ރައީސް އަބްދުﷲ ޔާމީން

އާރަށު މައްސަލަ: ޔާމީނަށް ހުކުމްކުރުން އާދިއްތަ ދުވަހު

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ހުކުމުކުރުން އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ވ. އާރަށު މައްސަލައިގައި އަޑުއެހުންތައް ނިންމާލައި ހުލާސާ ބަޔާން އިއްވީ ނޮވެމްބަރު 30 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ޝަރީއަތުގައި ގާޒީ އަހްމަދު ޝަކީލު ވިދާޅުވީ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ.

އާރަށު މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ.

މިމައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާފައިވަނީ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. ޔޫސުފް ނައީމަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

ހުލާސާ ބަޔާނުގައި ދައުލަތުން ވަނީ ދައުވާގެ ސީޣާގައި ދައުލަތުން އެދިފައިވާ ގޮތަށް ޔާމީން ލޯންޑާ ކުރި ކަމަށް ތުހުމަތުކުރާ އެއް މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއަށް އެއްކޮށްފައިވާ 2،413،230 އެމެރިކާ ޑޮލަރާ އެކު ޖުމްލަ 3،413،230 އެމެރިކާ ޑޮލަރު އިންވެސްޓްކޮށްގެން އަބްދުﷲ ޔާމީން ލިބިފައިވާތީ އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ.