ދުނިޔެ

މައިކްރޮސޮފްޓް 64 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ފްރާންސުން މައިކްރޮސޮފްޓް 64 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ. އެއީ މައިކްރޮސޮފްޓް ސާޗް އިންޖީން -- ބިންގް ބޭނުންކުރާ މީހުންގެ ރުހުމެއް ނެތި، ވަކި ބަޔަކަށް މަންފާ ހޯދައިދިނުމުގެ މަގުސަދުގައި އިޝްތިހާރު ކުރުމަށް ބިންގް ވެބްސައިޓުން ބާރުއެޅުމުގެ ސަބަބުންނެވެ.

ޑޭޓާ ޕްރައިވެސީ ރެގިއުލޭޓަރުން ބުނާ ގޮތުން ބިންގް ބޭނުންކުރާއިރު އެނގުމެއް ވެސް ނެތި ކޮމްޕިއުޓަރުތަކުގައި "އެޑްވާޓައިޒިން ކުކީޒް" މައިކްރޮޮސޮފްޓުން ރައްކާކުރެ އެވެ.

އެއީ ވަކި ދިމާއަކަށް މީހުންގެ ފިކުރު ބަދަލުކޮށްލުމަށް ގަސްދުގައި މައިކްރޮސޮފްޓުން ކުރާ ކަމެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ކުކީޒް ގަބޫލުނުކޮށް ހަދާނެ ގޮތެއް ބައެއް ވެބްސައިޓްގައި ބުނެދީފައި ނުހުންނަ ކަމަށްވެސް ޑޭޓާ ޕްރައިވެސީ ރެގިއުލޭޓަރުން ބުނެ އެވެ.

އެހެންކަމުން މައިކްރޮސޮފްޓަށް އޮތް ޖޫރިމަނާ އަކީ 64 މިލިއަން ޑޮލަރާއި -- ކުކީޒްތައް މެނޭޖުކުރެވޭނެ ގޮތެއް ބިންގް ބޭނުންކުރާ މީހުންނަށް ހުށަހެޅުން ކަމަށް ވަނީ ނިންމާފަ އެވެ.

މައިކްރޮސޮފްޓް ޖޫރިމަނާ ކުރީ ޑޭޓާ ޕްރައިވަސީ ރެގިއުލޭޓަރުން ބުނާ ގޮތުން ކުކީޒް މެދުވެރިކޮށް ނަހަމަ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދުންނެވެ.

ނެޝަނަލް ކޮމިޝަން ފޮ ޓެކްނޮލޮޖީ އެންޑް ފްރީޑަމްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މައިކްރޮސޮފްޓްގެ ސާޗް އިންޖީން ބިންގްގެ ވެބްސައިޓް ޗެކްކުރަން ޖެހުނު ސަބަބަކީ ސެޕްޓެމްބަރު 2020 އާއި މެއި 2021 އާ ދެމެދު ލިބުނު ޝަކުވާތަކެއްގެ ސަބަބުންނެވެ.

އާންމުންގެ ކޮމްޕިއުޓަރުގައި ކުކީޒް ބެހެއްޓޭނީ އެކަމަށް ރުހުން ހޯދައިގެން ކަމަށް ރެގިއުލޭޓަރުން ބުނެ އެވެ. އިންޓަނެޓް ބޭނުންކުރުމުގައި އާންމު އުސޫލަކީ އެއީ ކަމަށް ވެސް ވަނީ ބުނެފަ އެވެ.