ދިވެހި ސިނަމާ

އައްޒަ އާއި ޖުމާގެ އެނބުރިއައުން ވަރަށް އަގުބޮޑު!

  • މިއީ ތިން ލައްކަ ރުފިޔާގެ ލަވައެއް ކަމަށް ޑައިރެކްޓަރު ބުނޭ
  • ޖުމާ އާއި އައްޒަ ލަވައަކުން މި ފެންނަނީ އަހަރު ދުވަހަށް ފަހު

ހިތްތަކުގެ ޑުއެޓް، މީރާ އާއި ޔާމީންގެ "ތީއެ މަގޭ" ލަވައަކީ އެތައް ބައެއްގެ ހިތްތައް އެ ލަވައަކަށް ދަމައިގަތް ހިތްގައިމު ލަވައެކެވެ. މީރާ އާއި ޔާމީންގެ ހިތްގައިމު އަޑުން އެ ލަވަ އަޑުއިވި އެ ލަވައިގެ އަވާގައި ނުޖެހޭ މީހަކު މަދުވާނެއެވެ. އެ ލަވަ އެތައް ބަޔަކަށް ކަމުގޮސްފައިވަނިކޮށް، އިތުރު ފުރިހަމަ ކަމެއް ލިބުނީ އެ ލަވައިގެ ވީޑިއޯއާ އެކުގަ އެވެ.

އެ ވީޑިއޯއަކީ މިފަހަކަށް އައިސް ދިވެހި ލަވަތަކުގެ ވީޑިއޯތަކަށް ބަލާނަމަ ފުރިހަމަ ވީޑިއޯއެކެވެ. ހިތްގައިމު މަންޒަރުތަކާއި ރީތި ކޮސްޓިއުމް ހޮވުންތަކެއް ފެނިގެން ދިޔަ ލަވައެކެވެ. އެއަށް ފަހު މި ލަވައެއް ހާއްސަވީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟

ލަވައިގެ ދެ ތަރިންނަކީ ކުރިން ހިތާއި ހިތުގެ ގުޅުމެއް ފައްކާކޮށްގެން އުޅުނު ބަތަލާ މަރިޔަމް އައްޒަ އާއި ޖުމައިހް (ޖުމާ) އަށްވީމަ އެވެ.

ދައްކަން މި އުޅެނީ މި ދެ ތަރިންގެ ވާހަކަ އެވެ. އެކަމަކު "ތީއެ މަގޭ" ލަވައިގެ ވާހަކައެއް ނޫނެވެ. އެ ލަވަ އަށް ފަހު އެނބުރި އަންނަން އުޅޭ ވާހަކަ އެވެ. ކޮންމެއަކަސް ބަޔަކު ކޮންމެ އެއްޗެއް ކިޔަސް އައްޒަ އާއި ޖުމާ އަކީ ބަލާލަން ނުލާހިކު ރީތި ޖޯޑެކެވެ. އެ ލަވަ ނޫން އެހެން ލަވައަކުން ދެ ތަރިން ދެކިލާ ހިތުން ތިބި މީހުން ވެސް މަދެކޭ ނުބުނެވޭނެއެވެ.

"ތީއެ މަގޭ" އަށް އަހަރެއްހާ ދުވަސް ފަހުން މި ދެ މީހުން އަނެއްކާވެސް އެނބުރި އަންނަނީ އެވެ. ލަވަ އަކުން އަދި ހިތާއި ހިތުގެ ގުޅުމަކުން ކަން ވެސް ޔަގީނެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު އައްޒަ އާއި ޖުމާ އެކުގައި ފެނިގެންދާ ލަވައެއް ރިލީޒްކުރެވިގެންދާނެ އެވެ. ލަވައިގެ ފަސްޓްލުކް ރިލީޒްކޮށްފައިވާއިރު ލަވައަށް ބޮޑު މަސައްކަތްތަކެއް ކޮށްފައިވާކަން އެނގިގެންދެއެވެ. ފަސްޓްލުކް އިން ފެނިގެން ދަނީ ޖަރީކޮށްފައިވާ ރަތް ކުލައިގެ ހެދުމެއްގެ ނިވަލުގައި އައްޒަ އޮށޯވެލައިގެން އޮންނަ މަންޒަރެވެ. ފަސްޓްލުކްގެ އިތުރުން ލަވައިގެ ޕޯސްޓަރެއް ވެސް މިހާރު ވަނީ ނެރެފައެވެ. ޕޯސްޓަރުން އައްޒަ އާއި ޖުމާ ފެނިގެންދެ އެވެ.

