އެމްއޭސީއެލް

އިޓަލީގެ ގައުމީ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި

އިޓަލީގެ ގައުމީ އެއާލައިން -- އިޓަލިއާ ޓްރާންސްޕޯޓޯ އެއިރޯ އެއާވޭސް (އައިޓީއޭ އެއާވޭސް)ގެ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.

އިޓަލީގެ ގައުމީ އެއާލައިންގެ ދަތުރުތައް އަލުން ފެށުމުގެ ގޮތުން މިއަދު ފުރަތަމަ ފްލައިޓް ރާއްޖެ އައީ މެންދުރުފަހު އެވެ.

ތިންސަތޭކަ ޕަސެންޖަރުންނާ އެކު މި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމާ އެކު ބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާ ސެލިއުޓްއެއް ވަނީ އަރުވާފަ އެވެ.

މިދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އިޓަލީގެ ރޯމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ދަތުރުތަކެއްގެ ގޮތުގަ އެވެ.

އައިޓީއޭ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފްތާއަކު ދެ ފްލައިޓް ދަތުރު ކުރާނެ އެވެ. އިޓަލީގެ ގައުމީ އެއާލައިނުން ރާއްޖެއަށް ކުރަން ފެށި ދަތުރުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އިތުރު ފަތުރުވެރިންނަށް ރާއްޖެއަށް އައުމަށް ފަސޭހަވާނެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި އިޓަލީ ހިމެނޭއިރު އިޓަލީގެ ގައުމީ އެއާލައިނުން މިއަދު ރާއްޖެއަށް ފެށި ދަތުރުތައް މެދުކެނޑުމެއްނެތި އަންނަ އަހަރުގެ މާޗް 26ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

ޑިސެމްބަރުގައި ފަށާ ދަތުރުތައް ޖެނުއަރީ 22 އަށް ކުރިއަށް ގެންދަން ނިންމާފައިވަނީ ހަފްތާ އަކު ތިން ދަތުރެވެ. އޭގެފަހުން ކުރިއަށް ގެންދަން ނިންމާފައިވަނީ ހަފްތާ އަކު ދެ ދަތުރެވެ.

އިޓަލީގެ ނިއޯސް އެއާލައިނުންވެސް ގެންދަނީ އެ ގައުމުގެ މިލާން އަދި ރޯމުން ރާއްޖެއަށް ކޮންމެ ހަފުތާއަކު ތިން ދުވަހު ސީދާ ދަތުރުތައް ބާއްވަމުންނެވެ.