އެމްޑީޕީ

އެހެން ޕާޓީތަކަށް ނިސްބަތްވާ 17،000 މީހުން އެމްޑީޕީގައި

އެހެން ޕާޓީތަކުގައި ރަޖިސްޓާ ވެފައިވާ 17،156 މީހުން އެމްޑީޕީގެ ވޯޓުލާ ދަފްތަރުގައި ތިބި ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު އާންމު ކުރެއްވި ލިޔުމެއްގައިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލެވޭ މީހުންގެ ދަފްތަރު މިދިޔަ އަހަރު އޭޕްރީލް މަހު އިއުލާން ކުރިއިރު އެ ދަފްތަރުގައި 93،440 މީހުން ތިބި ކަމަށެވެ. ނަމަވެސް މި ދަފްތަރުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގައި އެހެން ޕާޓީތަކަށް ރަޖިސްޓާ ވެފައިވާ 17،156 މީހުން ތިބި ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

އެހެން ޕާޓިތަކަށް ނިސްބަތް މީހުންގެ ތެރެއިން އެމްޑީޕީގެ ދަފްތަރުގައި އެންމެ ގިނައިން ތިބީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މީހުންނެވެ. ޕީޕީއެމްއަށް ނިސްބަތްވާ 6،357 މެންބަރުން އެމްޑީޕީގެ ދަފްތަރުގައި ހިމެނޭއިރު ޖޭޕީގެ 3،788 މެންބަރުންވެސް އެމްޑީޕީގެ ދަފްތަރުގައި ހިމެނެ އެވެ. މީގެ އިތުރުން އެމްޑީއޭގެ 1،761 މެންބަރުންނާއި އެމްޓީޑީގެ 1،048 މެންބަރުންނާއި އެމްއާރްއެމްގެ 1،029 މެންބަރުން ހިމެނެ އެވެ.

މީގެ އިތުރުން އެއްވެސް ޕާޓިއަކަށް ނިސްބަތް ނުވާ 24،033 މީހުންވެސް އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ ކަމަށް އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުވި ކަމަށް އެމްޑީޕީގެ ވެބްސައިޓުން ދައްކާ އެމްޑީޕީ މެންބަރުންގެ ތެރޭގައިވެސް އެހެން ޕާޓީތަކަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށްވެސް އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިމަހުގެ 19 ވަނަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަށް ފޮނުއްވި ސިޓީއެއްގައިވަނީ އެމްޑީޕީގެ ވޯޓުލާ މީހުންގެ ދަފްތަރުން 40،000އާ ގާތްކުރާ އަދަދަކަށް މީހުން ވަކިކޮށްފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެމްޑީޕީގެ ދަފްތަރާ ގުޅޭގޮތުން ނަޝީދު ކަންބޮޑުވާ ކަންތައްތަކެއް ފާހަގަކުރެއްވުމާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން "ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު"ގެ ލިންކް ޓްވީޓްކޮށް، އެމްޑީޕީގެ އެއްވެސް މެންބަރަކަށް ނޭނގި އެހެން ޕާޓީ އަކަށް ވައްދާފައިވާނަމަ އެ ފޯމު ފުރިހަމަކޮށް، އިލެކްޝަންސް ކަމިޝަނަށް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ. އެ ޝަކުވާއެއް އިލެކްޝަނަށް ހުށައެޅުމުން އެކަން ބަލައި އެ މެންބަރަކު އެމްޑީޕީ އަށް ރުޖޫއަ ކޮށްދޭނެ ކަމުގައިވެސް ބުނެފައިވެ އެވެ.