މާލޭ ސިޓީ ކައުންސިލުން އަމިއްލަ ކަށުނަމާދު ފޭސްބުކް ޕޭޖެއް ހިންގުމަށް ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކަށުނަމާދު ޕޭޖެއް ހަދަން ނިންމާފައި މިވަނީ ފޭސްބުކްގައި މިހާރު އަމިއްލަ ފަރާތަކުން ހިންގަމުން ގެންދާ ކަށުނަމާދު ޕޭޖު ހުއްޓާލުމަށް ސިޓީ ކައުންސިލުން އަންގާފައިވާ ކަމަށް ބުނެ އެ ޕޭޖުގެ ވެރި ފަރާތުން ކަންބޮޑުވުން ފާޅު ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިޓީ ކައުންސިލުން ހަދާ ޕޭޖުގައި އިއުލާން ކުރާނީ މާލޭގައި ވަޅުލާ އެންމެންގެ ކަށުނަމާދު ކަމަށެވެ.
"މިކޮޅުންވެސް އެކަން ކުރާނީ ކައުންސިލުން ދޭ ހިދުމަތެއްގެ ގޮތުގައި ފްރީކޮށް،" ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މިހާރު ފޭސްބުކްގައި ހިންގަމުންދާ ކަށުނަމާދު ޕޭޖުގެ ވެރިޔާ އަހްމަދު މުނައްވަރު އަވަސް އަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން ވިދާޅުވީ އަމިއްލަ މީހަކަށް ކަށުނަމާދު ޕޭޖު ނުހިންގޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ބުނެފައިވާ ކަމަށާއި އެ ޕޭޖު ހުއްޓާލުމަށް ވެސް އަންގާފައިވާ ކަމަށެވެ.
"އަޅުގަނޑު ވެސް އިން އެ ބައްދަލުވުމުގައި ވަރަށް ހަރުކަށި އިބާރާތުން އަޅުގަނޑު ކައިރި ބުނީ އެ ޕޭޖެއް ނުހިންގޭނޭ. އެއީ ސިޓީ ކައުންސިލުން ކުރަންޖެހޭ މަސައްކަތެކޭ،" މުނައްވަރު ވިދާޅުވި އެވެ.
ނަމަވެސް ކަށުނަމާދު ޕޭޖު ހިންގުން މަނާކޮށް އެކަން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން އެންގި ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމުގައި މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.