ހަކަތަ އުފެއްދުމުގެ ސިނާއަތަށް ޒުވާނުން ނެރުމަށްޓަކައި އަންނަ އަހަރުން ފެށިގެން މަތީ ސާނަވީ ނިންމާ ދެ ދަރިވަރަކަށް ސްޓެލްކޯއިން ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސްކޮލަޝިޕެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 73 އަހަރު ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ހަކަތަ އުފެއްދުމުގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ނެރެ ތަމްރީނު ކުރުމަށްޓަކައި އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"މިހާރު މި ސިނާއަތަށް ހުނަރުވެރި ހިދުމަތްތެރިންތަކެއް އެބަ ބޭނުންވޭ. މިފަދަ ބޭފުޅުން ތަމްރީނުކުރުމަށް އަޅުގަނޑުމެން މިދަނީ ކޮންމެ އަހަރަކު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި ކޮންމެ އަހަރަކު ވެސް އެ ކުންފުނިން މުވައްޒަފުން ތަމްރީނުކޮށް ތަޖުރިބާ ލިބޭނެ ފަދަ ދަތުރުތަކަށް ފޮނުވުމަށްޓަކައި ހަތް މިލިއަން ރުފިޔާ ހޭދަކުރެ އެވެ. އަދި މިހާރު ވެސް ގިނަ އަދަދެއްގެ ޒުވާން އިންޖީނިއަރުން ސްޓެލްކޯގައި މަސައްކަތް ކުރަމުންދާ ކަންވެސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އަންނަ އަހަރު މަތީ ސާނަވީ ނިންމާ ދެ ކުއްޖަކަށް ސްކޮލަޝިޕު ދިނުމަކީ ވެސް ހަކަތަ އުފެއްދުމުގެ ދާއިރާއަށް ޒުވާނުން ޝައުގުވެރިކޮށް ހުނަރުވެރި ހިދުމަތްތެރިން އުފެއްދުމަށްޓަކައި ކުރުން މުހިއްމު ކަމެއް ކަމުގައި ދެކެވަޑައިގެން ކުރައްވާ ކަމެއް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
"ރާއްޖޭގެ މަތީ ސާނަވީ ނިންމާ ކުދިންގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދާ ކުދިންގެ ތެރެއިން ކޮންމެވެސް ދެ ކުއްޖަކު، އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު، އަޅުގަނޑުމެން ސްޓެލްކޯއިން ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވެމުން ދަނީ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ހަކަތަ އުފެއްދުމާއި، ބޭނުންކުރުމާއި ހަކަތަ އިގްތިސާދުކުރުމަށް އަމާޒުކޮށް ސުކޫލުތަކުގައި "ސައިންސް ފެއާ" އެއް ބޭއްވުމަށްޓަކައި ވެސް މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ.