ބޮލީވުޑް

ފަރްހާން އަޚްތަރު އާއި އަންހެނުން ވަރިވަނީ

Jan 22, 2016

މިއަހަރު ފެށިގެން ގޮސްފައިވަނީ ވެސް ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފްގެ ހައަހަރުވީ ލޯބީގެ ގުޅުން ނިންމާއި، ދެތަރިން ރުޅިވި ހަބަރާއެކު އެވެ.

އަނެއްކާ ވެސް ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް އެކްޓަރު އަދި ޕްރޮޑިއުސަރު ފަރްހާން އަޚްތަރު އާއި އޭނާގެ އަންހެނުން އަދުނާ ބަބާނީ ވަނީ 15 އަހަރުވީ ކައިވެނި ރޫޅާލަން ނިންމާފަ އެވެ.

ނޫސްތަކުގައިވާ ގޮތުން ފަރްހާން އާއި އަދުނާ ވަނީ އެދެމީހުން ވަރިވާން ނިންމި ކަމާއި ގުޅޭގޮތުން ބަޔާނެއް ނެރެފަ އެވެ. މިބަޔާނުގައި މިދެމީހުން ވަނީ 15 އަހަރުވީ ކައިވެނި ނިންމާލަން ނިންމުމަކީ އެދެމީހުންގެވެް ނިންމުމެއް ކަމަށާއ ވަކިވުމަށްފަހުވެސް އެދެމީހުންގެ އެންމެ މުހިންމު ކަމަކަށް ވާނީ އެމީހުންގެ ދެދަރިން ކަމަށާއި، ދެމީހުން ވަކިވި ކަމުގައި ވިޔަސް ދެދަރިންނަށް ބެލުމުގައި ދެމީހުންވެސް އެއްވަރަކަށް ޒިންމާނަގާނެ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެމީހުންގެ ނިންމުމަށް އިހްތިރާމްކުރުމަށް ހުރިހާ އެންމެންގެ ކިބައިން އެދޭ ކަމަށްވެސް ބުނެފައިވެ އެވެ.

ބުނެވޭ ގޮތުގައި މިދެމީހުން ވަރިވާން ނިންމާފައިވަނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެދެމީހުންގެ ދެމެދުގައި އޮތް ގުޅުން ކުޑަވެ، ދުރުުވެފައިވާތީ އެވެ. މިދެމީހުންގެ ދެމެދުގައި މައްސަލަތައް ޖެހި، ވަކިވާން އުޅޭ ކަމުގެ ވާހަކަތައް ދެކެވޭތާ ދުވަސްކޮޅެއް ވެފައިވާއިރު، ފަރްހާންގެ އެންމެފަހުން ނިކުތް ފިލްމު "ވާޒިރް"ގެ ހާއްސަ ސްކްރީނިންގައި އޭނާ އާއެކު އަދުނާ ނެތުމުން މިދެމީހުންގެ ދެމެދުގައި މައްސަލަތަކެއް އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

އިތުރަށް ނޫސްތަކުގައިވާ ބުދަ ދުވަހު ފަރްހާން ވަނީ އޭނާ އާއި އަދުނާ އެކުގައި އުޅެމުން އައި ގެއިން ނިކުމެ، އޭނާގެ ދައްތަ ޒޯޔާ އަޚްތަރުގެ ގެއަށް ބަދަލުވެފަ އެވެ. އަދި މިހާރު އޭނާ އަންނަނީ ވަކިން ދިރިއުޅޭނެ ގެއެއް ހޯދަމުން ކަމަށްވެސް ވެ އެވެ.

ފަރްހާން އާއި އަދުނާ ދިމާވެފައިވަނީ ފަރްހާން އެންމެ ފުރަތަމަ ޑައިރެކްޓްކުރި "ދިލް ޗާހަތާހޭ"ގެ ސެޓުންނެވެ. އަދުނާ ވަނީ މިފިލްމާއެކު ހެއާ ސްޓައިލެސްޓެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފުވެފަ އެވެ. ދެހާސްވަނަ އަހަރު ކައިވެނިކުރުމުގެ ކުރިން ފަރްހާން އާއި އަދުނާ ތިން އަހަރު ވަންދެން ލޯބީގެ ގޮތުން ރައްޓެހިވެގެން އުޅެފައިވާއިރު، އަދުނާ ފަރްހާނަށް ވުރެން ހައަހަރު ދޮށްޓެވެ.

މިކައިވެންޏަށް ދެއަންހެން ކުދިން ވަނީ ލިބިފައިވާއިރު، އަދުނާ އާއި ފަރްހާން ކައިވެނިކުރި ފަހުން އޭނާ ވަނީ ފަރްހާންގެ ހުރިހާ ފިލްމުތަކުގައިވެސް އޭނާއާއެކު މަސައްކަތްކޮށްފަ އެވެ.

މިމަހުގެ ކުރީކޮޅު ނިކުތް "ވާޒިރް"އިން ފެނިގެން ގޮސްފައިވާ ފަރްހާން މިހާރު "ރޮކް އޮން 2"ގެ މަންޒަރުތައް ނަގަމުން އަންނައިރު، ޝާހްރުކް ޚާން ލީޑްރޯލުން ފެނިގެންދާ "ރައީސް" އަކީ ފަރްހާން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ދެހާސް ސާދަވަނަ އަހަރު ރިތިކް ރޯޝަން އާއި އަންހެނުން ސުޒާން ޚާން ވަނީ 14 އަހަރުވީ ކައިވެނި ވެސް ނިމުމަކަށް ގެނެސްފަ އެވެ.