އޮޑިޓާ ޖެނެރަލް އޮފީސް

ހޯމް މިނިސްޓްރީން ހަރު މުދަލުގެ ލިޔުން ބެލެެހެއްޓީ ރަނގަޅަކަށް ނޫން

ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ހަރުމުދަލުގެ ލިޔެކިޔުންތައް އެ މިނިސްޓްރީން ބަލަހައްޓާފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ހޯމް މިނިސްޓްރީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

ދައުލަތުގެ އިދާރާތަކުގެ ހަރުމުދަލުގެ ރަޖިސްޓްރީއެއް ލިޔުމުން ބެލެހެއްޓުން މާލިއްޔަތު ގަވާއިދުން ލާޒިމުކުރި ނަމަވެސް ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓުގައި ހުރި ހަރުމުދަލުގެ ލިޔެކިޔުންތައް ގަވައިދާ އެއްގޮތަށް ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ހަރުމުދަލުގެ ރަޖިސްޓަރީގައި ހަރުމުދަލުގެ ބައިތަކުގެ ޖުމްލަ އަގު ވަކިން އެނގެން ނެތުމުން މިދިޔަ އަހަރުގެ ނިޔަލަށް ހުރި މުދަލުގެ އަގުގެ ގޮތުގައި ހޯމް މިނިސްޓްރީން ހިމަނާފައިވާ 96 މިލިއަން ރުފިޔާގެ ސައްހަކަން ކަށަވަރު ނުކުރެވޭ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

ދައުލަތުގެ އިދާރާތަކުގައި ހުންނަ ހަރުމުދާ ހަމައަށް ހުރިތޯ މަދުވެގެން އަހަރަކު އެއްފަހަރު އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ އުސޫލެއްގެ މަތިން ބެލުމަށް މާލިއްޔަތު ގަވާއިދު ލާޒިމުކުރެއެވެ. މިގޮތަށް ބަލާއިރު ތަކެތި ގިނަ ދުވަހަށް ދެމެހެއްޓުމަށްޓަކައި އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިވޭތޯ ބަލާ ތަކެއްޗަށް އުނި އިތުރެއް އަތުވެއްޖެ ނަމަ އެކަމާމެދު ނިންމި ގޮތެއް ބަޔާންކުރާ ލިޔުމެއްގައި އެ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާ ނުވަތަ އިސްވެރިޔަކު ސޮއި ކުރަން ޖެހެ އެވެ.

ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ހޯމް މިނިސްޓްރީން މިދިޔަ އަހަރުގެ ހަރުމުދާ ހަމައަށް ހުރިތޯ ބަލާފައި ނުވެ އެވެ. މީގެ ކުރީ އަހަރުތަކުގެ އޮޑިޓް ރިޕޯޓްތަކުގައިވެސް އެކަން ފާހަގަކޮށްފައިވެއެވެ.

އޮޑިޓް އޮފީހުން ވަނީ މާލިއްޔަތު ގަވާއިދުގައިވާ ގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީ ލިޔުމުން ބެލެހެއްޓުމަށާއި ހަރުމުދަލަށް އަންނަ އުނިއިތުރު އެ ރަޖިސްޓްރީގައި ލިޔެ ބެލެހެއްޓުމަށް ހޯމް މިނިސްޓްރީއަށް ލަފާދީފަ އެވެ. އަދި އަހަރު ނިމުނުއިރު ތަނުގައި ހުރި ހަރުމުދަލުގެ އަގު މިލްކިއްޔާތުގެ ބަޔާނުގައި ހިމެނުމަށާއި ތަނުގައި ހުންނަންޖެހޭ ތަކެތި ހަމައަށް ހުރިތޯ މަދުވެގެން އަހަރަކު އެއްފަހަރު ޗެކްކުރަން ލަފާދީފަ އެވެ.