އެސްޓީއޯ

އެސްޓީއޯ މެޑިކަލް: ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުމުގެ އެންމެ މުހިންމު ބައިވެރިޔާ!

Dec 23, 2022

ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްޓީއޯ އަކީ ދިވެހިންގެ ދިރިއުޅުމާ ވަކި ކޮށްލެވޭނެ ކުންފުންޏެއް ނޫނެވެ. ކާޑުގެ ބާވަތްތަކުން ފެށިގެން ގޮސް, ތެލާއި, ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނުތައް އެސްޓީއޯ އިން ގެނެސް, މެދު ކެނޑުމެއް ނެތި ހެޔޮ އަގުތަކުގައި ރައްޔިތުންނަށް ފޯރުކޮށްދެ އެވެ.

އެގޮތުން ރާއްޖޭގެ ސިއްހީ ދާއިރާގެ އެންމެ މުހިންމު ރޯލެއް އަދާ ކުރާ ކުންފުންޏަކަށް ވެފައި ވަނީ ވެސް އެސްޓީއޯ އެވެ; ރާއްޖެ އަށް ބޭސް އެތެރެކޮށް, ކޮލެޓީ ބޭސްތައް ހެޔޮ އަގެއްގައި ފޯރުކޮށްދޭން އެސްޓީއޯ މެޑިކަލްސް އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން 1983 ގައި ވަރަށް އާދައިގެ ގޮތަކަށް, އައިޖީއެމްއެޗުގެ ތެރޭގައި ބޭސް ފިހާރައެއް ހުޅުވައިގެން ރައްޔިތުންނަށް ހެޔޮ އަގުގައި ބޭސް ވިއްކަން ފެށި އެސްޓީއޯ މެޑިކަލް ސާވިސް އަކީ މިއަދު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭސްފިހާރައެއް ހިންގަމުން އަންނަ, ބޭސް ވެރިކަމުގައި ދިވެހިންނާ އެންމެ ގާތް ބައިވެރިޔާ އެވެ.

ބޭސް ވިއްކުމުގެ އިތުރުން އެސްޓީއޯ މެޑިކަލް އިން އަންނަނީ ހޮސްޕިޓަލްތަކަށް ބޭނުންވާ ކޮންޒިއުމަބަލް ފޯރުކޮށްދިނުމުގެ މުހިންމު ޒިންމާ ވެސް ނަގަމުންނެވެ. އަދި ދުނިޔޭގެ ނަން މަޝްހޫރު ކުންފުނިތަކާއި ގުޅިގެން, ރާއްޖޭގެ ސިއްހީ ދާއިރާ ކުރި އެރުވައި, އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެ އަށް ތައާރަފްކުރުމަށް އެސްޓީއޯ މެޑިކަލްސް އިން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އެސްޓީއޯ މެޑިކަލް އިތުރަށް ފުޅާ ކުރުމަށް, 2014 ވަނަ އަހަރު ބަޔޯ މެޑިކަލް އިންޖިނިއަރިން ތައާރަފްކޮށް, ހޮސްޕިޓަލްތަކުގެ އިކުއިޕްމަންޓްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެގޮތުން ފަސޭހަ އިން ބަލިތައް ދެނެގަނެވޭނެ, އެންމެ ފަހުގެ ވަސީލަތްތައް ހޮސްޕިޓަލްތަކުގައި ގާއިމް ކުރުމަށް އެސްޓީއޯ މެޑިކަލް އިން ކުރަމުން އަންނަ މަސައްކަތްތަކާއި އެކު, އެ ކަމަށް އާންމުންނާއި ހޮސްޕިޓަލްތަކުން ކުރަންޖެހޭ ހަރަދުތައް ވެސް އެތައް ގުނައެއް ކުޑަ ކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އޭގެ އިތުރުން އެސްޓީއޯ ބަޔޯމެޑިކަލް ޓީމަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އާފްޓާސޭލް ސާވިސް ޓީމް ކަމަށާއި, އެ ޓީމުން ވަނީ މަޝްހޫރު ފިލިޕްސް ހެލްތުކެއާގެ ރާއްޖޭގެ އާފްޓާސޭލް ސާވިސް ޕްރޮވައިޑަރުކަން ނަގާފައި ކަމަށް އެސްޓީއޯ އިން ބުނެ އެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހިންގާ ނޭޝަނަލް ހެލްތު ލެބޯޓަރީ އަށް ވެސް އާފްޓާސޭލް ސާވިސް މިހާރު ދެނީ އެސްޓީއޯ މެޑިކަލް އިންނެވެ.