ދިވެހި ލަވައަކަށް ބަލާއިރު މިއީ ޔަގީނަށް ވެސް ބޮޑު މަސައްކަތެކެވެ. މި ލަވައެއް ނެރުމުގެ މަސައްކަތްކުރިއަށް ދާ ގޮތަކުން ވެސް އެކަން އެބަ އެނގެއެއް ނޫން ހެއްޔެވެ.

ފެބްރުއަރީ 14 ގައި ނެރެން ހަމަޖެހިފައިވާ މި ލަވައަކީ ލޯބީގެ ލަވައެކެވެ. ލަވައާ ގުޅޭގޮތުން ލަވައިގެ ޑައިރެކްޓަރު އަޒްހާން އިބްރާހިމް ބުނީ، އަހަރެއްހާ ދުވަސް ފަހުން އައްޒަ އާއި ޖުމާ ލަވައަކުން ފެންނައިރު އެ ލަވަ ވެގެން ދާނީ ތަފާތު ލަވައަކަށް ކަމަށެވެ.

"މިއީ ލޯބީގެ ލަވައެއް، ވަރަށް ތަފާތު ވާނެ ލަވަ، ޕޯސްޓްޕްރޮޑަކްޝަން ވަރަށް ވަރުގަދަ، ޓެކްނިކަލީ ވަރަށް ވަރުގަދަ ލަވައަކަށް ވާނެ."

ލަވައަކީ "ސްކްއާ 11" ގެ އުފެއްދުމަކަށްވާއިރު ލަވަ އުފައްދަނީ ޖީއައި ޑްރޯންސްއާ ވެސް ގުޅިގެންނެވެ. ހިތްގައިމު މަންޒަރުތަކެއް ފެނިގެންދިޔަ "ތީއެ މަގޭ" ލަވަ ވެސް ޑައިރެކްޓްކުރި، އަޒްހާން ބުނީ، ލަވައިގެ މަންޒަރުތައް މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގެ ހިތްގައިމު މަންޒިލްތަކުގައި ނަގާނެ ކަމަށެވެ. އަޒްހާން ބުނާ ގޮތުން، މި ލަވައަކީ ރާއްޖޭގައި ހެދޭ އެންމެ އަގު ބޮޑު އެއް ވީޑިއޯ ލަވައަށްވާނެ އެވެ. ލަވަ އުފެއްދުމަށް ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް އަޒްހާން ބުންޏެވެ.

މިއީ ޔަގީނަށް ވެސް ޑާކް ރެއިން އެންޓަޓެއިންމަންޓުގެ ޕްރޮޑިއުސަރުން ސަމާލުވާން ޖެހޭ ނަމެއްކަން ޔަގީނެވެ. މިހާތަނަށް އެނގިފައިވާގޮތުން ފިލްމީ ދާއިރާގެ ހުރިހާ ތަރިންނާ އެކު ކަހަލަ ގޮތަކަށް އެންމެ އަގުބޮޑު ލަވައެއް އުފެއްދީ ޑާކް ރެއިން އެވެ. އެ ރިކޯޑް އަނެއްކާ މުގުރާލަނީ ހެއްޔެވެ؟

އާދައިގެ ލޯބީގެ ލަވައަކުން ފެންނަ މަންޒަރުތަކަށްވުރެ ތަފާތު މަންޒަރުތަކެއް އަލަށް ނެރޭ ލަަވައިން ފެންނާނެ ކަމަށް އަޒްހާން ބުނެއެވެ. އަދި ލަވައިން ރީތި ކޮސްޓިއުމްތަކާއި ހިތްގައިމު މޭކަޕް ފެނިގެންދާނެ ކަމަށް ވެސް އަޒްހާން ބުންޏެވެ. ލަވައަށް ކޮސްޓިއުމް ފަހައިދީ، މޭކަޕް ކޮށްދީފައިވަނީ ރާއްޖޭގެ ނަން މަޝްހޫރު ފަރާތްތައް ކަމަށް އަޒްހާން ފާހަގަކުރި އެވެ.