އެމްޑީޕީ

އެމްޑީޕީގެ ދަފްތަރުގައި ޝަކުވާއެއް އޮތް ނަމަ ހުށަހަޅަން އަންގައިފި

Dec 21, 2022

އެމްޑީޕީގެ ދަފްތަރާ ގުޅޭގޮތުން ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވާ ކަންތައްތަކެއް ފާހަގަކުރެއްވުމާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް އެމްޑީޕީން ފަށައިފި އެވެ.

އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވަނީ "ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު"ގެ ލިންކް ޓްވީޓްކޮށް، އެމްޑީޕީގެ އެއްވެސް މެންބަރަކަށް ނޭނގި އެހެން ޕާޓީ އަކަށް ވައްދާފައިވާނަމަ އެ ފޯމު ފުރިހަމަކޮށް، އިލެކްޝަންސް ކަމިޝަނަށް ހުށަހެޅުމަށް އަންގާފަ އެވެ. އެ ޝަކުވާއެއް އިލެކްޝަނަށް ހުށައެޅުމުން އެކަން ބަލައި އެ މެންބަރަކު އެމްޑީޕީ އަށް ރުޖޫއަ ކޮށްދޭނެ ކަމުގައިވެސް ބުނެފައިވެ އެވެ.

ޓްވީޓާ ގުޅޭގޮތުން އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރާ އަވަސް އިން ސުވާލުކުރުމުން ވިދާޅުވީ އެއީ ވަކި ބޭފުޅަކު ދަފްތަރާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުން ކުރައްވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ޕާޓީގެ ދަފްތަރާ ގުޅޭގޮތުން އެއްވެސް ބޭފުޅެއްގެ ކަންބޮޑުވުމެއް ނުވަތަ ޝަކުވާއެއް އޮތް ނަމަ އެކަމެއް ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި ޓްވީޓް ކުރީ ދަފްތަރާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހައްލުކުރަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އެމްޑީޕީއަކު އެކަންޏެއް ނޫން އަދި އެހެން ޕާޓީތަކުގައިވެސް ދަފްތަރު އިޝޫ އެބައުޅޭ. އަދި އެފަދަ އިޝޫއެއް އުޅޭނަމަ އެކަން ހައްލުކުރުމަށް އިލެކްޝަނުން ވެސް އެދޭ. އެމްޑީޕީގެ ބައެއް ބޭފުޅުން ވެސް ޓްވީޓް ކުރައްވާފައި އެބަހުރި ޕާޓީގެ ދަފްތަރުގެ ބައެއް ކަންކަމުގައި. އެހެންވެ މިދުވަސްވަރު [ޕްރައިމަރީއެއް] އޮތީމާ ދަފްތަރުގައި މައްސަލައެއް އުޅޭނަމަ އެކަން ހައްލުކުރުން އެއީ ކުރަންޖެހޭ ކަމެއް ކަމަށް ފެނިގެން ކުރާ ކަމެއް މިއީ،" އަނަސް ވިދާޅުވި އެވެ.

ނަޝީދުގެ ކަންބޮޑުވުމާއި ޝަކުވާ

އެމްޑީޕީގެ ދަފްތަރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ރައީސް ނަޝީދު، އެމްޑީޕީގެ ދަފްތަރާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަށް މިމަހުގެ 19 ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެމްޑީޕީގެ ވޯޓުލާ މީހުންގެ ދަފްތަރުން 40،000އާ ގާތްކުރާ އަދަދަކަށް މީހުން ވަކިކޮށްފައިވާ ކަމަށެވެ.

"އެ މެންބަރުންނަށް އެންގުމަކާ ނުލައި، ކުއްލިއަކަށް އުނިކުރުމުން ދަފުތަރު ވަނީ ގަޑުބަޑުވެފަ އެވެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ އެ ސަބަބު އެހެން އޮއްވާ މިނިވަން އަދި އިންސާފުވެރި ޕްރައިމަރީއެއް ބޭއްވިދާނެ ކަމާ މެދު ޝައްކު ވެސް އުފައްދަވާފަ އެވެ.

އެމްޑީޕީއަށް ހިތުން ރުހުމުން ގުޅިފައިވާ 40،000 އަށް ވުރެ ގިނަ އަދަދެއްގެ މެންބަރުންގެ ހައްގާއި ބައިވެރިވުން ގެއްލުވާލައިފިނަމަ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިންތިހާއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެއީ އެމްޑީޕީގެ މަސްލަހަތު ހިފެހެއްޓޭނެ ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައެއް ނުގަންނަވަ އެވެ.

"ރިޔާސީ ޕްރައިމަރީގައި ވޯޓުލާއިރު މި ޕާޓީގެ ވޯޓުލާ ދަފުތަރުގެ ގޮތުގައި މިހާތަނަށް ބަލަމުން އައި ދަފުތަރުގައި ހިމެނޭ މެންބަރުންގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނެކަން ކަށަވަރުކޮށްދެއްވުން އެދެމެވެ." ރައީސް ނަޝީދުގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.

އެމްޑީޕީގެ ރައްދު ނަޝީދަށް

އެމްޑީޕީގެ ދަފްތަރާ ގުޅޭގޮތުން ނަޝީދު ފާޅުކުރެއްވި ކަންބޮޑުވުންތަކަށް އެމްޑީޕީން ވަނީ ކުރިން ރައްދު ދީފަ އެވެ. އެގޮތުން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ އެންމެ އަގުހުރި ރައުސުލްމާލަކީ ޕާޓީގެ އާއްމު މެމްބަރުން ކަމަށެވެ. އަދި ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި އިންތިޒާމުވެ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމާ އެކު ޕާޓީގެ އަސާސްތަކަށް ތާއީދުކުރާ ކޮންމެ މީހަކަށް އެމްޑީޕީގެ މެމްބަރަކަށް ވުމަށް މަރުހަބާ ކިޔާނެ ކަމަށެވެ.

ޕާޓީގެ އަސާސީ ގަވާއިދާއި ގާނޫނީ ނިޒާމުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ޕާޓީ ހިންގުމާއި މެމްބަޝިޕް ކަންތައް ބެލެހެއްޓުމަކީ ޕާޓީން އިސްކަންދޭ ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ. އެމްޑީޕީ އަކީ އަބަދުވެސް ޕާޓީގެ އެތެރޭގެ އިންތިހާބުތައް އާއްމު މެމްބަރުންގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދާ ޕާޓީއަކަށް ވާތީ ވޯޓުގެ ހައްގު ލިބެން ޖެހޭނީ ހަމައެކަނި ޕާޓީއަށް ނިސްބަތްވާ މެމްބަރުންނަށް ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ނަމަވެސް ޕާޓީން ބަލަހައްޓަމުންދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށާއި ވޯޓުގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށެވެ. މިއީ ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމަށް ހުރަހަކަށް ވާނެތީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ދަފްތަރު ސައްހަކުރަން ނިންމުމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމެކެވެ.،" ނަޝީދަށް ރައްދުދީ ބުނެފައިވެ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން, ދަފްތަރު ސައްހަކޮށް, ބެލެހެއްޓެމުން ދަނިކޮށް އެ ދަފްތަރާ މެދު ސުވާލު އުފެދޭ ގޮތަށް ޕާޓީގެ ރައީސް، ރައީސް ނަޝީދު ވާހަކަދައްކަވާފައިވާ ހިތާމަކުރާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ ކުރިއަށް އޮތް ޖެނުއަރީ 28 ވަނަ ދުވަހު އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާންކުރައްވާފައިވަނީ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.