މޯލްޑިވްސް ޕޮލިސް ސާވިސް

ފައިސަލްގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި

Dec 19, 2022

ހދ. ނޮޅިވަރަމުގައި އަނބިމީހާ މަރާލި ކަމަށް ތުހުމަތުކުރެވޭ އދ. ފެންފުށީ، ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް ދަންޖެހެން މަސައްކަތް ކުރަނިކޮށް ސަލާމަތްކޮށްގެން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް މިއަދު މަރުވުމާ ގުޅިގެން އޭނާގެ ހަށިގަނޑު މާލެ ގެނެސް އާއިލާއާ ހަވާލުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ އުމުރުން 32 އަހަރުގެ ފައިސަލް ހަށިގަނޑު މިއަދު މާލެ ގެނެސް މިރޭ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ފައިސަލް ބަހައްޓާފައި ވަނިކޮށް ދަންޖެހިގެން މަރުވާން މަސައްކަތް ކުރަނިކޮށް ފެނިފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ފައިސަލް މަރުވީ މިއަދު 8:28 ހާއިރު ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް އަންގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ނޮޅިވަރަމަށް ނިސްބަތްބާ އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:31 ހާއިރު އެވެ.

ނިޝާމާގެ ހަށިގަނޑުގެ ބޭރު ފުށުން މާބޮޑު އަނިޔާއެއް ފެންނަން ނެތް ކަމަށް އެރަށުން އަވަސް އަށް މައުލޫމާތު ދިން މީހުން ބުނެފައިވެ އެވެ. ނަމަވެސް ކަރުގައި އަނިޔާގެ ކޮންމެވެސް ނިޝާނެއް ހުރި ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ.

ނިޝާމާ މަރުވިކަން އާއިލާ އަށް އެނގުނީ ފައިސަލް އޭނާގެ ފޭސްބުކް ޕޭޖުގައި ހޮނިހިރު ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައި ޕޯސްޓް ކުރި ފޮޓޯތަކެއްގައި ނިޝާމާ ބުރުގާ ނާޅާ ހުރި ފޮޓޯތަކެއް ހިއްސާކުރުމުން މި ދެމީހުންނަށް ފޯނުކޮށްގެން އެކަކުވެސް ފޯން ނުނެގުމުން އާއިލާގެ ބަޔަކު ނިޝާމާ އުޅޭ ކޮޓަރި ބެލުމުންނެވެ. އާއިލާގެ މީހުން ކޮޓަރި ހުޅުވީ ވެސް ދޮރު ހަލާކުކޮށްލައިގެންނެވެ.

ތިން ކުދިންގެ މަންމަ ނިޝާމާގެ މަރުގެ ހަބަރު ރަށު ތެރެއަށް ފެތުރިގެން ދިޔައިރު ފައިސަލް ހުރީ ހދ. ކުޅުދުއްފުށީގަ އެވެ. ފުލުހުން ފައިސަލް ހައްޔަރުކުރީ މިމަހުގެ 10 ވަނަ ދުވަހު އޭނާ އަމިއްލައަށް ކުޅުދުއްފުށި ފުލުހަށް ހާޒިރުވެ ހަވާލުވުމުންނެވެ.

ފައިސަލް އަކީ ނޮޅިވަރަމް ފެނަކަ އޮފީހުގައި ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް އެ ރަށުގެ ބައެއް މީހުން ތުހުމަތުވެސް ކުރެ އެވެ.