އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ރ. ފުއްގިރީގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަމުން ގެންދެވި އެ ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް މައްސަލައިން ތަނާޒުލްވެވަޑައިގެންފި އެވެ.
މައްސަލައިން ތަނާޒުލްވެވަޑައިގެންނެވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ. ކްރިމިނަލް ކޯޓުން ވެސް މިކަމުގައި އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ދެ ބޭފުޅަކަށާއި ދެ ކުންފުންޏަކަށް ދައުވާކޮށްފައިވެ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަންގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ ގެ މައްޗަށެވެ.
މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.
ފުއްގިރި މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.
ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ ވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އަދި މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ ވަނީ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފަ އެވެ.
އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްގާޒީ ޝަކީލު މި މައްސަލައިން ތަނާޒުލްވެ ވަޑައިގަތުމާ ގުޅިގެން ފުއްގިރި މައްސަލަ އާއި ހަވާލުވެވަޑައިގަތީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް އެވެ.
ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ މައްސަލަ ވެސް ބައްލަވަނީ އިސް ގާޒީ އަހުމަދު ޝަކީލް އެވެ. މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ.