ފެނަކަ ކޯޕަރޭޝަނުން ސްމާޓް މީޓަރުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
ގއ. މާމެންދޫގައި އިމާރާތް ކުރި އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މިހިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ.
ސްމާޓް މީޓަރަކީ ކަރަންޓް ބޭނުން ކުރަމުންދާ ގޮތުގެ ތަފްސީލް ވަގުތުން ވަގުތަށް ބަލާލެވި، ކަރަންޓް މިންކުރެވޭ ޓެކްނޮލޮޖީ އެކެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ ސްމާޓް މީޓަރާ ގުޅޭ އިތުރު ތަފްސީލްތައް އެޕްލިކޭޝަނެއް މެދުވެރިކޮށް ބަލާލެވޭނެ ކަމަށެވެ.
ސްމާޓް މީޓަރުގެ ސަބަބުން ބޭނުންކުރާ މިންވަރު ކޮންޓްރޯލް ކުރަން ފަސޭހަވެ ކަރަންޓް އިސްރާފު ކުރުން މަދު ކުރެވޭނެ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ބުނެ އެވެ.
ފެނަކަ އިން އިތުރަށް ބުނީ އަމާޒަކީ ޕްރީފެއިޑް ކަރަންޓް މީޓަރުތައް ހަރުކޮށް އެ ހިދުމަތް ވެސް ދޭން ފެށުން ކަމަށެވެ.