މާލެ ސިޓީގެ އެއްވެސް ތަނެއްގައި ކްރިސްމަސް ފާހަގަނުކުރުމަށް މާލެ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކި ގައުމުތަކުގައި ޣައިރު މުސްލިމުން ކްރިސްމަސް ދުވަސް ފާހަގަކުރި ނަމަވެސް އެ ދުވަހާ ގުޅިގެން އެފަދަ އެއްވެސް ހަރަކާތެއް މާލޭ ސިޓީގައި ހިންގުމަކީ އެ ސިޓީ ކައުންސިލުން އެއްވެސް ހާލެއްގައި ހިތްވަރުދޭ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ އަމަލެއް މާލޭ ސިޓީގައި ހިންގުމަކީ މާލެ ސިޓީ ކައުންސިލުން ހުއްދަ ދޭނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.
މާލެ ސިޓީ ކައުންސިލުން އިލްތިމާސް ކުރި ނަމަވެސް މާލޭގައި އުޅޭ ޣައިރު ދީނުގެ ބިދޭސީ މަސައްކަތްތެރިންނާއި ފަތުރުވެރިން މާލެއާއި ރަށްރަށާއި ރިސޯޓުތަކުގައި މިދުވަސް ފާހަގަކުރެ އެވެ.
ރާއްޖޭގައި ކްރިސްމަސް ފާހަގަނުކުރަން އިސްލާމިކް މިނިސްޓްރީން ވެސް މީގެކުރީގެ އަހަރުތަކުގައި އިލްތިމާސް ކުރެ އެވެ. ނަމަވެސް ރިސޯޓުތަކާއި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގައި މިދުވަސް ފާހަގަކުރެ އެވެ.