އެމްއެސްއެސް

ގައުމީ ޝިޕިން ކުންފުނި އިފުތިތާހުކޮށް، ވިޔަފާރި ފަށައިފި

އެސްޓީއޯގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) އިފުތިތާހުކޮށް، ޗާޓަރު ކުރި ފުރަތަމަ ބޯޓާއެކު ވިޔަފާރި ފަށައިފި އެވެ.

އެސްޓީއޯގެ 99 ޕަސެންޓް ހިއްސާ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްސެސްއެެމް) ގެ އެއް ޕަސެންޓް ހިއްސާ އޮންނަ އެމްއެސްއެސް މިއަދު އިފުތިތާހުކޮށް ދެއްވީ އެސްޓީއޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ އަދި އެމްޑީ ޝާހިދު އަލީގެ އިތުރުން އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު (ކެޕްޓަން އަބްދުﷲ) އެވެ.

އެމްއެސްއެސްގެ އިފުތިތާހު ކުރުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވީ މިއަދަކީ ރާއްޖެއަށް ތާރީހީ ދުވަހެއް ކަމަށާ، ގައުމީ ޝިޕިން ކުންފުނީގެ ސަބަބުން މުދަލުގެ އަގު ހެޔޮވެ، ވަޒީފާގެ ފުރުސަތު ތަކެއް ވެސް ތަނަވަސް ވެގެންދާނެ އެވެ.

"ރާއްޖޭގެ ޝިޕިން ލައިނެއް މީގެ ކުރިން ވެސް އޮތް. ރާއްޖޭގެ ޝިޕިން ލައިން ނެތި ދިއުމުގައި އެކި ބޭފުޅުން އެކި ގޮތަށް ވާހަކަ ދެއްކި. ސަބަބަކީ ކޮބައި ތޯ؟ ގިނަ ބޭފުޅުން ވިދާޅުވޭ ރާއްޖޭގެ ޝިޕިން ލައިން އައިއިރު ދުނިޔެއަށް އައި ޝިޕިންގެ އިންގިލާބު ތަކަށް ރާއްޖެ އިން ފައިހަމަ ނުކޮއްލެވުމޭ ޝިޕިން ލައިން ނެތި ދިއުމުގެ އެއް ސަބަބަކީ. އެހެންކަމުން މި ކަމުން އިބުރަތް ހާސިލްކޮށް ސްޓްރެޓެޖިކް ވިސްނުމެއް ތަކެއް ގެންގުޅެން ޖެހޭ،" އަމްރު ވިދާޅުވި އެވެ.

އެމްއެސްއެސް އިން ފުރަތަމަ ރާއްޖެއަށް ފަށާފައި ވަނީ "ޗާޓަރު ލައިން" ގެ ހިދުމަތެވެ. މި ހިދުމަތަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުންނަ ކޮންޓެރިނާއެއް ވެސް ވިޔަފާރިވެރިޔާ އޯޑަރު ދިނުމުން ދުނިޔޭގެ ބޮޑެތި ލައިނާތައް މެދުވެރިކޮށް ރާއްޖެ ގެނެސް ދިނުމުގެ ހިދުމަތެވެ. ފުރަތަމަ ބޯޓުން ރާއްޖެ ގެނެސްފައި ވަނީ ފިޔާ، އަލުވި އަދި ބިހާއި ބޭހުގެ ސާމާނެވެ.

ވަރަށް އަވަހަށް އަމިއްލަ ބޯޓު ގެންނާނެ

މި ރަސްމިއްޔާތަށްފަހު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އަމްރު ވިދާޅުވީ ވަރަށް އަވަހަށް އެ ކުންފުނީގެ އަމިއްލަ ބޯޓު ވެސް ރާއްޖެ އަންނާނެ ކަމަށެވެ.

