ވެލެންސިއާ

ނިއު ސަސްޕެންޝަންގައި، ފުރަތަމަ ޑިވިޝަނަށް ވެލެންސިއާ؟!

ނިއު ރޭޑިއަންޓާ މެދު އެފްއޭއެމުން އަޅާފައިވާ ސަސްޕެންޝަން ދެމެހެއްޓުމަށް ކުލަބުތަކުން ނިންމުމުން، ފުރަތަމަ ޑިވިޝަންގެ އެ ޖާގަ ކުލަބު ވެލެންސިއާއަށް ލިބުމުގެ ފުރުސަތު ބޮޑު ވެއްޖެ އެވެ.

މިއަދު ބޭއްވި، އެފްއޭއެމްގެ އާންމު ކޮންގްރެސްގައި، ކުލަބު ތަކުން ވަނީ، އެފްއޭއެމުން ނިއުއާ ދެކޮޅަށް އަޅާފައިވާ ސަސްޕެންޝަންގެ ފިޔަވަޅު ދެމެހެއްޓުމަށް ވޯޓް ދީފަ އެވެ. ނިއުގެ ސަސްޕެންޝަން އުވާލަން ވޯޓް ދީފައި ވަނީ، ވިކްޓަރީ ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބު އެކަންޏެވެ.

އެފްއޭއެމްގެ ކޮންގްރެސްއިން އެގޮތަށް ނިންމުމުން، އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި ނިއު ރޭޑިއަންޓަށް ވާދަ ނުކުރެވޭނެ އެވެ. އެހެންކަމުން ފުރަތަމަ ޑިވިޝަންގެ އެ ޖާގަ އެހެން ކުލަބަކަށް ލިބިގެން ދާނެ އެވެ. އެ ޖާގައަށް ވާދަ ކުރާނީ، ދެ ވަނަ ޑިވިޝަންގެ ރަނަރަފު ޖޭޖޭ ސްޕޯޓްސް ކުލަބާއި މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުން ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވި ވެލެންސިއާ އެވެ.

ކޮންގްރެސްއަށް ފަހު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރުމުގެ ފުރުސަތު ދޭނީ ރޭންކަށް ބެލުމަށް ފަހު ގައި ކަމަށެވެ.

"ރޭންކަށް ބަލައިފިއްޔާ އަޅުގަނޑަށް ހީވަނީ ކުލަބު ވެލެންސިއާއަށް ހެން ފުރުސަތު ލިބިގެން ދާނީ،" ބައްސާމް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުގައި ވެސް މަޝްވަރާ ކުރެވިފައި ވަނީ، އެހެން ނަމަވެސް މިހަފުތާގައި ޓެކްނިކަލް ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާނީ."

މިދިޔަ އަހަރު، މާލޭ ލީގުގެ އަށް ވަނައިގައި ހިމެނުމުން، ވެލެންސިއާ ކުޅެން ޖެހުނީ ރެލިގޭޝަންގެ ކޮލިފިކޭޝަންގަ އެވެ. ރެލިގޭޝަންގެ ދެ މެޗުގައި ވެސް ޔުނައިޓަޑް ވިކްޓަރީ އަތުން ބަލިވެ، ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވީ އެވެ.

މި އަހަރު ޖަނަވަރީ މަހު ތިން ވަނަ ދުވަހު، އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރީ، އެ ކުލަބުގެ 10 ކުޅުންތެރިޔަކަށް ދޭން ޖެހޭ މުސާރައިގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް އެފްއޭއެމުން ބުނެ އެވެ.

ނިއު ރޭޑިއަންޓް ސަސްޕެންޑް ވުމާ ދިމާވި ވަގުތަކީ އެފްއޭއެމްގެ ލިޑާޝިޕް ބަދަލު ކުރުމަށް އެކުލަބުން އިސް ނަގައިގެން މަސައްކަތް ކުރަމުންދިޔަ ވަގުތެކެވެ. އެވަގުތު އެފްއޭއެމްގެ އެކްސްކޯއިން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމުން، ސަސްޕެންޑް ކުރީ އެފްއޭއެމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަށް ކަމަށް ބުނެ އެ ތުހުމަތު އެފްއޭއެމްގެ މައްޗަށް ކުރެވުނެވެ.

އެހެންނަމަވެސް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާލުވީ، އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރަން، ބައެއް ކުލަބުތަކުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާއަށް ޚަބަރު ލިބުނީ ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރި ފަހުން ކަމަށެވެ.