ކުޅިވަރު

ހިލޭ ދޫކޮށްލަން ޖެހިދާނެތީ ޔުނައިޓެޑުން ހަތަރު ކުޅުންތެރިއަކު މަޑުކުރުވައިފި

މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާން ކައިރިވެފައިވާ ހަތަރު ކުޅުންތެރިއަކާ އެކު ޔުނައިޓެޑުން އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޔުނައިޓެޑުން އެއް އަހަރު ދުވަހުގެ އެއްބަސްވުން ހެދީ ޑިފެންޑަރު ޑިއޯގޯ ޑަލޯ އާއި ލޫކް ޝޯގެ އިތުރުން މާކަސް ރަޝްފާޑް އަދި ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް ގެ އެވެ. މި ހަތަރު ކުޅުންތެރިންގެ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެ އެވެ. ޖެނުއަރީ މަހުގެ ޓްރާންސްފާ ބާޒާރު ހުޅުވުމުގެ ކުރިން މި ކުޅުންތެރިންގެ އެއްބަސްވުން އާ ނުކުރި ނަމަ، އެހެން ކްލަބަކާ އެކު ޕްރީ ކޮންޓްރެކްޓެއް ހެދުމުގެ ފުރުސަތު ކުޅުންތެރިންނަށް ލިބޭނެ އެވެ.

މިދިޔަ ހަފްތާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ އެ ހަތަރު ކުޅުންތެރިންގެ އެއްބަސްވުން އާކުރާނެ ކަމަށް ބުނެފަ އެވެ.

މިހާރު ޔުނައިޓެޑްގައި ތިބި ކުޅުންތެރިންގެ ތެރެއިން އާ އެއްބަސްވުމަކަށް ނުދެވެނީ ގޯލްކީޕަރު ޑޭވިޑް ޑެހެއާއާ އެކު އެވެ. އުމުރުން 32 އަހަރުގެ ގޯލްކީޕަރުގެ އެއްބަސްވުން ވެސް މި ސީޒަން ނިމުމުން ހަމަވާނެ އެވެ. ޔުނައިޓެޑުން ޑެހެއާގެ އެއްބަސްވުން އާކުރުމުގައި ލަސްތަކެއް އުޅެނީ އޭނާގެ މުސާރައާ މެދު މަޝްވަރާކުރަން ޖެހޭތީ އެވެ. 2019 ވަނަ އަހަރު ޔުނައިޓެޑުން ޑެހެއާއާ އެކު ހެދި އެއްބަސްވުމުގައި ބުނެފައިވަނީ، އިތުރު ކޮންޓްރެކްޓަކަށް ދާނަމަ ހަފްތާއަކު 375000 ޕައުންޑް ޑެހެއާ އަށް ދޭންޖެހޭ ކަމަށެވެ. ޑެހެއާ އަކީ މިހާރު ވެސް ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކީޕަރެވެ.

ޖެނުއަރީ އެކެއްގެ ކުރިން ޑެހެއާގެ އެއްބަސްވުން އާނުކޮށްފި ނަމަ ސީޒަން ނިމުމުން ޑެހެއާ ޔުނައިޓެޑް ދޫކޮށްލުމުގެ ފުރުސަތު އޮންނާނެ އެވެ. މިހާރު ކުރަމުންދާ މަޝްވަރާތައް ކޮޅެއްގައި ނުޖެހިއްޖެ ނަމަ ޖެނުއަރީ އެކަކުން ފެށިގެން ޑެހެއާ އަށް ވެސް، ޕްރިމިއާ ލީގު ނޫން އެހެން ކްލަބަކާ އެކު ޕްރީ ކޮންޓްރެކްޓެއް ހެދުމުގެ ފުރުސަތު އޮންނާނެ އެވެ.

ޔުނައިޓެޑްގައި ގިނަ ދުވަސްތަކެއް ވަންދެން އެއް ނަންބަރު ކީޕަރުގެ ގޮތުގައި ހުރި ޑެހެއާ ވަނީ އެ ކްލަބަށް 500 އަށް ވުރެ ގިނަ މެޗު ކުޅެދީފަ އެވެ.