ފީފާ ވޯލްޑް ކަޕަށް ކްލަބް ފުޓްބޯޅަ މެދުކަނޑާލުމަށް ފަހު ރޭ އިނގިރޭސި ލީގު ކަޕްގެ މެޗުތައް ފެށިއިރު، ޕްރިމިއާ ލީގުގެ ހަތަރު ޓީމަކުން ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި އެވެ. ރޭގެ މެޗުތަކުން މޮޅުވެ ކުއާޓާ ފައިނަލް ކަށަވަރުކުރީ ވުލްވްސް އާއި ސައުތެމްޓަންގެ އިތުރުން ނިއުކާސަލް ޔުނައިޓެޑް އަދި ލެސްޓާ ސިޓީ އެވެ.
ވޯލްޑް ކަޕް ބްރޭކަށް ފަހު ކްލަބްތަކަށް ލިބުނީ ގާތްގަނޑަކަށް ދެތިން ދުވަހުގެ ބްރޭކެވެ. ލީގު ކަޕްގެ ކުޅުން ރޭ ފެށިއިރު ވޯލްޑް ކަޕްގައި ވާދަކުރި ބައެއް ޓީމުގެ ކުޅުންތެރިން އަދި ޓީމުތަކާ ނުގުޅެ އެވެ. އޭގެތެރޭގައި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލާއި، ސެމީ ފައިނަލް އަދި ފައިނަލުގައި ކުޅުނު ޓީމުތަކުގެ ކުޅުންތެރިން ހިމެނެ އެވެ. ލީގު ކަޕްގެ މެޗުތަކަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް މި މަހު 26 ގައި ފަށާނެ އެވެ.
ރޭ ވުލްވްސް އިން ވަނީ އަމިއްލަ ދަނޑުގައި ގިލިންހަމް ބަލިކޮށްފަ އެވެ. މެޗުގައި ވުލްވްސްގެ ދެ ގޯލު ވެސް ފެނުނީ މެޗުގެ ފަހު ކޮޅު އެވެ. ފުރަތަމަ ގޯލު 77 ވަނަ މިނެޓުގައި ރައުލް ހިމެނޭޒް ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. އެޓީމުގެ ދެވަނަ ގޯލު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އައިޓް ނޫރީ އެވެ. ސައުތެމްޓަން ކުއާޓާ ފައިނަލް ކަށަވަރުކުރީ ރޭ އަމިއްލަ ދަނޑުގައި 1-2 އިން ލިންކޮން ސިޓީ ބަލިކޮށްގެންނެވެ. މެޗުގައި ސައުތެމްޓަންގެ ދެ ގޯލު ވެސް ޖެހީ ޗޭ އެޑަމްސް އެވެ. އޭނާ ފުރަތަމަ ގޯލު 25 ވަނަ މިނެޓުގައި ޖެހިއިރު ދެވަނަ ގޯލު ޖެހީ 74 ވަނަ މިނެޓުގަ އެވެ.
ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނިއުކާސަލް ޔުނައިޓެޑް ރޭ ވަނީ އަމިއްލަ ދަނޑުގައި 0-1 އިން އޭއެފްސީ ބޯންމައުތު ބަލިކޮށްފަ އެވެ. މެޗުގެ ހަމައެކަނި ގޯލަކީ ބޯންމައުތުގެ އެޑަމް ސުމިތު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ލެސްޓާ ސިޓީ އިން ރޭ ވަނީ ރަށުން ބޭރުގައި އެމްކޭ ޑޮންސް 3-0 އިން ބަލިކޮށްފަ އެވެ. މެޗުގައި ލެސްޓާގެ ގޯލުތައް ކާމިޔާބު ކޮށްދިނީ ޔޫރީ ޓީލަމަންސް އާއި އަޔޯޒޭ ޕެރޭޒްގެ އިތުރުން ޖެމީ ވާޑީ އެވެ.
ލީގު ކަޕްގައި މިރޭ ތިން މެޗު ކުޅޭނެ އެވެ. 12:45 ގައި ފަށާ ދެ މެޗުގައި ބައްދަލުކުރާނީ ބްލެކްބާން ރޯވާސް އާއި ނޮޓިންހަމް ފޮރެސްުޓުގެ އިތުރުން ޗާލްޓަން އެތުލެޓިކް އަދި ބްރައިޓަން އެވެ. މިރޭ އެކެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޓެޑާއި ބާންލީ އެވެ.
ލީގު ކަޕްގެ ދެވަނަ ބުރުގައި ކުޅޭ ފަހު މެޗުގައި މާދަމާރޭ ލިވަޕޫލް އާއި މެންޗެސްޓަރ ސިޓީ ވާދަކުރާނެ އެވެ. ލިވަޕޫލް އަކީ އެންމެ ފަހުގެ ލީގު ކަޕްގެ ޗެމްޕިއަން ޓީމެވެ. މިފަހަރުގެ ލީގު ކަޕުން މަޝްހޫރު ޓީމުތައް ކަމަށްވާ ޗެލްސީ، ޓޮޓެންހަމް ހޮޓްސްޕާސް އަދި އާސެނަލް ވަނީ ކަޓައިފަ އެވެ.