ޕީޕީއެމް

ޖަލްސާއަށް ދައުވަތު ދިނުމަށް އިނދިކޮޅު ލީޑަރުން ރަށްތަކަށް

ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން އަންނަ ހުކުރު ދުވަހުގެ ރޭ "ފެލާލައިފި" ނަމުގައި މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ދައުވަތު އެރުވުމަށް ކޯލިޝަންގެ ބައެއް ލީޑަރުން މާލެ އަތޮޅުގެ ރަށްތަކަށް މިއަދު ފުރައިފި އެވެ.

މި ދަތުރުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަޑުއްވަރި ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފްގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު އާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ދަތުރުގައި ކާށިދޫ އަދި ގާފަރު ފިޔަވައި މާލެ އަތޮޅުގެ ހުރިހާ ރަށަކަށް މި ބޭފުޅުން މިއަދު ދަތުރު ކުރައްވާނެ އެވެ.

ދަތުރަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާ އަހްމަދު ޝިޔާމް ވިދާޅުވީ މި ދަތުރަކީ "ފެލާލައިފި" ނަމުގައި ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާއަށް ރައްޔިތުންނަށް ދައުވަތު އެރުވުމަށް ކުރާ ދަތުރެއް ކަމަށެވެ. މި ދަތުރުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ތަކެތީގެ އަގު ބޮޑުވެ ސަރުކާރުގެ ސަބަބުން ރައްޔިތުން މިއަދު އުޅެންޖެހިފައިވާ ދަތި ހާލު ބުނެދިނުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ޕީޕީއެމް އަދި ޕީއެންސީ އިން ހާލަތު ބަދަލުކުރާނެ ގޮތްތައް ރައްޔިތުންނާ ހިއްސާކުރުން މިދަތުރުފުގައި އޮންނާނެ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ ނަމުގައި ނަގާފައިވާ ލޯނުތަކުގެ ތަފްސީލް އެމްއެމްއޭ އަދި ގަވަރުނަރަށްވެސް އެނގިވަޑައިގެން ނުގަންނަވާ ކަމަށެވެ. މި ސަރުކާރުން މާލީ ކަންކަން ބަލަހައްޓަމުން ގެންދާ ގޮތަކީ ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމުގައިވެސް ވިދާޅުވި އެވެ.

މި ހުރިހާ ކަންބޮޑުވުންތައް ރައްޔިތުންނަށް ބުނެދީ "ފެލާލައިފި" ޖަލްސާއަށް ކ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ފެލާލައިފި"ގެ ނަމުގައި އިނދިކޮޅުން މި އަންނަ ހުކުރު ދުވަހު ޖަލްސާ ބާއްވަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދައި، ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް ބޮޑުކޮށް، ތަކެތީގެ އަގު އުފުލާ، ޚިދުމަތްތަކުގެ އަގު ބޮޑުވެ، އެކި ނަންނަމުގައި ރައްޔިތުން ޖޫރިމަނާކޮށް ރައްޔިތުން "ފެލަމުންދާތީ" އެކަންކަމަށް އަޑުއުފުލުމުގެ ގޮތުންނެވެ.

އިދިކޮޅު ކޯލިޝަނުން މީގެކުރިންވެސް ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑު ކިޔުމުގެ ގޮތުން ހާއްސަ ޖަލްސާތަކެއް ބާއްވާފަ އެވެ.

މިފަދަ ޖަލްސާތަކުގައި ވަރަށް ގިނަ ބަޔަކު ބައިވެރިވެ ސަރުކާރަށް ފާޑުކިޔާފައިވާ ކަން ވެސް ފާހަގަކުރެވެ އެވެ.