ޓޫރިސްޓް އެރައިވަލް

1.6 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު ހާސިލްކޮށްފި

ދިވެހިރާއްޖެއަށް ޒިޔާރަތްކުރި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔައިފި އެވެ.

މިއަދު މެންދުރު ޖެއްސި އިންދިގޯ ފްލައިޓުގައި ރާއްޖެ އައި 1.6 މިލިއަން ވަނަ ފަތުރުވެރިޔާ އަކީ އިންޑިއާއަށް އަށް ނިސްބަތްވާ ތެޖާސް ސަންޖޭ ކޮތާރީ އެވެ.

އޭނާ ނިއުޔޯކުން ރާއްޖެ އައީ އަންހެނުންނާ އެކު ހަނީމޫނަށެވެ. އަދި މިއީ ސަންޖޭ ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސަންޖޭ އަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ. މިގޮތުން ނައިބް ރައީސް ފައިސަލް ނަސީމާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވަނީ 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައި، މި އަހަރުގެ ޓޫރިޒަމް އަމާޒު ހާސިލުވުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ސަންޖޭއާއި އޭނާގެ އަނބިމީހާއަށް ވަނީ ލަކްސް އަރި އެޓޯލް ރިސޯޓުން ހިލޭ ޗުއްޓީއަކާއިއެކު ގިނަ ހަދިޔާތަކެއް ދީފަ އެވެ.

ބަޖެޓުގައި އަންދާޒާކޮށްފައިވަނީ މޮޑަރޭޓް ހާލަތުގައި މިއަހަރު ރާއްޖެއަށް 1،632،432 މިލިއަން ފަތުރުވެރިން އަދި އެންމެ ރަނގަޅު ހާލަތުގައި 1،835،047 ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށެވެ. މޮޑަރޭޓް ހާލަތުގެ ޓާގެޓް މިވަނީ މިއަދު ހާސިލްވެފަ އެވެ.

އެންމެ ގޯސް ހާލަތުގައި ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި 1،520،060 މިލިއަން ފަތުރުވެރިންގެ ޓާގެޓް ވެސް ވަނީ މި މަހުގެ ތެރޭގައި ހާސިލްވެފަ އެވެ. މިގޮތުން މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް 1،524،265 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އަންނަ އަހަރަށް ރާއްޖޭން ކަނޑައަޅާފައިވާ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ހަމަކުރުމެވެ.