"ފުރަތަމަ މި ފަށަނީ ރާއްޖެ-ލަންކާ އާ ދެމެދު. ފުރަތަމަ މި ގެންނަނީ 700 ކޮންޓެއިނަރުގެ ބޯޓު ފަހަރު. އެކަމަކު އަޅުގަނޑުމެންގެ ވިސްނުން ހުރީ ހަމައެކަނި މި ގޮތަށް ރާއްޖެ-ލަންކާ އަށް ދަތުރު ކުރުމެއް ނޫން. ދުނިޔޭގެ ކޮންމެ ހިސާބަކުން ވެސް ކޮންޓެއިނާ ގެނެސް ދިނުމަށް،" އަމްރު ވިދާޅުވި އެވެ.

ފުރަތަމަ މި ފަށަނީ ރާއްޖެ-ލަންކާ އާ ދެމެދު. ފުރަތަމަ މި ގެންނަނީ 700 ކޮންޓެއިނަރުގެ ބޯޓު ފަހަރު. އެކަމަކު އަޅުގަނޑުމެންގެ ވިސްނުން ހުރީ ހަމައެކަނި މި ގޮތަށް ރާއްޖެ-ލަންކާ އަށް ދަތުރު ކުރުމެއް ނޫން. ދުނިޔޭގެ ކޮންމެ ހިސާބަކުން ވެސް ކޮންޓެއިނާ ގެނެސް ދިނުމަށް
ހުސެއިން އަމްރު | އެސްޓިއޯ އެމްޑީ

އޭނާ ވިދާޅުވީ މި ހިދުމަތާއެކު މިހާރު މުދާ އުފުލަން ބޭރުގެ ކުންފުނި ތަކުން އެކި ނަންނަމުގައި ނަގާ ފީތައް ނެގުން ހުއްޓިގެން ދާނެ ކަމަށެވެ.

"ފީތައް ނެގުން ހުއްޓުމުން އަގު ވެސް ދަށްވާނެ މުދާ ގެންނަ ވަރުގެ. އަޅުގަނޑުމެން މި ހިދުމަތް ފަށަން ދިވެހި ވިޔަފާރިވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް އެ ބަލިބޭ،" އަމްރު ވިދާޅުވި އެވެ.

ދިވެހިންނަށް ވަޒީފާތަކެއް އުފެދިގެންދާނެ

އެމްއެސްއެސް އެމްޑީ އަދި ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ކެބިނެޓް ސެކްޓަރީގެ މަގާމު އަދާކުރެއްވި ކެޕްޓަން އަބްދުﷲ ވިދާޅުވީ މިއީ މުޅިންއާ ފެށުމެއް ކަމަށައި މިއީ ދިވެހިންނަށް މުޅިން އާ ސިނާއަތެއްގައި މަސައްކަތް ކުރަން ފުރުސަތު ހުޅުވާލުން ކަމަށެވެ.

"މީގެ ސަބަބުން ރައްޔިތުންނަށް ބޭނުން ވާނެ ތަކެތި ދަތި ކަމެއް ނެތި އެތެރެ ކުރަން ފުރުސަތު ލިބޭނެ. ދެން މުދާ އެތެރެ ކުރަން ބޭރު ބަޔަކަށް ބަރޯސާ ވާކަށް ނުޖެހޭނެ،" އަބްދުﷲ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެމްޕީއެލްގެ އެމްޑީ ޝާހިދު ވިދާޅުވީ އެ ކުންފުނިން ގައުމީ ޝިޕިން ކުންފުންޏަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އެ ކުންފުނިން ދޭނެ ކަމަށެވެ.

ގައުމީ ޝިޕިން ކުންފުންޏެއް އުފެއްދުމަކީ 2020 ގެ ތަސައްވުރުގައި ވެސް ހިމަނާފައި އޮތް ކަމެކެވެ. ރާއްޖެއަކީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރު ވަރުގަދަ ޝިޕިން ކުންފުންޏެއް އޮތް ގައުމެވެ. މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) ގެ ނަމުގައި އެންމެ ފަހުން ހިންގި މި ކުންފުނި އުވާލިތާ އަދި ވީ 10 އަހަރެވެ.