ކުންފުންޏެއް އުފައްދައިގެން ކައުންސިލަކުން ރަސްމީކޮށް ވިޔަފާރި ކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް އއ. ތޮއްޑޫ ކައުންސިލަށް ދީފި އެވެ.
ލާމަރުކަޒީ ގާނޫނާއި ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ތޮއްޑޫ ކައުންސިލަށް ލޯކަލް އޮތޯރިޓީ ކޮމްޕެނީއެއް، ރަޖިސްޓްރާ އޮފް ކޮމްޕެނީ ވަނީ ރަޖިސްޓްރީކޮށްދީފަ އެވެ. ކުންފުނީގެ ރަޖިސްޓްރީ ތޮއްޑޫ ކައުންސިލާ ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ. ތޮއްޑޫ ކައުންސިލްގެ ފަރާތުން ރަޖިސްޓްރީއާ ހަވާލުވީ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރި ހުއްދައަކީ ތޮއްޑޫގެ ކުރިއެރުމަށާއި ތޮއްޑޫ ރައްޔިތުންގެ ފައިދާއަށް ކައުންސިލުން ނިންމި ރަނގަޅު ނިންމުމެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކައުންސިލްތަކަށް ވިޔަފާރި ކުރުމުގެ ބާރު ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މިއީ އެ ރަށެެއްގެ ރައްޔިތުންނަ އެންމެ ބޭނުންވާ ކަންކަން އެންމެ ފަސޭހައިން ހަމަޖައްސައިދެވޭނެ ގޮތް ކަމުގައިވެސް ވިދާޅުވި އެވެ.
ތޮއްޑޫ ކައުންސިލުގެ ރައީސް އަހުމަދު ކަރަމް އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތޮއްޑޫގައި ވަރަށް ގިނަ ކަންކަން ކުރަން ރާވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ހުށަހެޅި ކަންކަމުގެ ތެރޭގައި ފަތުރުވެރިންނަށް ހާއްސަ ބީޗެއް ތަރައްގީ ކުރުން. ގަހުގެ ވިޔަފާރި ކުރުމަށް ނާސަރީއެއް ހެދުން. ޑޭކެއާ ސެންޓަރެއް ހެދުން. ޕްރީސްކޫލެއް ހެދުން އަދި ތޮއްޑޫގެ ބްރޭންޑް "ތޮއްޑޫ މޯލްޑިވްސް" އިތުރަށް ފުޅާ ކުރުން ހިމެނޭ،" ކަރަމް ވިދާޅުވި އެވެ.
ކަރަމް ފާހަގަކުރެއްވި ގޮތުގައި ކައުންސިލުތަކަށް ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަކީ ރައްޔިތުންނަށް އެކަމުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށެވެ.
ކަރަމު ވިދާޅުވީ 12 އަހަރު ކުރިން ކައުންސިލުތައް ބާރުވެރި ކުރުވުމާ ގުޅޭ ގާނޫނުތައް ހުރީ ފާސްވެފައި ކަމަށާއި ނަމަވެސް އަމަލީ ގޮތުން ކައުންސިލުތައް ބާރުވެރި ކުރުވުމުގެ މަސައްކަތް ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކަމަށެވެ.
ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ މަސައްކަތުގައި ރާއްޖޭގައި ކުރެވުނު އެންމެ މުހިއްމު ކަމަކީ ލޯކަލް ކައުންސިލްތަކުގެ ދައުރު ފުޅާކޮށް އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތައް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ތޮއްޑޫ ކައުންސިލުން ކުންފުންޏެއް ހަދައިގެން ވިޔަފާރިކުރުމުގެ ހުއްދަ ދިން ނަމަވެސް މާލެ ސިޓީ ކައުންސިލަށް ކުންފުނި ހަދަން ހުއްދަ ދީފައި ނުވާ ކަމަށް އެ ކައުންސިލުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.