މިލަންދޫ

މިލަންދޫއަށް 22 އަހަރު: ހިޖުރަވެރިންނަށް ނަމޫނާއެއް

އާބާދީ ކުދި ރަށްތަކުގެ ރައްޔިތުން އެހެން ރަށްރަށަށް ބަދަލުކުރުމަކީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ކޮންމެވެސް ވަރަކަށް ތަންފީޒު ކުރެއްވި ސިޔާސަތަކެވެ. އޭގެ އެންމެ ރީތި މިސާލެއް ފެންނަން އޮތް އެއް ރަށަކީ ށ. މިލަންދޫ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ށ. މާކަނޑޫދޫގެ ރައްޔިތުން ށ. މިލަންދޫއަށް ބަދަލުކުރެއްވީ މާކަނޑޫދޫ އަކީ ބިން ޗަކަ ރަށަކަށްވެފައި އެރަށުގެ ފެން ތަޣައްޔަރުވުމާއި ރަށަށް އަރާ ފޭބުމަށް ހުރި ދަތިތަކުގެ ސަބަބުންނެވެ. ފަޅު ރަށެއްގެ ގޮތުގައި ކުރިން އޮތް މިލަންދޫއަށް މީހުން ބަދަލުކުރަން ވެގެން އެރަށުގައި އާސާސީ ހިދުމަތްތައް ގާއިމުކުރަން ފެށީ 1990 ވަނަ އަހަރުގެ ފަހުކޮޅު އެވެ. ކޮންމެވެސް ވަރަކަށް މިލަންދޫ ތަރައްގީކުރުމަށްފަހު އެރަށަށް މީހުން ބަދަލުކުރަން ފެށީ 2000 ވަނަ އަހަރު އެވެ.

މިލަންދޫއަށް މީހުން ބަދަލުކުރުމުގެ މަސައްކަތް ފެށިފަހުން 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުން މާކަނޑޫދޫގެ އިމާރާތްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔަ އެވެ. އޭގެ ސަބަބުން ސަރުކާރުން ވަނީ މިލަންދޫއަށް މީހުން ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްފަ އެވެ. އެގޮތުން ހުރިހާ ރައްޔިތުން މިލަންދޫއަށް ބަދަލުކޮށް ނިމުނީވެސް ރައީސް މައުމޫނުގެ ޒައާމަތުގައި ސެޕްޓެމްބަރު 2، 2006 ގައެވެ. އެކަމަކު އޭގެ ކުރިން 2005 ވަނަ އަހަރު ސަރުކާރުން ވަނީ މިލަންދޫ އަކީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާފަ އެވެ.

މިލަންދޫގައި މީހުން ވަޒަންވެރިވިތާ މިއަހަރަށް މިވީ 22 އަހަރެވެ. މިހާރު މިލަންދޫ އަކީ އާބާދީގެ ގޮތުން ށ. އަތޮޅުގައި އެންމެ ބޮޑު ރަށެވެ. މިވަގުތު މިލަންދޫގެ އާބާދީއަކީ 2،635 މީހުންނެވެ. ތަރައްގީގެ ނަޒަރުން ބަލާނަމަ މިލަންދޫ އަކީ ވަރަށް ބާރަށް ތަރައްގީވަމުން އަންނަ ރަށެކެވެ. އަތޮޅު ތެރޭގައި ހުރި އެންމެ ބޮޑު ސްކޫލު ވެސް ހުރީ މިލަންދޫގަ އެވެ. މިލަންދޫގައި ލިބޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވުމުން ށ. އަތޮޅުގެ ބައެއް ރަށްތަކުގެ ރައްޔިތުން މިލަންދޫ އަށް ސިއްހީ ހިދުމަތް ހޯދަން ދެއެވެ.

