ދުނިޔެ

މިއުޒިޝަނުން ހަނގުރާމައިގެ ކުރީ ސަފަށް ނެރެނީ

ސިފައިންގެ ހިތްވަރު އަލުން އާކުރުމަށް މިއުޒީޝަނުންނާއި ލަވަކިޔުންތެރީން ހަނގުރާމައިގެ ކުރީ ސަފަށް ފޮނުވާނޭ ކަމަށް ރަޝިއާއިން ބުނެފި އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީ އިން ވަނީ ޔުކްރޭނާ ދެކޮޅަށް އެ ގައުމުން ކުރިއަށް ގެންދާ ހަނގުރާމައިގެ ކުރީ ސަފަށް ފޮނުވާން "އުފެއްދުންތެރި ބްރިގޭޑެއް" އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ބުނެފަ އެވެ.

ޑިފެންސް މިނިސޓްރީން ބުނާ ގޮތުގައި ހަނގުރާމައަށް ފޮނުވާ ފައުޖުގެ ތެރޭގައި މިއުޒިޝަނުންގެ އިތުރުން ޗަރުކޭސް ހަދާ މީހުންވެސް ހިމެނެ އެވެ.

ފައުޖުގައި ހިމަނާ މިއުޒިޝަނުންނަށް ބޭނުންވާ މިއުޒިކްގެ ވަސީލަތްތައް ހަދިޔާކުރުމަށް ރަޝިއާގެ ސަރުކާރުން އާމުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބީބީސީ އިން ބުނެ އެވެ.

ރަޝިއާ ޔުކްރޭން ހަނގުރާމައިގެ ކުރީ ސަފަށް މިއުޒިޝަނުން ފޮނުވަން ނިންމާފައިވަނީ ރަޝިއާގެ ޑިފެންސް މިނިސްޓަރު ސިފައިންގެ ލަޝްކަރާ ބައްދަލުކުރެއްވި ފަހުންނެވެ. އަދި އޭނާ ވަނީ ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކަށް ވަޑައިގެން ވައިގެ އުޅަނދެއްގައި އެ ސަރަހައްދު ބައްލަވާލައްވާ ރަޝިއާ ސިފައިން ހޯދާފައިވާ ކުރިއެރުމަށް ހިތްވަރު ދެއްވާފަ އެވެ.

ކޮމާންޑް ޕޯސްޓެއްގައި ހުންނަވައިގެން ޑިފެންސް މިނިސްޓަރު ޝައިގޫ ހަނގުރާމައިގެ ކުރީ ސަފުގައި ތިބި ސިފައިނާއި މުހާތަބު ކުރެއްވި ކަމަށްވެސް ރަޝިއާ އިން ލިބޭ ހަބަރުތައް ބުނެ އެވެ. ނަމަވެސް މިކަމަށް ބާރުދޭ ހެއްކެއް ނުދައްކަ އެވެ.