ބޮލީވުޑް

ކުމާރު ސާނޫގެ އަންހެންދަރިފުޅު ވެސް ބޮލީވުޑަށް

އިންޑިޔާގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ ދަރިފުޅު ޝެނޯން ކޭ އަކީ އިންޑިއަން-އެމެރިކަން ލަވަކިޔުންތެރިއެއްގެ ގޮތުގައި އިންޑިޔާގެ މިޔުޒިކް އިންޑަސްޓްރީގައި ވިދަމުން އަންނަ ފަންނާނެކެވެ. މިހާރު އޭނާ ތައްޔާރުވަމުންދަނީ ފިލްމީ ދާއިރާއަށް ނުކުތުމަށެވެ.
ޝެނޯން ބޮލީވުޑަށް ތައާރަފްވާނީ ސަންޖޭ މިޝްރާ އާއި މީތާ ވަޝިޝްތު ވެސް ބައިވެރިވާ "ޗަލް ޒިންދަގީ" ކިޔާ ފިލްމަކުންނެވެ.

އީ ޓައިމްސް އަށް ދީފައިވާ އިންޓަވިއު އެއްގައި ޝެނޯން ބުނީ އޭނާގެ ފުރަތަމަ ފިލްމުގައި އޭނާ ކުޅެނީ ލަޑާކް ކިޔާ ރަށެއްގައި ބައިސްކަލުގައި އުޅޭ މީހެއްގެ ކެރެކްޓާ ކަމަށެވެ. މި ފިލްމުގައި ކިޔައިދެނީ އަމިއްލަ ދިރިއުޅުން ދެކެ ލޯބިވުމުގެ މުހިއްމުކަން ކަމަށް ޝެނޯން ބުންޏެވެ.

ކުރިން އެންމެ ވެސް ހީކޮށްގެން ތިބީ ޝެނޯން އަކީ ކުމާރު ސާނޫގެ އަސްލު ދަރިއެއް ކަމަށެވެ. ނަމަވެސް ދާދިފަހުން އޭނާ ބައިވެރިވި ރިއަލިޓީ ޝޯއެއްގައި ކުމާރު ސާނޫ ހާމަކޮށްފައިވާ ގޮތުގައި ޝެނޯންއަކީ އޭނާ އެޑޮޕްޓްކޮށްފައިވާ ކުއްޖެކެވެ. އެއީ އޭނާ ދެ ވަނަ އަށް ކައިވެނިކުރި ސަލޯނީ ބަޓަޗާރިޔާ ކުރިން ކޮށްފައިވާ ކައިވެންޏަށް ލިބިފައިވާ ދަރިއެއް ކަމަށާއި 2001ގައި އޭނާ ޝެނޯން އެޑޮޕްޓްކޮށްފައިވާ ކަމަށް ކުމާރު ސާނޫ ބުންޏެވެ.