ޕީޕީއެމް

"ބައްދަލު ނުކޮށް ޕީއެސްއެމްގެ އެމްޑީ ފިލީ"

އިދިކޮޅު ކޯލިޝަނުން ޕީއެސްއެމްގެ އިސްވެރިންނާ ބައްދަލުކުރަން ދައުލަތުގެ މީޑިއާ -- ޕީއެސްއެމްއަށް ދިޔުމުން އެބޭފުޅުންނާ ބައްދަލުނުކުރައްވާ އެ ކުންފުނީގެ އެމްޑީ އަލީ ހާލިދު ވަލު ދޮރާށިން ފިއްލައިވައިގެން ވަޑައިގެންނެވީ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން ބުނެފައިވަނީ ޕީއެސްއެމްގެ ވެރިންނަށް ވަރަށް ގިނަ ކަންބޮޑުވުންތަކެއް ހިއްސާ ކުރުމަށް ޕީއެސްއެމަށް ދިޔުމުން އެމްޑީ އަލީ ހާލިދު ވަލު ދޮރާށިން ފިއްލެވީ ކަމަށެވެ.

ޕީޕީއެމުން ބުނެފައިވަނީ ދައުލަތުގެ މީޑިއާ ސިޔާސީކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޕްރޮމޯޓުކޮށް އިދިކޮޅު ސިޔާސީ ފަރާތްތަކަށް ދައުލަތުގެ މީޑިއާއިން އެއްވެސް ފުރުސަތެއް ނުދޭ ކަމަށެވެ. އަދި ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނާ ހިލާފަށް އަމަލުކުރަމުން ދާތީ އާއި ޕީއެސްއެމް ހިންގާ ގޮތާއި މެދު ރައްޔިތުން ކަންބޮޑުވާ ކަމަށެވެ.

ޕީއެސްއެމްގެ މުވައްޒަފުންނަށް ބިރު ދައްކާ މުވައްޒަފުން ނިކަމެތި ކުރަމުންދާ ކަމަށާއި ރިޔާސީ އިންތިހާބާއި ދިމާކޮށް އެމްޑީޕީ ބޭނުންވާ ގޮތަށް ޕީއެސްއެމް ހިންގާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.

"ޕީއެސްއެމް ޒިންމާދާރު ކުރުމަށްޓަކައި މި ކޯލިޝަނުން އަދިވެސް ޕީއެސްއެމްއަށް ދާނެ ވާހަކަ ދަންނަވަން،" ޕީޕީއެމުން ބުނެފައިވެ އެވެ.

އިދިކޮޅު ކޯލިޝަނުން ޕީއެސްއެމްއަށް ގޮސްފައި މިވަނީ ބީއެމްއެލްގެ އެކައުންޓްތަކުގައި ހުންނަ އަމިއްލަ މީހުންގެ ފައިސާ ނަގާއިރު ވަކި ލިމިޓެއް ހުރުމާއި އެކައުންޓްތަކުގައި ހުންނަ ފައިސާ ގެއްލުމުގެ މައްސަލަތަކެއް އުޅޭތީ ބީއެމްއެލްގެ އިސްވެރިންނާއި ބައްދަލުކުރުމަށް ބީއެމްއެލްއަށް ދިޔުމުން ބައްދަލުވާ ގޮތް ނުވުމުގެ ސަބަބުންނެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުވެސް އެމްއެމްއޭގެ ގަވަރުނަރާއި ބައްދަލުކޮށް ރާއްޖޭގެ މާލީ ހާލަތާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.