މިލަންދޫ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް އާދިލް އަވަސްއާ ވާހަކަދައްކަވަމުން ވިދާޅުވީ މިލަންދޫ ސްކޫލަށް ތައުލީމީ ގޮތުން ލިބިފައިވާ ކުރިއެރުމާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. މިލަންދޫ ސްކޫލަކީ ށ. އަތޮޅުގައި ތައުލީމީގޮތުން އެންމެ ރަނގަޅު ނަތީޖާތައް ނެރެފައިވާ ސްކޫލު ކަމުގައިވެސް ވިދާޅުވި އެވެ.

"މިވަގުތު މިލަންދޫ ސްކޫލުގައި އަތޮޅުގެ އެހެން ރަށްރަށުގެ ކުދިންވެސް ކިޔަަވާ. 12 އާއި ހަމައަށް ކިޔެވޭނެ،" އާދިލް ވިދާޅުވި އެވެ.

މާކަނޑޫދޫ މީހުން މިލަންދޫއަށް ބަދަލުކުރިއިރު އެމީހުންގެ ރުކެއް ގަހެއް މާކަނޑޫދޫގައި ހުރި ނަމަ ސަރުކާރުން ވަނީ ބަދަލުވެސް ދީފަ އެވެ. އަދި ގޯތީގެ ކުޑަ ބޮޑުމިނަށް ބަލައި އިމާރާތުގެ ބަދަލުވެސް ދީފައިވެ އެވެ. މިއީ އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލުކުރާއިރު އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެ ގޮތް ހެދުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅެކެވެ.

އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލުކުރާއިރު ބައެއް ފަހަރު ދެ ރަށުގެ މީހުންގެ ދެމެދުގައި ކުދިކުދި މައްސަލަތައް ކުރިމަތިވެ އެވެ. ނަމަވެސް މިލަންދޫއަށް ބަދަލުކޮށްފައިވަނީ ހަމައެކަނި މާކަނޑޫދޫގެ ރައްޔިތުން ކަމަށްވުމުން މިލަންދޫ އިން ފެނިގެންދަނީ އެއްބައިވަންތަ ކަމެވެ. ސިޔާސީގޮތުން ފިކުރުގައި ތަފާތުތަކެއް ހުރި ނަމަވެސް ރަށަށް ހިދުމަތް ކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރާ މަންޒަރު ފެނެ އެވެ.

ކުޑަރަށަކުން ބޮޑުރަށަކަށް ބަދަލުކޮށް ކުރިއަށް ދިއުމަށް ހުޅުވައިދިން ގިނަ ފުރުސަތުތަކާ ގުޅިގެން މިލަންދޫގެ ރައްޔިތުންގެ ހިތްތަކުގައި ރައީސް މައުމޫނަށް ވަރަށް ހާއްސަ ލޯތްބެއް އަބަދުވެސް އޮވެ އެވެ.

ރައީސް މައުމޫން އިއްޔެ މިލަންދޫއަށް ވަޑައިގަތުމުން އެރަށުގެ ކުދި ބޮޑު އެންމެން ބަނދަރަށް ނިކުމެ ރައީސް މައުމޫނަށް ކިޔާފައިވާ ރަތްދޫލައިގެ ހޫނު މަރުހަބާ އިން އެކަނިވެސް މިލަންދޫ ރައްޔިތުންގެ ހިތުގައި މައުމޫނަށް އޮތް ލޯބި އޮތް ހާމަވެ އެވެ. ރައީސް މައުމޫން މިލަންދޫއަށް ވަޑައިގަތީ އެރަށުގައި މީހުން ވަޒަންވެރިވިތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ކައުންސިލުން އިންތިޒާމު ކުރާ ޖަލްސާގެ ޝަރަފްވެރި މެހްމާނަކަށެވެ. މިލަންދޫ އަށް އެންމެ ހިދުމަތްތެރި ބޭފުޅުންނަށް ކައުންސިލުން ދޭ އެވޯޑް ހަވާލުކޮށްދެއްވާނީވެސް ރައީސް މައުމޫން އެވެ.

