އެކްސިޑެންޓް

ވީޑިއޯއިން ފެންނަނީ ޓްރެފިކް ލައިޓަށް މަޑުނުކޮށް އިއްސެ ދުއްވަނިކޮށް

މިދިޔަ ހުކުރު ދުވަހު ސިނަމާލެ ބްރިޖްމަތީގައި ހިނގި އެކްސިޑެންޓުގައި މަރުވި ވިޔަފާރިވެރިޔާ ޖަމްބޯ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) މަރުވީ އޭނާ ޓްރެފިކް ލައިޓަށް މަޑުނުކޮށް ދުއްވާފައި ދަނިކޮށް ވެހިކަލެއްގައި ޖެހިގެން ކަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ހާމަވެއްޖެ އެވެ.

އިއްސެ ނިޔާވީ 22 އަހަރު ފަހުން ރާއްޖެ އައިސް އާއިލާ މީހުންނާ ބައްދަލުކުރުމަށްފަހު ފުރަން ތައްޔާރުވަމުން ދަނިކޮށެވެ.

އޭނާ ސިނަމާލެ ބްރިޖު ކައިރިން ޓްރެފިކް ލައިޓަށް މަޑުނުކޮށް ދުއްވާފައި ދަނިކޮށް ޖެހިފައިވަނީ ކާރެއްގަ އެވެ.

އެކްސިޑެންޓް ހިނގިތާ ކުޑަވަގުތުކޮޅެއް ފަހުން ޓްރީ ޓޮޕް ހޮސްޕިޓަލަށް އިއްސެ ގެންދިޔަ ނަމަވެސް އޭރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

ވީޑިއޯއިން ފެންނަނީ ހުޅުމާލެއިން އައި ކާރެއް ހުޅުލެއަށް ދާން ލަނބާލި ވަގުތު މާލެ އިން ހުޅުމާލެ އަށް ދާ ލޭނުގައި ލައިޓު ރަތްވެފައި ހުއްޓައި އިއްސެ ދުއްވާފައި ދިޔަ ތަނެވެ.

އުމުރުން 54 އަހަރުގެ އިއްސެއަކީ މީގެ 22 އަހަރު ކުރިން ބެންކޮކްގައި ވަޒަންވެރިވި ފަހުން، އެތަނުގައި ފައިވާން ފެކްޓަރީއެއް ވެސް ހިންގައި ރާއްޖެއަށް މުދާ ސަޕްލައި ކޮށްދެމުން ދިޔަ ވިޔަފާރިވެރިއެކެވެ.

އިއްސެ މާލެ އައީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.