ޗައިނާގެ ރައީސް ޝީ ޖިންޕިންގް މައިކްރޮސޮފްޓްގެ ވެރިޔާ ބިލް ގޭޓްސްއާ ބައްދަލު ކުރައްވައިފި އެވެ.
ބައްދަލުކުރެއްވުން އޮތީ ޗައިނާ ސަރުކާރުން ޚާއްސަ ގަދަރެއްދޭ މެހެމާނުންނާ ދައުލަތުގެ ވެރިން ބައްދަލުކުރައްވާ ޑިއާއޯޔޫޓައި ގެސްޓް ހައުސްއެއްގަ އެވެ.
ބިލް ގޭޓްސް އަކީ އަބަދުވެސް ގާތްކަމެއް އޮންނަ ބޭފުޅެއް ކަމަށް ވިދާޅުވެ ޝީ ވިދާޅުވީ މައިކްރޮސޮފްޓާ އެކު ގުޅުން ބަދަހިވާން ވާނީ ޗައިނާ އަށާއި އެމެރިކާ އަށް ވެސް ފައިދާވާ ގޮތަށް ކަމަށެވެ.
ޝީ ޖިންޕިންގް ވިދާޅުވި ގޮތުގައި އޭނާ މި އަހަރު އެންމެ ފުރަތަމަ ބައްދަލު ކުރެއްވި ބޭރު ގައުމެއްގެ ވިޔަފާރިވެެރި އަކީ ގޭޓްސް އެވެ. އަދި 2019 އަށް ފަހު ގޭޓްސްއާ ބައްދަލު ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގަތުމަކީ އުފާކުރައްވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޝީ ވިދާޅުވި ގޮތުގައި އެމެރިކާ އާއި ޗައިނާގެ ގުޅުން ބަދަހިވާން ޖެހެ އެވެ. އެކަމަށް އޮތް އެންމެ އަސާސީ މަރުހަލާ އަކީ -- ޝީ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ފަރުދުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ.
ޗައިނާގެ އާންމު ރައްޔިތުންނާ ނުލައި ޗައިނާ ނުވާ ކަމަށް ޝީ ވިދާޅުވި އެވެ. އަދި އެމެރިކާ އަކީ ވެސް ހިތްވަރުގަދަ އާންމުގެ ބަޔަކު ނަގަހައްޓާ ގައުމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
ބިލް ގޭޓްސް ވިދާޅުވި ގޮތުގައި ޗައިނާއަށް ވަޑައިގެން ޝީ ޖިންޕިންގްއާ ބައްދަލުކުރަން ފުރުސަތު ފަހިވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެކެވެ. އަދި ޝީއާ އެކު ކުރެވޭ މަޝްވަރާތައް އަބަދުވެސް ކާމިޔާބު ކަމަށް ގޭޓްސް ވިދާޅުވި އެވެ.
ޝީ އަކީ މަޝްވަރާކޮށް ބަހުސްކޮށްލަން ވަރަށް ކަމުދާ ބޭފުޅެއް ކަމަށް ވެސް ގޭޓްސް ވިދާޅުވި އެވެ.
ގޭޓްސް އޭނާގެ ބްލޮގްގައި ވިދާޅުވެފައިވާ ގޮތުގައި ޝީއާ އެކު ވަރަށް ގިނަ މައުލޫތަކަށް މަޝްވަރާކުރެވުނެވެ. އޭގެ ތެރޭގައި ދުނިޔޭގެ ސިއްހީ ހާލަތާއި ޒަމާނަށް ފެތެމުން އަންނަ ޓެކްނޮލޮޖީ ހިމެނެ އެވެ.
އެމެރިކާގައި އުފައްދާ ޓެކްނޮލޮޖީ ޗައިނާއަށް އެތެރެކުރުމާއި އެމެރިކާގެ އާޓިފިޝަލް އިންޓެލިޖެންސް ޗައިނާއަށް ތައާރުފުކުރުމަކީ ވެސް ދެބޭފުޅުން ބަދަލުކުރެއްވި ޚިޔާލެއް ކަމަށް ވެސް ގޭޓްސް ވިދާޅުވި އެވެ.