މިލަންދޫ ކައުންސިލްގެ ނައިބު ރައީސް ސައިފުﷲ އުސްމާން އަވަސްއަށް ވިދާޅުވީ މިލަންދޫގެ ތަރައްގީއަށް އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. މިލަންދޫ ތަރައްގީކުރުމުގައި ރައީސް މައުމޫން ގެންގުޅުއްވި ތަސައްވުރަށް ވަރަށާް ވޮޑަށް ބައްލަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެހެން ރަށްރަށާއި ހިލާފަށް މިލަންދޫގައި ކޮންމެ ކަމެއް ކުރި ނަމަވެސް ކުރިއާލާ ހެދިފައިވާ ޕްލޭންއެއްގެ ދަށުން ކުރިއަށްދާނީ. ރަށުގެ ތަރައްގީގެ ގިނަ ކަންކަން ކުރަމުން އަންނަނީ އޭރު ރައީސް މައުމޫން ގެންގުޅުއްވި ޕްލޭނާ އެއްގޮތައް،" ސައިފުﷲ ވިދާޅުވި އެވެ.

މާކަނޑުދޫ ރައްޔިތުން މިލަންދޫއަށް ބަދަލުކުރުމާ ގުޅިގެން އާމްދަނީ ހޯދުމަށް ގިނަ ފުރުސަތުތަކެއް ރައްޔިތުންނަށް ހުޅުވިގެން ދިޔަ އެވެ. މިލަންދޫ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމެވެ. މިލަންދޫ ފަޅު ރަށެއްގެ ގޮތުގައި އޮތް އިރުވެސް މާކަނޑޫދޫ މީހުން މިލަންދޫ އަށް ގޮސް ދަނޑުވެރިކަމުން ނަފާ ހޯދި އެވެ. މިލަންދޫ ރައްޔިތުން މިވަގުތު އެންމެ ބޮޑަށް ޝާމިލްވެ އުޅެނީ އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތަކުގަ އެވެ.

މާކަނޑޫދޫ މީހުން މިލަންދޫއަށް ބަދަލުވުމުގެ ކުރިން އުޅުނު އުނދަގޫ ދިރިއުޅުން ބަދަލުވެ މިއަދު މިލަންދޫ އަކީ ށ. އަތޮޅުގައިވެސް އަދި މުޅި ރާއްޖޭގައިވެސް އެންމެ ވިދުން ގަދަ އެއް ރަަށަށް ވެއްޖެ އެވެ. މާކަނޑޫދޫގައި ޗަކަ ބިމެއްގައި ދިރިއުޅުނު ރައްޔިތުން މިއަދު މިލަންދޫގައި ދަތުރުކުރަން ތައްޔާރުވަނީ ތާރު މަގުތަކުގަ އެވެ. ތަޣައްޔަރުވެފައިވާ ނަޖިސް ފެނުން ފެންވެރި މާކަނޑޫދޫ ރައްޔިތުން މިއަދު މިލަންދޫގައި ފެންވަރަނީ ވޯޓާ ސަޕްލައި ފެނުންނެވެ. މިލަންދޫ ރައްޔިތުން މިއަދު ތިބީ ތައުލީމީ ގޮތުން އެންމެ އުހުގަ އެވެ. ބޭނުން ކުރަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ އެވެ. މިއީ ކުޑަ ރަށަކުން ބޮޑު ރަށަކަށް ބަދަލުވެ ހިޖުރަކުރުމުގެ މުހިއްމުކަން އަންގައިދީ ބުނެދިން ނަމޫނާ ރައްޔިތެކެވެ. ފަޅު ރަށެއް އެންމެ 22 އަހަރުން ތަރައްގީކޮށް މިލަންދޫ އިން ދައްކުވައިދިނީ އެއްބައިވަންތަކަމުގެ ރީތި މިސާލެކެވެ.