ދިވެހިންނަށް ހެޔޮ އަގެއްގައި, މެދުކެނޑުމެއް ނެތި ކޮލެޓީ ބޭހާއި ސިއްހީ ފަރުވާ އަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ އަމާޒުގައި ފަށާފައިވާ އެސްޓީއޯ މެޑިކަލް އިން ހިންގާފައިވާ ބޮޑެތި ޕްރޮޖެކްޓްތަކުގެ ތެރޭގައި 2010 ގައި އައިޖީއެމްއެޗްގެ ހިދުމަތްތައް ފުޅާކުރުމަށް ހިންގި މަސައްކަތްތަކުގެ އިތުރުން, 2014 ގައި ހެލްތު މިނިސްޓްރީ އާއި އެކު ސޮއި ކުރި ސަރުކާރު ހުރިހާ ހޮސްޕިޓަލްތަކަށް ކޮންޒިއުމަބަލްސް ސަޕްލައި ކުރުމުގެ ކޮންޓްރެކްޓް ފާހަގަ ކުރެވެ އެވެ.

ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށެއްގައި – 187 ރަށުގައި އެސްޓީއޯ އިން ބޭސްފިހާރަ ހުޅުވީ 2016ގަ އެވެ. އަދި 2019 ގައި އެސްޓީއޯ މެޑިކަލް އިން ވަނީ ހެލްތު މިނިސްޓްރީ އާއި ގުޅިގެން ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ލެވަލަށް ގެންދިއުމުގެ މަސައްކަތް ފަށައިފަ އެވެ.

އެސްޓީއޯ މެޑިކަލް އިން ބުނާ ގޮތުގައި ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ކުރި އެރުވޭނީ, މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ކަމާއި ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތައް ހަދާއިރު އެކަށީގެންވާ ރިސޯސްތަކާއި އެކު މި ދާއިރާ އަށް އަންނަމުންދާ ކުރިއެރުންތަކާއި އެއްވަރަށް އެ ތަންތަން އޮޕަރޭޓް ކުރެވި އެ ކަންކަމަށް ފަހި ގާނޫނުތަކާއި ގަވާއިދުތައް ހެދިގެންނެވެ.

އެގޮތުން ހެލްތް ސެކްޓާގެ ޓެކްނޮލޮޖީ ބާރަށް ކުރިއަރަމުން އަންނަ އިރު, އެ ކުރިއެރުމާއި އެއް ހަމައެއްގައި ކަމާގުޅޭ އިދާރާތައް ހިންގުމަށް ދަތިތައް ކުރިމަތި ވުމަކީ, ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރަން އޮތް ގޮންޖެހުމެއް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓީއޯ މެޑިކަލް އޮތީ ދިވެހި ސިއްހީ ދާއިރާ އަނެއްކާ ވެސް އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށް ތައްޔާރަށެވެ. ކަމާގުޅޭ އިދާރާތަކުން, ބަދަލުވަމުން އަންނަ ޓެކްނޮލިޖީ ތަކާއި އެއް ހަމެއްގައި ފާތިލަ ސާބިތު ކޮށްލާށެވެ; އޭރަށް ދިވެހިން ގައުމުގައި ތިބެގެން އެންމެ ފަހުގެ ސިއްހީ ހިދުމަތްތައް ހޯދާލެވޭނެ އެވެ.