އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރައްވައިފި އެވެ.
ރައީސް ނަޝީދު މިކަން އިއުލާން ކުރައްވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
”އަޅުގަނޑު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ވަނީ ނިންމާފައި،“ ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ޕާޓީގެ ހުރިހާ މެންބަރުން އެމަނިކުފާނަށް ވޯޓު ދެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް އެޕާޓީން ނިންމާފައިވަނީ ޖެނުއަރީ 28 ގަ އެވެ. އެ ޕާޓީން ބުނި ގޮތުގައި ޕްރައިމަރީގައި ވާދަކުރުމަށް ޕާޓީގެ 500 މެންބަރުންގެ ތާއީދާއެކު މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވާދަކުރައްވާނެކަން ވަނީ އިއުލާނު ކުރައްވާފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓައިމްލައިންގައިވާ ގޮތުން ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރާނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.
ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓް އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 28 ވަނަ ދުވަހު ހުޅުވާލާނެ އެވެ. ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 އަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓް ޖެނުއަރީ ތިންވަނަ ދުވަހު އާންމުކުރާނެ އެވެ. ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލާނީ ޖެނުއަރީ 10 ވަނަ ދުވަހު އެވެ. އެ ފުރުސަތު ބަންދުވާނީ ޖެނުއަރީ 15 ވަނަ ދުވަހު އެވެ.