ޕީޕީއެމް

ދައުލަތުގެ މީޑިއާ އިން ހަމަހަމަ ފުރުސަތެއް ނުދޭ: ހީނާ

އިންތިހާބުތަކުގެ ކަވަރޭޖް ގެނެސް ދެމުންދަނީ ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކޮށް ކަމަށް ދައުލަތުގެ މީޑިއާ -- ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ބުނާތީ ހަމަހަމަ ކަމާއެކު އެ ފުރުސަތު ދެނީ ކިހިނެތްތޯ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދު ސުވާލު އުފައްދަވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކަވަރޭޖް ގެނެސް ދޭނީ ބްރޯޑްކާސްޓިން ގަވާއިދުތަކާއި އެޑިޓޯރިއަލް ގައިޑްލައިނާއި އެއްގޮތުގެ މަތިން ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކޮށް ކަމަށް ޕީއެސްއެމް އިން ގެންދަނީ ބުނަމުންނެވެ. އެގޮތަށް ޕްރޮގްރާމުތަކާއި ހަބަރުތައް ހަދައިގެން މައުލޫމާތު ވެސް ފަތުރަމުން ގެންދެ އެވެ.

ޕީއެސްއެމްއަށް ރައްދު ދެއްވަމުން ހީނާ ވިދާޅުވީ އިދިކޮޅުން ރިޔާސީ ޓިކެޓް ދީފައިވާ ރިޔާސީ ކެންޑިޑޭޓެއް އެބަހުރި ކަމަށެވެ. ޕީއެސްއެމް އިން ބުނާ ގޮތަށް ހަމަހަމަކޮށް ކަވަރޭޖް ގެނެސްދެނީ ކިހިނެތްތޯ އަދި އިންތިހާބަށް އިއުލާން ކުރީތޯ ހީނާ ވަނީ ސުވާލު ކުރައްވާފަ އެވެ.

ދައުލަތުގެ މީޑިއާގައި ވަރަށް ގިނަ ދުވަސްތަކަކު މަސައްކަތް ކުރެއްވި ހީނާ މިއަދު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންތިހާބުތަކާ ގުޅިގެން ދައުލަތުގެ މީޑިއާއިން ޚަބަރު ގެނައުމުގައި އަމަލުކުރާ ގޮތުގެ އެއްވެސް މައުލޫމާތެއް އިދިކޮޅު ޕާޓީއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

"އިދިކޮޅު ފަރާތްތަކަށް ދައުލަތުގެ މީޑިއާއިން އެންމެ ފަހުން ފުރުސަތު ދިނީ ކޮންއިރަކުތޯ ތިބޭފުޅުން ދައުލަތުގެ މީޑިއާއާ ސުވާލުކުރައްވާ. ނުލިބޭ ފުރުސަތެއް އިނގޭތޯ. ދައުލަތުގެ މީޑިއާއިން ފުރުސަތު ދީފިނަމަ އެކަން އަޅުގަނޑުމެން ގަބޫލުކުރާނެ ކަން ވާނީ އަންގާފައި،" ހީނާ ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޕްރޮމޯޓް ކުރުމަށް ދައުލަތުގެ މީޑިއާއިން ވަރަށް ގިނަ މަސައްކަތްތައް އުސޫލާ ހިލާފަށް ކުރާ ކަމަށްވެސް ހީނާ ވަނީ ތުހުމަތުކުރައްވާފަ އެވެ.

ދައުލަތުގެ މީޑިއާގެ ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި އެމްޑީޕީގެ ޚަބަރުތައް ހިއްސާކުރާއިރު ހޭޝްޓެގް ބޭނުންކުރާ ކަންވެސް ހީނާ ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ ކުރިން ދައުލަތުގެ މީޑިއާގެ ސޯޝަލް މީީޑިއާ ޕްލެޓްފޯމުތަކުގައި ޚަބަރުތައް ހިއްސާކުރާއިރު ހޭޝްޓެގް ބޭނުމެއް ނުކުރެ އެވެ. މިހާރު ހޭޝްޓެގް ބޭނުންކުރަނީ ޑިޖިޓަލް މާކެޓިން ސްޓްރެޓެޖީގެ ދަށުން ކަމަށް ޕީއެސްއެމް އިން ބުނާ ކަމަށްވެސް ހީނާ ވިދާޅުވި އެވެ.