އެޑްވަޓޯރިއަލް

އެސްޓީއޯއަށް 56 އަހަރު: ކާމިޔާބީ އާއި ޝިޕިން ވިޔަފާރި

Dec 20, 2020
1

ނަވާރަ ސަތޭކައިގެ އަހަރު ތަކެވެ. ރާއްޖޭގެ އޭރުގެ ހާލަތު އޮތް ގޮތް އެނގޭ މީހުން މިހާރު އެހާ ގިނަ ނުވެދާނެ އެވެ. ގައުމުގެ އާބާދީއަކީ ގާތްގަނޑަކަށް ލައްކަ އެކެވެ. ދިވެހިން އޭރުގެ ކެއިން ބުއިމުގެ މައިގަނޑު ބަހާއަކީ ރާއްޖޭގައި ހައްދާ ބާވަތްތަކެވެ. އޭރު ރާއްޖެ އޮތީ ކާނާގެ ޔަގީންކަަމަށް ބޭނުންވާ ހާލަތެއްގަ އެވެ. އެހެންވެ ސަރުކާރުން 1964 ވަނަ އަހަރު އަތިރީގޭ ޓްރޭޑިން އެޖެންސީ ( އޭޓީއޭ) ގެ ނަމުގައި ކުންފުުންޏެއް އުފެއްދި އެވެ. މަގުސަދަކީ ރާއްޖެ އަށް ބޭނުންވާ ކާޑު އެތެރެ ކުރުމެވެ. އެ މަގުސަދުގައި އުފެއްދި ކުންފުނި ފަހުން ބަދަލުވީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށެވެ. މިއީ އެސްޓީއޯގެ ފެށުމެވެ. އެ ފެށުމަށް މިއަދަށް 56 އަހަރު ފުރުނުއިރު އެ ކުންފުނި މިވަނީ އަނެއްކާ ވެސް އެހެން ހަރުފަ ތަކަށް ދާން ދަތުރު ފަށާފަ އެވެ.- އެއީ ޝިޕިންގެ ވިޔަފާރި އެވެ.

އެސްޓީއޯ އިން މިއަދު 56 އަހަރު ފުރިގެން އެކަން ފާހަގަ ކުރާއިރު، އެ ކުންފުނިން ގައުމަށް ކޮށްދިން ހިދުމަތް ކޮޅުން ނުލަ އެވެ. ރާއްޖެ އެކި ހާލަތްތަކުގައި ބޭނުންވި ކޮންމެ ވަގުތެއްގައި "އެންމެންގެ އެސްޓީއޯ" ގެ ގޮތުގައި ހިދުމަތަށް ނުކުތެވެ. ހާއްސަކޮށް މިހާރުގެ މެނޭޖުމަންޓުން އިސް ނަގައިގެން އެސްޓީއޯގެ ވިޔަފާރި އަށް ގެންނަމުންދާ ބަދަލުތަކާއެކު އެ ކުންފުނިން ގައުމުގެ އިގްތިސޯދުގައި ބައިވެރިވާ ބައިވެރިވުން ވަނީ މަތިކޮށްފަ އެވެ. އެކަން އެންމެ ބޮޑަށް ފެނިގެން ދަނީ ކޮވިޑް-19 ގެ ބަލާއާފާތް ދުނިޔެ އަށް ކުރިމަތިވީ ހިސާބުންނެވެ. މި ބަލީގެ ސަބަބުން ދުނިޔޭގެ ވިޔަފާރި ހުއްޓި، ދުނިޔެ ބޮޑެތި ޝިޕިން ލައިންތައް އެކި ގައުމުތަކުގައި ތާށިވި ވަގުތު، އެސްޓީއޯ އިން ވަނީ ރާއްޖެ ކާޑަށް ޖެހުނު ނުދިނުމަށްޓަކައި ފިޔަވަޅު ތަކެއް އަޅާފަ އެވެ. އެ ކުންފުނިން ރާއްޖެ އަށް ބޭނުންވާ ވަރަށް ކާޑު ގެނެސް ޖަމާ ކުރި އެވެ.

