅުވީ މިހާރު ކުރަމުންދަނީ ސެންޓަރަށް ޓީޗަރުން ހޯދުމުގެ މަސައްކަތް ކަމަށާއި ރާއްޖޭން ބޭރުން ވެސް ފެންވަރު ރަނގަޅު ޓީޗަރުން ގެންނާނެ ކަމަށެވެ. ޓީޗަރުން ތަމްރީނުކޮށް ޓީޗަރުންނަށް ބޭނުންވާ ސްކީމްތަކާއި ލެސަން ޕްލޭން ފަދަ މެޓީރިއަލްތައް ވެސް ފޯރުކޮށްދޭނީ އެޑެކްސެލް އިން ކަން ވެސް ފާހަގަކުރެއްވި އެވެ.

މި ސެންޓަރުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އިނގިރޭސި، ހިސާބު، ސައިންސް އަދި ކޮމްޕިއުޓިން މާއްދާ އެވެ. ނަމަވެސް ސެންޓަރު ހުޅުވުމާއިއެކު އިތުރު މާއްދާތައް ތައާރަފްވެގެންދާނެ ކަމަށް ޑރ. ނަޒީރު ވިދާޅުވި އެވެ.

"މިވަގުތު މި ހަތަރު މާއްދާ އިން އަޅުގަނޑުމެން ފަށާނީ. ޓީޗަރުން އަދި ކުދިން އިތުރުވާ ވަަރަކަށް ގިނަ މާއްދާތައް އަޅުގަނޑުމެން ތައާރަފުކުރާނަން،" ޑރ. ނަޒީރު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ބައިނައްލަގުވާމީ އިމްތިހާންތައް ހަދަނީ ގްރޭޑް 10 ނިމުމުންނެވެ. އަދި ގްރޭޑް 12 ނިންމުމާއިއެކު އެޑެކްސެލްގެ އޭލެވެލް އިމްތިހާނު ހަދަ އެވެ. މިގޮތުން އެންއީއެސްގެ ޔަންގް ލާނާސް އަކީ ރާއްޖޭގައި އެޑެކްސެލްގެ ޕްރައިމަރީ ކަރިކިއުލަމަށް ކިޔަވައިދޭ އަދި ޕްރައިމަރީ އިމްތިހާނަކަށް ދަރިވަރުން ތައްޔާރުކޮށްދޭ ފުރަތަމަ ސެންޓަރަށް ވެގެންދާނެ އެވެ.