ބޮލީވުޑް

ފިލްމު ކުޅުން ހުއްޓާލީ ފިރިމީހާ އެކަމަށް ޝަރުތުކޮށްގެން: ނަމްރަތާ

ނަމްރަތާ ޝިރޯދްކަރް އަކީ 90ގެ އަހަރުތަކުގައި ހިންދީ ފިލްމު އިންޑަސްޓްރީގައި ވިދާލި ބަތަލާ އެކެވެ. އޭނާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި 1999ގައި ރިލީޒްކުރި "ވާސްތަވް:ދަ ރިއަލިޓީ" އާއި، ހަމަ އެ އަހަރު ރިލީޒް ކުރި "ކައްޗޭ ދާގޭ"، 1998ގައި ރިލީޒްކުރި "ހީރޯ ހިންދުސްތާނީ" އާއި "ޖަބް ޕިޔާރް ކިސީސޭ ހޯތާހޭ" އަދި 2000 ވަނަ އަހަރު ރިލީޒްކުރި "ހީރާ ޕޭރީ" އާއި "ޕުކާރް" ފާހަގަ ކޮށްލެވެ އެވެ. އަދި 1993ގެ މިސް. އިންޑިއާގެ ތާޖު ވެސް ހާސިލުކޮށްފައިވަނީ ނަމްރަތާ އެވެ.

ނަމްރަތާގެ ގިން ފިލްމުތަކެއް ރިލީޒްވަމުން ދަނިކޮށް އޭނާ ފަރުދާއިން ގެއްލުނީ ހަމަ ކުއްލިއަކަށް ކަހަލަ ގޮތަކަށެވެ. ގެއްލުނު ގޮތަށް އޭނާގެ އެންމެ ފިލްމެއް ވެސް ފަހުން ރިލީޒް ނުކުރެ އެވެ. ސަބަބަކީ އޭނާއާ ކައިވެނިކުރަން ފިރިމީހާ ކުރި ޝަރުތެވެ.

ނަމްރަތާގެ ފިރިމީހާއަކީ ތެލުގޫ ސުޕަސްޓާ މަހޭޝް ބާބޫ އެވެ. ކައިވެންޏަށްފަހު ނަމްރަތާ ފިލްމީ މައިދާނާ ދުރަށް ދިއުމަކީ މަހޭޝް ހުށަހެޅި ޝަރުތެކެވެ. އަދި ފިލްމު ކުޅުމަށްވުރެ އެންމެ ލޯބިވާ މީހާ އާ ކައިވެނިކޮށް ދިރިއުޅުމެއް ބިނާކުރުމަށް ނަމްރަތާ އިސްކަން ދީ ފިލްމު ކުޅުމާ ދުރަށް ދިޔައީ އެވެ.

ނަމްރަތާ އާއި މަހޭޝްގެ ކައިވެންޏަށް މިހާރު 18 އަހަރު ފުރިއްޖެ އެވެ. ދެމަފިރިންނަށް ފިރިހެން ދަރިއަކާއި އަންހެންދަރިއަކު ވެސް ވަނީ ލިބިފަ އެވެ. ނަމްރަތާ 2005 ގައި މަހޭޝް އާ ކައިވެނިކުރީ ކެރިއަރުގެ އެންމެ ރަން ޒަމާނުގަ އެވެ.

"ކައިވެނީގެ ކުރިން ފިރިމީހާ (މަހޭޝް ބާބޫ) ވަރަށް ސާފުކޮށް ބުނި އޭނާ ބޭނުމީ ގެވެހި އަންބެކޭ. އަބަދު ޝޫޓީންގް އަށް ކޮޅުކޮޅަށް ދުވާ ބިޒީ އަންބެއް ނޫނޭ. މަސައްކަތްކުރާ އަންބެއް ބޭނުމެއް ނޫނޭ. އަހަރެން އޮފީހެއްގައި މަސައްކަތް ކުރި ނަމަވެސް އޭނާ އެގޮތަށް ބުނީސް. އޭނާގެ މައްސަލައަކީ އަހަރެން ފިލްމު ކުޅުމެއް ނޫން. އޭނާގެ އަންބަކީ ގެވެހި އަންބަކަށް ވާން އޭނާ ބޭނުންވީ،" ފިލްމު ކުޅުން ހުއްޓާލި ސަބަބު ކިޔައިދެމުން ނަމްރަތާ ބުންޏެވެ.

ނަމްރަތާ އިތުރަށް ކިޔައިދިން ގޮތުގައި އޭނާ މަހޭޝް އާ ކައިވެނި ކުރުމުގެ ކުރިން ސޮއިކޮށްފައިވާ ހުރިހާ ފިލްމެއް ނިންމި އެވެ. އަދި ކައިވެންޏަށް 18 އަހަރު ވީއިރު ވެސް ފިލްމު ކުޅުމާ ދުރަށް ދިއުމަށް ނިންމި ނިންމުމާ މެދު އޭނާ ހިތާމައެއް ނުކުރެ އެވެ. ލޯބިވެރިޔާ ފިރިޔަކާއި ލޯބި ލޯބި ދެ ދަރިން ލިބިފައިވާތީ އެވެ.