ކާޑަށް ޖެހުނު ނުދީ ހިފެހެއްޓި ކާޑު އެޖެންޓުން

ކޮވިޑް-19 ގެ ބަލި ރާއްޖޭގެ ހަފޮޅުން އެތެރެވީ ވަގުތަކީ ކާޑުގެ ޑިމާންޑް އެންމެ މަތިވާ ރޯދަ މަސް ކުރިމަތިވި ވަގުތެވެ. އެހެންވެ ކާޑަށް އޮތް ޑިމާންޑް އޮތީ އިންތިހާ އަށެވެ. އަދި މިކަން އިތުރަށް ގޯސްވެދާނެ ކަމުގެ ބިރުވެރިކަން ވެރިވީ ބަލީގެ ސަބަބުން މީހުން ގަނެފައި ތިބި ބިރާއެކު އުފެދުނު "ޕެނިކް މޯޑް" އެވެ. މީގެ ސަބަބުން ކާޑު ގަނެ ރައްކާ ކުރުމުގެ އޮއެވަރެއް އުފެދިގެން ދިޔަ އެވެ. ނަމަވެސް އެސްޓީއޯ އިން މި ވަގުތު ރާއްޖެ އަށް 699،924 އެއްހާ ބަސްތާގެ ކާޑު އެތެރެކޮށް ޕެނިކް މޯޑު ފިލުވައިދިނެވެ.

އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރުގެ އިރުޝާދުގެ ދަށުން ރަށްރަށުގައި ކާޑު އެޖެންޓުން ލައި، އެޖެންޓުންނަށް ކާޑު ދޭން ފެށުމާއެކު ކާޑަށް އޮތް ޕެނިކް ގެއްލުމެވެ. އަދި މި ވަގުތު އެ ކުންފުންޏަށް ކާޑު މެނޭޖު ކުރަން އެންމެ ބޮޑު ފަސޭހައެއް ލިބިގެން ދިޔައީ، އެސްޓީއޯގެ 99 ޕަސެންޓު ހިއްސާ އޮވެގެން އުފެއްދި، މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) އޮތުމުންނެވެ. ގައުމީ ޝިޕިން ކުންފުނިން ކުއްޔަށް ނަގާފައިވާ އަމިއްލަ ބޯޓެއް އޮތުމުން އިތުރު ބައެއްގެ މޫނަށް ނުބަލައި ދިވެހިން ބޭނުންވާ އެއްޗިހި ގެންނަން ހިތް ވަރަށްވި އެވެ.

އެމްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވި ގޮތުގައި މި ކުންފުނި ވުޖޫދު ކުރެވުނީ ވިޔަފާރީގެ ގޮތުން މާކަބޮޑު ފައިދާއެއް އޮތް ވަގުތެއްގައި ނޫން ނަމަވެސް، ގައުމެއްގެ ވިސްނުމުން ބަލާއިރު ރައްޔިތުންނަށް ހިދުމަތް ކުރަން ފުރުސަތު ލިބުނު ކަމަށެވެ. މިއީ އޭނާ ސިފަ ކުރައްވަނީ ކާމިޔާބީއެއްގެ ގޮތުގަ އެވެ. "ބޭހާއި މެޑިކަލް ކޮންސިމަބަލްސް އަމިއްލަ އަށް ގެންނަން ފުރުސަތު ލިބުނީ މި ވިޔަފާރި ފެށީމަ،" ސައީދު ވިދާޅުވެފައިވެ އެވެ.

