ރަޝިއާ މާކެޓު މުޅިން ދޫކޮށްލުމަކީ މައިކްރޮސޮފްޓަށް ފަސޭހަ ކަމެއް ނޫން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެމެރިކާއިން ރަޝިއާއަށް އަޅާފައި ހުރި ދަތިކުރުންތަކާ އެކު ވެސް ރަޝިއާ މާކެޓްގައި ދެމިއޮތުމަށް މައިކްރޮސޮފްޓް ބޭނުންވެ އެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން އެމެރިކާއިން އެންގި އެންގުމަށް މަޝްހޫރު ވިޔަފާރި މަރުކާތަކުން ވަނީ ރަޝިއާ ދޫކޮށް ގޮސްފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ނެޓްވޯކިން ކުންފުނި -- ސިސްކޯ ވެސް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން ރަޝިއާއާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުންތަކާ އެކު ވެސް -- މަޝްހޫރު ބައެއް ކުންފުނިތަކުން ރަޝިއާއާ އެކު ވިޔަފާރިކުރެ އެވެ. އޭގެ ހެއްކަނީ ހުޅަނގުގެ ދަތިކުރުންތަކާ އެކު ވެސް ރަޝިއާގެ އިގުތިސާދު، އެއް ފެންވަރެެއްގައި ދެމެހެއްޓިފައި އޮތުމެވެ.
މައިކްރޮސޮފްޓާ ހަވާލާދީ ފެތުރިފައި ހުރި ޚަބަރު ރިޕޯޓައް ބުނާ ގޮތުން ރަޝިއާގައި މައިކްރޮސޮފްޓްގެ ޚިދުމަތްތަކަށް ބޭނުންޖެހިފައި ހުރި ކުންފުނިތަކަށް މައިކްރޮސޮފްޓުން ޚިދުމަތްދޭނެ އެވެ. އަދި ސޮފްޓްވެއާ ލައިސަންސް ވެސް އާކޮށްދޭނެ އެވެ.
ރަޝިއާގެ ބައެއް ކުންފުނިތަކުން ބުނާ ގޮތުން މައިކްރޮސޮފްޓްގެ ދައުވަތު އެ ކުންފުނިތަކަށް ވަނީ ލިބިފަ އެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މައިކްރޮސޮފްޓާ އެކު ދެމިތިބުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށް ވެސް އެ ކުންފުނިތަކުން ބުނެ އެވެ.
މައިކްރޮސޮފްޓްގެ އޮފިޝަލަކާ ހަވާލާދީފައި ހުރި ޚަބަރުތައް ބުނާ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކުގައި ތާށިވެފައި ނުވާ ކުންފުނިތަކާ އެކު ސޮފްޓްވެއާ ލައިސަންސް އާކުރާނެ އެވެ. އަދި މައިކްރޮސޮފްޓްގެ ޚިދުމަތްތަކަށް ބޭނުންޖެހޭ އާ ކުންފުނިތަކާ އެކު ސޮފްޓްވެއާ އެގްރީމަންޓްތައް ހަދާނެ އެވެ.