އިންޑިއާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ހިންގާ ކެމްޕެއިން، "އިންކްރެޑިބްލް އިންޑިއާ"ގެ ބްރޭންޑް އެމްބެސްޑަރަކަށް ފާއިތުވި ތިން އަހަރު ހުރި، އާމިރް ޚާން ކޮންޓްރެކްޓް ހަމަވުމުން މިކެމްޕެއިންނުން ވަކިވެފައިވާއިރު، ކެމްޕައިންގެ ބްރޭންޑް އެމްބެސްޑަރުންނަށް މެގަސްޓާ އަމީތާބް ބައްޗަން އާއި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި މިހާރު ހޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ޕްރިޔަންކާ ޗޯޕްޅާ ހަމަޖައްސައިފި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ ޕްރޮމޯޓްކުރުމަށް ހިންގާ މި ހާއްސަ ކެމްޕެއިންގެ އާމޫނަކަށް މިދެތަރިން ހަމަޖައްސާފައިވާއިރު، އަމީތާބް އަކީ އިންޑިއާގެ ގުޖްރާތް ސްޓޭޓްގެ ޓޫރިޒަމް ބްރޭންޑް އެމްބެސްޑަރުވެސްމެ އެވެ.
އަމީތާބް މިކެމްޕެއިންގެ އެމްބެސެޑަރެއްގެ ގޮތުން ހަމަޖައްސައިފައިވަނީ ޕްރައިމް މިނިސްޓަރުންގެ އޮފީހުންނެވެ. އަދި ޕްރިޔަންކާ ވެސް އެމްބެސެޑަރެއްގެ ގޮތުން ހަމަޖައްސާފައިވަނީ މިހާރު އޭނާ ކުޅެމުން އަންނަ އެމެރިކަން ޓީވީ ސީރީޒް "ކުއަންޓިކޯ"ގެ ސަބަބުން އޭނާގެ މަޝްހޫރުކަން ދުނިޔޭގައި ބޮޑުވެފައިވާތީ އެވެ.
"އިންކްރެޑިބްލް އިންޑިއާ"ގެ އާ އެމްބެސެޑަރުން އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ތެރޭގަ އެވެ. އަމީތާބް އާއި ޕްރިޔަންކާ މިކެމްޕޭނުގައި އެމްބެސެޑަރުންގެ ގޮތުން ހަރަކާތްތެރިވާނީ ތިން އަހަރު ދުވަހަށް ކަމަށާއި މިކަމަށް މިދެތަރިން އެއްވެސް ލާރިއެއް ނުނަގާ ކަމަށްވެ އެވެ.
މުސްލިމުންނަށް އިންޑިއާގައި މިހާރު ކެތްނުކުރެވޭ ދަރަޖައަށް ކަންތައްތައް ގޮސްފައިވާ ކަމަށް އާމިރް ދެއްކި ވާހަކަތަކާއި ގުޅިގެން އޭނާއާއި ދެކޮޅަށް ގިނަބަޔަކު އަޑުއުފުލަމުން އައި ދަނޑިވަޅުގައި "އިންކްރެޑިބްލް އިންޑިއާ"ގެ ކެމްޕެއިންނުން އާމިރް ވަކިކޮށްފައިވާ ކަމުގެ އަޑުތައް އެރުމުން އިންޑިއާގެ ޓޫރިޒަމް މިނިސްޓްރީއިން ވަނީ އާމިރް ވަކިނުކުރާ ކަމަށާއި އާމިރް ބައިވެރިވި ކެމްޕޭނަކީ ކޮންޓްރެކްޓް އުސޫލުން އެޑްވަޓައިޒިން ކުންފުންޏަކަށް ދީފައިވާ އެއްޗެއް ކަމަށާއި އެ ފަރާތުގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުގެ ސަބަބުން އެ ކެމްޕޭނުގައި ބައިވެރިވާ އެންމެން ވެސް ކެމްޕޭނުން ވަކިވީ ކަމަށެވެ.
ނަމަވެސް އާމިރް ދެއްކި ވާހަކަތަކުގެ ސަބަބުން އޭނާ މިކެމްޕެއިނުން ވަކިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ވަނީ މިފަދަ ކެމްޕެއިނެއްގެ އެމްބެސްޑަރަކީ ކާކުކަން ކަނޑައަޅާނީ ސަރުކާރުން ކަމަށާއި އަދި އޭނާ މިކެމްޕެއިންނުން ވަކިކުރަން ސަރުކާރުން ނިންމި ނިންމުމަށް އިހްތިރާމްކުރާ ކަމަށްވެސް އާމިރް ވަނީ ބުނެފަ އެވެ.
އާމިރް ވަނީ ވޭތުވެދިޔަ 10 އަހަރު އިންޑިއާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ.