ދުނިޔެ

އަސްކަރިއްޔާ ފުޅާކުރަން ޓެކްސް ބޮޑުކުރުމާ ޖަޕާން ރައްޔިތުން ދެކޮޅު

ޖަޕާންގެ އަސްކަރިއްޔާ ފުޅާކޮށް ބާރުވެރިކުރަން ސަރުކާރުން ކުރާ މަސައްކަތްތަކަށް އާންމު ރައްޔިތުންގެ ގިނަ ބަޔަކު ތާއީދެއް ނުކުރެ އެވެ.

އަމުދުން އަސްކަރިއްޔާ ފުޅާކުރަން އާންމު ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަކީ ބޮޑު މައްސަލައެއް ކަމަށް ގިނަ ބަޔަކު ބުނާ ކަމަށް ކިޔޮޑޯ ނޫސް އޭޖެންސީން ބުނެ އެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަޕާންގައި ހިމޭންވެފައި އޮތް އަސްކަރިއްޔާ ކޮޅަށް ޖެހުމަށް އެ ގައުމުގެ ސަރުކާރުން ދަނީ ރާވަމުންނެވެ.

އަސްކަރިއްޔާ ފުޅާކުރަން ސަރުކާރުން ދައްކާ ހުއްޖަތަކީ އުތުރު ކޮރެއާގެ ނުރައްކާ ސަރަހައްދަށް ބޮޑުވެފައި އޮތުމެވެ. އަދި ޗައިނާ-ޓައިވާންގެ މަސްރަހުގެ ސަބަބުން ކުރިމަތިވެދާނެ ހާދިސާއަކަށް ތައްޔާރުވުމަކީ ވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.

އަނެއްކޮޅުން ޖަޕާންގެ ރަށްތަކެއް ކަމަށް ބުނާ ރަށްތަކެއް -- ރަޝިއާ ސިފައިން އަސްކަރީ މަރުކަޒުތަކެއް ގޮތުގައި، ބޭނުންކުރުން ވެސް ވެފައި އޮތީ އުންޑައިން ހައްލުކުރަން ޖެހިދާނެ މައުލޫއަކަށެވެ.

ރަޝިއާއިން ޔުކްރޭނަށް އަރައިގަތުން ޖަޕާން މާނަކުރަކީ އަސްކަރީ ގާބިލުކަމެއް ނެތް ގައުމުތަކުގެ މައްޗަށް ބާރުގަދަ ގައުމުތަކުން ހަތިޔާރުން ބިރުދައްކައި ނުފޫޒު ފޯރުވުމަކީ ޖަޕާނަށް އޮތް ބިރެއް ގޮތުގަ އެވެ.

ބޮޑުވަޒީރު ފުމިއޯ ކިޝިދާގެ ސަރުކާރުން ބުނާ ގޮތުން މިހާރުން މިހާރަށް ޓެކްސް ބޮޑު ނުކުރި ނަމަވެސް، ޓެކްސް ބޮޑުކޮށްގެން ނޫން ގޮތަކަށް ދިފާއި ބަޖެޓަށް ބޭނުންވާ ފައިސާ ހޯދާނެ ލުއި އަދި އަވަސް ގޮތެއް ނެތެވެ.

ބޮޑުވަޒީރު ވިދާޅުވީ ހަރަދު ކުޑަކުރުމާ އެކު ޓެކްސް ބޮޑުކުރުމަކީ އަސްކަރިއްޔާ ފުޅާކުރުމަށާއި ސަލާމަތީ ގޮތުން ދިމާވާ ތަފާތު ގޮންޖެހުންތަކަށް އޮތް އެންމެ ރަނގަޅު ހައްލު ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ޖަޕާންގެ ކިޔޯޑޯ ނޫސް އެޖޭންސީން ކުރި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 65 ޕަސެންޓް މީހުން އަސްކަރީ ހަރަދުތަކަށް ޓެކްސް ބޮޑުކުރުމާ ދެކޮޅެވެ. އަދި 87 ޕަސެންޓް މީހުން ބުނާ ގޮތުން ޓެކްސް ބޮޑުކުރަން ޖެހޭ ކަމަށް ބޮޑުވަޒީރު ވިދާޅުވާ ވިދާޅުވުމުގައި އެއްވެސް އާރެއް ނެތެވެ.