ސީޕްލޭން ޓަމިނަލް

ނޫވިލު ސީޕްލޭން ޓާމިނަލަށް ދުނިޔޭގެ މަޝްހޫރު އެވޯޑެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިންގާ "ނޫވިލު" ސީޕްލޭން ޓާމިނަލްގެ ފަރުމާއަށް ގްލޯބަލް ބެސްޓް ޕްރޮޖެކްޓްސް އެވޯޑް ލިބިއްޖެ އެވެ.

ނޫވިލު ސީޕްލޭން ޓާމިނަލަށް ލިބިފައިވަނީ ގްލޯބަލް ބެސްޓް ޕްރޮޖެކްޓްސް އެވޯޑް ފޯ އިންޖިއަރިން (އީއެންއާރު) އެވޯޑެ އެވެ.

މި އެވޯޑު އެ ޓާމިނަލަށް ލިބިފައިވަނީ ޖުމުލަ 18 ގައުމެއްގައިވާ އެފަދަ 34 ތަނަކާ ވާދަކޮށްގެންނެވެ.

ނޫވިލު ސީޕްލޭން ޓާމިނަލަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލް އެވެ. އެގޮތުން ޓާމިނަލްގެ ބޮޑުމިނުގައި 28،000 އަކަމީޓަރު ހުންނައިރު، ޓާމިނަލުގައި ހުންނަ އެމްއާރުއޯ ފެސިލިޓީގެ ބޮޑުމިނަކީ 8،836 އަކަމީޓަރެވެ.

މި ސީޕްލޭން ޓާމިނަލްގައި 100 އަކަމީޓަރުގެ ވީވީއައިޕީ ސެކްޝަނެއް ވެސް ހުރެ އެވެ.

މީގެ އިތުރުން ނޫވިލު ސީޕްލޭން ޓާމިނަލްގައި ޖުމްލަ 42 ލައުންޖު ހުންނައިރު، މީގެތެރެއިން 40 ލައުންޖު ވަނީ ރިސޯޓްތަކަށް ކުއްޔަށް ދީފަ އެވެ. ކުއްޔަށް ދޫނުކުރާ ދެ ލައުންޖު ހިންގަނީ އެމްއޭސީއެލް އިންނެވެ. އެމްއޭސީއެލްގެ "ވިލޫ" ބިޒްނަސް ލައުންޖުގައި 235 ގޮނޑި އަދި "ނީރޫ" ލައުންޖުގައި 315 ގޮނޑި ހިމެނެ އެވެ.

ނޫވިލު ސީޕްލޭން ޓާމިނަލްގެ ތަރައްގީގެ މަޝްރޫއުގެ އަގަކީ 55 މިލިއަން ޑޮލަރެވެ.

ސީޕްލޭން ޓާމިނަލް އެޅުމުގެ މަސައްކަތް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕާ ހަވާލުކުރީ، ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އެވެ.