ރާއްޖެ ކުޅިވަރު

ނިއު ދޫކޮށް ކުޑައްޓޭ ވެލެންސިއާ އަށް

ނިއުރޭޑިއަންޓްގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) ކުލަބު ވެލެންސިއާ އަށް ކުޅެން ސޮއިކޮށްފި އެވެ.

ފާއިތުވެދިޔަ ތިން އަހަރު ނިއު އަށް ކުޅުނު ކުޅުންތެރިޔާ މިއަދު ބުނީ އޭނާ ވެލެންސިއާ އަށް ކުޅެން ސޮއިކުރީ އެންމެ ރަނގަޅު ހުށަހެޅުމެއް ލިބުނީ އެކުލަބުން ކަމަށްވާތީ ކަމަށެވެ.

ވަރަށް ފަހަކާ ޖެހެންދެން ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އައި ކުޑައްޓޭ އަކީ ސާފް ޗެމްޕިއަންޝިޕް 2008ގެ ކާމިޔާބު ކުރި ޓީމުގައި ކުޅެ ޕާކިސްތާން ކޮޅަށް މުބާރާތުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

ފަހަތައި މެދުތެރެއަށް ވެސް މޮޅަށް ކުޅޭ ކުޅުންތެރިޔާ ވަނީ މީގެ ކުރިން ވިކްޓަރީ އަށް ވެސް ހަތަރު އަހަރު ކުޅެފަ އެވެ.

އަންނަ ސީޒަނަށް ވެލެންސިއާ ވަރުގަދަ ކުރުމަށް ކުޑައްޓޭ އަކީ އެކުލަބަށް ގެންދިޔަ ތިން ވަނަ ކުޅުންތެރިޔާ އެވެ. އޭނާގެ ކުރިން ނިއުގެ ޑިފެންޑަރު ޝާފިއު އަހުމަދާއި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ވެލެންސިއާ އަށް ގެންގޮސްފަ އެވެ. އަދި ޓީމުގައި މިދިޔަ އަހަރުތިބި މުހިންމު ހުރިހާ ކުޅުންތެރިން ވެސް އަންނަ އަހަރު ކުޅެން އެއްބަސްވެފަ އެވެ.