ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑް ލީގު ކަޕްގެ ކުއާޓާ ފައިނަލަށް

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ގެ މެޗުގައި ރޭ އަމިއްލަ ދަނޑުގައި 1-2 އިން ބާންލީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރޭގެ މެޗަކީ ފީފާ ވޯލްޑް ކަޕްގެ ބްރޭކަށް ފަހު ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗެވެ. ވޯލްޑް ކަޕްގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު ޔުނައިޓެޑް ވަނީ ކާމިޔާބުކޮށްފަ އެވެ.

މެޗުގައި ޔުނައިޓެޑުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ ފުރަތަމަ އެގާރައިގައި ކޯޗު އެރިކް ޓެން ހާގް ވަނީ ވޯލްޑް ކަޕްގައި ތަމްސީލުކުރި އެޓީމުގެ ފަސް ކުޅުންތެރިއަކު ހިމަނާފަ އެވެ.

ޔުނައިޓެޑުން ލީޑު ނެގީ 27 ވަނަ މިނެޓުގައި ކްރިސްޓިއެން އެރިކްސެން ޖެހި ގޯލުންނެވެ. އަރިމަތިން އާރޮން ވަން ބިސާކާ ނަގައިދިން ހުރަސް އެރިކްސެން ވަނީ ހަމަޖެހިލާފައި ގޯލަށް ވައްދާލާފަ އެވެ. މިއީ 2021 ވަނަ އަހަރުގެ މެއި މަހުގެ ފަހުން ވަން ބިސާކާ ގޯލެއް ޖަހަން އެހީތެރިވި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރެއްހާ ދުވަސްތެރޭ ވަން ބިސާކާ އަށް ވަނީ ފުރަތަމަ އެގާރައިން ޖާގަ ގެއްލިފަ އެވެ. އެ ޖާގަ މިހާރު ފުރަމުން އަންނަނީ ޑިއޯގޯ ޑަލޯ އެވެ.

ޔުނައިޓެޑްގެ ދެވަނަ ގޯލު 57 ވަނަ މިނެޓުގައި ޖެހީ މާކަސް ރަޝްފާޑް އެވެ. ވޯލްޑް ކަޕްގައި އިންގްލެންޑް ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކި ރަޝްފާޑް މި ގޯލު ޖެހީ އަމިއްލަ ހާފުން ލިބުނު ބޯޅަ ހިފައިގެން ގޮހެވެ. އަރިމަތިން ބޯޅަ ހިފައިގެން ގޮސް ބާންލީގެ ދެކުޅުންތެރިން ކައިރިން ކަޓުވާލުމަށް ފަހު އޭރިޔާ ތެރެއަށް ވަދެ ރަޝްފޯޑް ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލާފަ އެވެ. މިއީ މި ސީޒަނުގެ ލީގު ކަޕްގައި ރަޝްފާޑް ޖެހި ދެވަނަ ގޯލެވެ.

ލީގު ކަޕްގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޗާލްޓަން އެތުލެޓިކް އިން ވަނީ ޕްރިމިއާ ލީގުގައި ވާދަކުރާ ބްރައިޓަން ކަޓުވާލާފަ އެވެ. ޗާލްޓަން ކުރި ހޯދީ 0-0 އިން މެޗު އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 3-4 އިން މޮޅުވެގެންނެވެ. އަނެއް މެޗުގައި ބްލެކްބާން ރޯވާސްއާ ވާދަކޮށް ނޮޓިންހަމް ފޮރެސްޓް ވަނީ 4-1 އިން މޮޅުވެފަ އެވެ.

ޔުނައިޓެޑާއި، ޗާލްޓަން އަދި ނޮޓިންހަމްގެ އިތުރުން ލީގު ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ ލެސްޓާ ސިޓީ، ސައުތެމްޓަން، ނިއުކާސަލް ޔުނައިޓެޑް އަދި ވުލްވްސް އެވެ.

ލީގު ކަޕްގެ ދެވަނަ ބުރުގެ ފަހު މެޗުގައި މިރޭ ވާދަކުރާނީ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް އެވެ. މިރޭ އެކެއް ޖަހާއިރު ފަށާ މި މެޗު ކުޅޭނީ ސިޓީގެ ދަނޑުގަ އެވެ.