މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

އުމުރުން ދުވަސްވީ މީހުންނަށް ހަދާ ފުރަތަމަ މަރުކަޒު އައްޑޫގައި ގާއިމުކުރަނީ

އުމުރުން ދުވަސްވީ މީހުން ބޭތިއްބުމަށް ހާއްސަކޮށްގެން ހަދާ އެލްޑާލީ ހޯމް ނުވަތަ ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒެއް ގާއިމުކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ފުރަތަމަ މަރުކަޒު ގާއިމުކުރަން ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައި ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެފި އެވެ.

އަވަސް އިން އެދިގެން ޖެންޑާ މިނިސްޓްރީން ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ މިފަދަ މަރުކަޒެއް ހެދުމުގެ މަގުސަދަކީ، އުމުރުން ދުވަސްވީ މީހުން ރައްކާތެރިކުރުމާއި އެފަދަ ފަރާތްތަކަށް މިނިވަން މާހައުލެއް ގާއިމުކޮށްދިނުން ކަމުގަ އެވެ.

ޖެންޑާއިން ބުނި ގޮތުގައި އެލްޑާލީ ހޯމްގެ ހިދުމަތް ދޭ މީހުން ތިން ބަޔަކަށް ބެހިގެންދާނެ އެވެ. އެއީ :

  • އަމިއްލައަށް އެ ތަނުގެ ހިދުމަތް ހޯދަން އެދޭ މީހުން (ޕްރައިވެޓް ރެޒިޑެންޓްސް)
  • އެހީތެރިކަމާއި އަޅާލުން ބޭނުންވާ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުން
  • ގޭގައި ބަލަހައްޓަމުންދާ ދޮށީ އުމުރުގެ މީހުން، އެމީހުން ބަލަހައްޓަމުންދާ ފަރާތްތައް ވަޒީފާ އަދާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ވަޒީފާއަށްދާ ވަގުތު ތަކުގައި "ޑޭ ކެއާ"ގެ ގޮތުގައި ބައިތިއްބާ މީހުން

އެލްޑާލީ ހޯމް ހަދަން ހަމަޖެހިފައިވަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުންނެވެ.

މި ހޯމް ހެދޭނެ ވަކި ތާރީހެއް އަދި ޖެންޑާއިން ހާމަނުކުރި ނަމަވެސް މިމަޝްުރޫއުގެ ޓާމް އޮފް ރިފަރެންސް ތައްޔާރުކޮށް ޓެންޑާ ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވާފައިވާނެ ކަމަގައިވެސް ޖެންޑާ މިނިސްޓްރީން ބުނެފައިވެ އެވެ.