މޯލްޑިވްސް ޕޮލިސް ސާވިސް

ނިޝާމާ މަރާލީ ނޭވާ ހާސްކޮށްލައިގެން: ޕޮލިސް

Dec 24, 2022

ހދ. ނޮޅިވަރަމްގައި އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު މަރާލީ ކަމަށް ފުލުހުން ބުނެފި އެވެ.

ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ނަތީޖާއާ ހަވާލާދީ ފުލުހުން މިރޭ ބުނީ ނިޝާމާ މަރާލާފައިވަނީ ކަރުގައި އެއްޗެއް އަޅައި ނޭވާ ހާސްކޮށްލައިގެން ކަމަށެވެ.

ނިޝާމާ މަރާލި ގޮތް ބުނުން ފިޔަވާ ޕޯސްޓްމޯޓަމް ރިޕޯޓްގައިވާ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ހދ. ނޮޅިވަރަމްގައި ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 10 ވަނަ ދުވަހު 12:30 ހާއިރު އެވެ.

މިރޭގެ މަޣްރިބް ނަމާދަށްފަހު ނިޝާމާގެ ހަށިގަނޑު ވަނީ އާސަހަރާގައި ވަޅުލާފަ އެވެ.

ނިޝާމާގެ ހަށިގަނޑު ވަޅުލާފައި މިވަނީ ރާއްޖެއިން ބޭރުގައި ޕޯސްޓްމޯޓަމެއް ހެދުމަށްފަހު ހަށިގަނޑު މިއަދު މާލެ ގެނައުމަށްފަހު އެވެ.

ނިޝާމާގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ އޭނާގެ ފިރިމީހާ، އދ. ފެންފުށި، ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް ފުލުހުންގެ ބެލުމުގެ ދަށުގައި ހދ. ކުޅުދުއްފުށީގައި ހުއްޓާ ދަންޖެހުނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 11:15 ހާއިރު އެވެ.

ފައިސަލް ދަންޖެހުމުން ފުލުހުން ވަނީ އޭނާ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފަ އެވެ. އެ ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް ފައިސަލް މަރުވީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް އިންޑިއާ އިން ހަދާފައިވަނީ އާއިލާ އިން ދެކޮޅު ހަދާފައި ވަނިކޮށެވެ. ޕޯސްޓްމޯޓަމް ގަވައިދު އޮތް ގޮތުން އާއިލާ އިން ދެކޮޅު ހެދި ނަމަވެސް ޝައްކު ކުރެވޭ މަރުތަކުގައި ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ.