މާވެލްގެ އެވެންޖާސް އެއްވާއިރު، ފެމިލީ ރީޔުނިއަންއެއްހެން ހީވާކަމަށް ޑޮން ޗީޑިލް ބުނެފި އެވެ.
ޑޮން ޗީޑްލް އަންނަނީ 2010 ވަނަ އަހަރުން ފެށިގެން މާވެލް ސިނަމެޓިކް ޔުނިވާސްގައި ކާނަލް ޖޭމްސް "ރޯޑީ" ރޯޑްސް ނޫނީ "ވޯ މެޝީން"ގެ ރޯލް ކުޅެމުންނެވެ. މި ރޯލުގައި ޑޮން އެންމެ ފުރަތަމަ ފެނުނީ "އަޔަން މޭން 2" ގައެވެ. މި ރޯލް "އަޔަން މޭން"ގެ ފުރަތަމަ ފިލްމްގައި ކުޅުނީ ޓެރަންސް ހަވޯޑްއެވެ.
ޑޮން ބުނީ އެކަކު އަނެކަކާ ދިމާނުވެ އަހަރުތަކެއް ދިޔަ ނަމަވެސް ކުއްލިއަކަށް އެންމެން ދިމާވާން ފުރުސަތެއް ލިބިދާނެ ކަމަށެވެ. އެއީ އާ އެވެންޖާސް ފިލްމަކުން ނޫނީ ކޮންމެވެސް މީހަކަށް ދަރިއެއް ލިބުމުން، ކޮންމެވެސް މީހަކު ކައިވެނި ކުރުމުން ނޫނީ ވަރިވުމުން، އެންމެންގެވެސް ހާލަތު ބަދަލުވަމުންދާ ކަމަށާއި އެއީ ދިމާވާނެ ފުރުސަތެއް ކަން ޑޮން ބުންޏެވެ. އަދި ވޭތުވެ ދިޔަ ބާރަ އަހަރު ބޮޑުވަމުން އައީ މި ކާސްޓާއެކު އަދި ވަރަށް މަޖާކުރަމުން ކަމަށްވެސް ޑޮން ބުންޏެވެ.
ޑޮން "އާމާ ވޯޒް" ކުޅޭއިރު ބައެއް އެވެންޖާސްއާ އެއްކޮށް މަސައްކަތްކުރަން ފުރުސަތު ލިބޭނެ އެވެ. މި ފިލްމަކީ މާވެލް ސިނަމެޓިކް ޔުނިވާސްގެ ތެރެއިން ޑޮންގެ ރޯޑީ ކެރެކްޓާއަށް ބިނާކުރާ ފިލްމެކެވެ. މި ފިލްމްގެ ޝޫޓިން އަންނަ އަހަރު ފަށާނެ ކަމަށް ލަފާކުރެވެ އެވެ.
ޑޮން އިތުރަށް ބުނީ އޭނާ ހުއްޓުމެއް ނެތި މަސައްކަތްކުރާތާ 30 އަހަރު ވެއްޖެ ކަމަށާއި އަންނަ އަހަރު އޭނާ މަސައްކަތްކުރާ ޝެޑިއުލް މަދުކޮށްލާ، ހަޔާތް ދިރިއުޅުން ބެލެންސް ކުރާނެ ކަމަށެވެ.
ޑޮން އެންމެ ފަހުން ފެނިފައިވަނީ ނޮވެމްބަރުގައި ރިލީޒްކުރި ޑާކް ކޮމެޑީ "ވައިޓް ނޮއިޒް" އިންނެވެ.
މި ފިލްމް މިދިޔަ ބްރާސްފަތި ދުވަހު ނެޓްފްލިކްސް ގައި ވަނީ ދައްކަން ފަށާފަ އެވެ.