މޯލްޑިވްސް ޕޮލިސް ސާވިސް

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި އަންހެނަކު ހައްޔަރުކޮށްފި

Mar 28, 2022

އައްޑޫ ސިޓީގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން މައްސަލަ ހިނގައިގެން އުޅޭ ރަށުގެ މައުލޫމާތެއް ނުދެ އެވެ.

ފުލުހުން ބުނީ ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީ ހިމެނޭ ސައުތު ޕޮލިސް ރީޖަންގެ ރަށެއްގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ މައްސަލަ މިމަހުގެ 24 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 59 އަހަރުގެ އަންހެނެކެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި އެއީ ކުއްޖާއާ އާއިލީ ގުޅުމެއް އޮތް މީހެކެވެ.

ފުލުހުން ބުނީ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މިމަހުގެ 25 ވަނަ ދުވަހު ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކުރި ކަމަށް ސޯޝަލް މީޑިއާގައި ބަޔަކު އަޑުފެތުރި ނަމަވެސް މި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފައި ނުވާ ކަން ފުލުހުން ޔަގީންކޮށްދެ އެވެ.

ފުލުހުން އިތުރަށް ބުނީ ޖެންޑާ މިނިސްޓްރީއާ ގުޅިގެން މައްސަލައިގެ ތަހުގީގު ފެށިގެން ކުރިއަށްދާ ކަމަށެވެ.