ފަސް ހޮސްޕިޓަލް ތައްޔާރު ކުރުމުގައި އެސްޓީއޯ

މި ވަރުން ނިމުނީއެއް ނޫނެވެ. ވެރިރަށް މާލެ އަށް މީހުން އައުން މަނާ ކުރުމުން ރާއްޖޭގެ އެކި ހިސާބުތަކުގައި ސިއްހީ ހިދުމަތް ވަރުގަދަ ކުރަން މަޖުބޫރުވި އެވެ. ރީޖަނަލް ހޮސްޕިޓަލްތައް ރަނގަޅު ކުރަން ޖެހުމެވެ. މި ހާލަތަށް އައިރު އެސްޓީއޯ އިން ވަނީ ރާއްޖޭގެ ފަސް ސަރަހައްދުގެ ހޮސްޕިޓަލް ތަކަށް ބޭނުން ވާނެ މެޑިކަލް ސާމާނު ސަޕްލައިކޮށް ދީފަ އެވެ. އޭރު ދިޔައީ ސާމާނު އިންސްޓޯލް ވެސް ކުރަމުންނެވެ. މިކަން ވެސްވީ ރައްޔިތުންނަށް ލިބިގެން ދިޔަ ލުޔަކަށެވެ. އެ ކުންފުނިން މި މަސައްކަތްކޮށް ބޮޑުބައި ނިންމާފައިވުމުން ސަރުކާރަށް ގިނަ ހިދުމަތް ތަކެއް ރީޖަނަލް ހޮސްޕިޓަލްތަކުގައި ފަށަން ފަސޭހަވި އެވެ. އެހެންވެ ކޮންމެހެން މާލެ ނައިސް ރާއްޖޭގެ އެކި އަތޮޅު ތަކުން ސީދާ ރީޖަނަލް ހޮސްޕިޓަކަށް ބޭސް ފަރުވާ އަށް ދާން ފުރުސަތު ލިބުނެވެ.

އަމިއްލަ ފަރާތްތަކަށް ވިޔަފާރިތައް ދޫކޮށްލުން!

އެސްޓީއޯއަކީ ރާއްޖޭގެ އެންމެ ފުޅާ ވިޔަފާރި ކުންފުންޏެވެ. އެ ކުންފުނިން ކޮންޓްރަކްޝަން ވިޔަފާރީގެ އިތުރުން ގަނެ ވިއްކުމުގެ ވިޔަފާރީގައި ވެސް އުޅެ އެވެ. ނަމަވެސް އާ މެނޭޖުމަންޓުން ވަނީ އެސްޓީއޯ އިން ކުރި "އަމިއްލަ މީހުންގެ" ގިނަ ވިޔަފާރި ތަކެއް ދޫކޮށްލާފަ އެވެ. ސަރުކާރުން ވިޔަފާރި ނުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިން އެސްޓީއޯ އިލެކްޓްރޯނިކްސް އިން ވިއްކި ފޯނާއި ހެޑްސެޓް އަދި މި ނޫން ވެސް ގިނަ އެއްޗިހި ވިއްކުން ވަނީ މުޅިން ހުއްޓާލާފަ އެވެ. އަދި އެސްޓީއޯ ސުޕަ މާކެޓު މުދާ ހަރުތައް ވެސް މިހާރު "ދީފައިވަނީ" އަމިއްލަ ފަރާތް ތަކަށެވެ.

މިހާރު ހަރު ތަކުން ގިނައިން ފެންނަނީ އަމިއްލަ ފަރާތްތަކުގެ މުދަލެވެ. ދިވެހިން އުފައްދާ ދިވެހި އުފެއްދުންތަކެވެ. އެ ކަމަށް ހާއްސަ ހަރެއް ހަދާފައިވެ އެވެ. ނަމަވެސް މި ބަދަލު ގެނައި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ވަގުތު މުދާ އަގު ބޮޑުވިޔަ ނުދިނުމަށްޓަކައި އެސްޓީއޯއިން މަސައްކަތް ކުރެ އެވެ. ފިޔާ އަގު ބޮޑު ވެއްޖެނަމަ ފިޔާ ގެނެސް ރައްޔިތުންނަށް ފޯރުކޮށް ދެ އެވެ. މި ހިދުމަތް ރައްޔިތުންނާ ހަމަ އަށް ފޯރުކޮށްދޭން އެންމެ ބޮޑު ހިތް ވަރަކަށް ވެގެން ގޮސްފައިވަނީ މިހާރު އަލަށް އުފެއްދި ޝިޕިން ކުންފުންޏެވެ. އެ ކުންފުނިން މިހާރު ވަނީ ރާއްޖޭގެ އާބާދީ ބޮޑު އައްޑު އަތޮޅަށް ވެސް މުދާ ގެނެސްދޭން ފަށާފަ އެވެ. އަދި ދާދިފަހުން އެ ކުންފުންޏަށް އިންޓަނޭޝަނަލް ސެޓްފިކެޓެއް ލިބުމަކީ 56 އަހަރުވީ އެސްޓީއޯގެ ވިޔަފާރި އަށް ވެސް ލިބުނު ކާމިޔާބީ އެކެވެ. ކުންފުންޏަށް ލިބުނު ކުރިއެރުމެކެވެ.