ޗައިނާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ސިނަމާލޭ ބްރިޖުގައި ދުވުމެއް ބާއްވައިފި އެވެ.
މިއަދު ހެނދުނު އޮތް މި ދުވުމުގައި 300 އަށް ވުރެ ގިނަ ބައިވެރިން ދުވި އެވެ.
ޗައިނާގެ އެހީގައި ރާއްޖޭގައި އަޅާފައިވާ ސިނަމާލެ ބްރިޖްގައި އޮތް މި ދުވުމުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ސަރުކާރުގެ އިސްވެރިންނާއި މާލެ ސިޓީ ކައުންސިލްގެ މެމްބަރުންގެ އިތުރުން މަޖިލިސް މެމްބަރުންނާއި ޔުނިވާސިޓީތަކުގެ ދަރިވަރުންނާއި ރާއްޖޭގައި އުޅޭ ޗައިނާ މީހުންވެސް ބައިވެރިވެފައިވެ އެވެ.
މިހަރަކާތަށްފަހު ޗައިނާގެ އެމްބެސެޑަރު ވަންގް ލިޝިން ވިދާޅުވީ ރާއްޖެ އާއި ޗައިނާގެ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން އިތުރު ގިނަ ހަރަކާތްތަކެއް ރާވާފައިވާއިރު މި ދުވުމަކީ އެ ހަރަކާތްތަކުގެ ބައެއް ކަމަށެވެ.
ޗައިނާ އާއި ރާއްޖޭގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރަން މިދިޔަ އޮކްޓޫބަރު މަހުގެ 22 ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ.